ފިލްމު "ތަނޫ ވެޑްސް މަނޫ" އަދި "މަންމަރްޒިޔާން" ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު އާނަންދު ރާއީގެ ފިލްމަކުން އެކްޓަރު ވިކީ ކޯޝަލްއަށް ފުރުސަތު ލިބިއްޖެއެވެ.

އެކްޓަރު ޝާހްރުކް ޚާން، އަކްޝޭ ކުމާރު އަދި އަބީޝެކް ބައްޗަން ފަދަ އެކްޓަރުންނާއެކު މަސައްކަތް ކޮށްފައިވާ އާނަންދު ރާއީއަކީ ވަރަށް ރީތި ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ޕްރޮޑިއުސަރެކެވެ.

ރިޕޯޓުތައް ބުނާގޮތުން އާނަންދުގެ ކުރިޔަށްއޮތް ފިލްމަކީ ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ.

އާނަންދުއާއި ވިކީ ކޯޝަލް މީގެކުރިން އެކީގައި މަސައްކަތް ކޮށްފައިވަނީ 2018 ވަނަ އަހަރު ރިލީޒްވި ފިލްމު "މަންމަރްޒިޔާން" ގައެވެ. އެފިލްމަށްފަހު އާނަންދުއާއި ވިކީ ކޯޝަލްއާއި ދެމެދު ވަރަށް ގާތް އެކުވެރިކަމެއް ވަނީ އުފެދިފައެވެ.

މިފިލްމުގެ ސްކްރިޕްޓްގެ އަޑުއެހުންތަކަށް ވިކީއަށް ސްކްރިޕްޓް ވަރަށްބޮޑަށް ކަމުދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިކީއާއެކު އުފައްދަން އުޅޭ ފިލްމުގައި ހިމަނާނެ އިތުރު ތަރިން ހަމަޖެހުނުހާ އަވަހަކަށް އާނަންދުގެ ޓީމުން ދެން މަސައްކަތްކުރާނީ ފިލްމުގެ ލޮކޭޝަންތައް ކަނޑައެޅުމުގެ މަސައްކަތެވެ.

ފިލްމުގައި ހިމަނާނެ ބަތަލާއެއް ހޯދުމުގެ މަސައްކަތްވެސް މިފިލްމު އުފައްދާ ޓީމުން ވަރަށް ހަލުވިކަމާއެކު ކުރިޔަށް ގެންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ އަހަރުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިންގް ފެށުމަށް ހަމަޖެހިފައިވާއިރު މިފިލްމާބެހޭ އިތުރު ތަފްސީލު މީޑިއާތަކާއި ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެކްޓަރު ވިކީ ކޯޝަލްގެ އަތުގައި މިހާރުވެސް 2 ފިލްމީ ޕްރޮޖެކްޓް އެބައޮތެވެ. އެއީ މެގްނާ ގުލްޒާރުގެ "ސޭމް ބަހާދުރް" އާއި ޑައިރެކްޓަރު އަދިތްޔާ ދާރްގެ "ދި އިމޯޓަލް އޮފް އަޝްވަތައްމާ" އެވެ.

މި 2 ފިލްމުގެ ޝެޑިއުލްއަށް ފުށު ނާރާނެގޮތަކަށް އާނަންދުގެ ފިލްމަށް ވަގުތު ދޭން ވިކީ ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ޑައިރެކްޓަރު އާނަންދުގެ މިފަހުން ރިލީޒްވެފައިވާ ފިލްމުތަކުގެ ތެރޭގައި، މިދިޔަ އަހަރު ރިލީޒްވި ފިލްމު "އަތްރަންގީ ރޭ"، އަދި މިއަހަރު ރިލީޒްކުރެވުނު ފިލްމު "ގުޑްލަކް ޖެރީ" އަދި "ރަކްޝާ ބަންދަން" ހިމެނެއެވެ.