2020 ވަނަ އަހަރު އިޢުލާނުކުރެވުނު މަޝްހޫރު ފްރެންޗައިޒް "ނާގިން" ފަސްކުރެވިފައި ނުވާކަމަށް ޕްރޮޑިއުސަރު ނިކިލް ވިވެދީ ބުނެފިއެވެ.

ބަތަލާ ޝްރަދާ ކަޕޫރު މުހިއްމު ރޯލްއިން ފެނިގެންދާ މިފްރެންޗައިޒްގެ ފިލްމުތަކުން ކުރިން ފެނިފައިވަނީ ބަތަލާ ސްރީ ދޭވީއެވެ.

މިފިލްމަށް މެދުކެނޑުމެއް އައިސްފައިވާކަމަށް މީޑިއާތަކުން ބުނެފައިވަނީ މިހާތަނަށް ފިލްމަށް މާބޮޑު ތަރައްޤީއެއް ގެނެވިފައިނުވާތީއެވެ.

މިފިލްމުގެ މަސައްކަތް މިއަހަރުގެ ހޫނު މޫސުމުގައި ފެށުމުގެ ވިސްނުން ގެންގުޅެފައިވާ ކަމަށްވެސް ފިލްމު ކުންފުންޏާއި ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް "ނާގިން" ފިލްމަކީ އެފިލްމުގައި ވަރަށް ވަރުގަދަ ވީ.އެފް.އެކްސް (ވިޝުއަލް އެފެކްޓްސް) އެކުލެވޭ ފިލްމެއްކަމުން ފިލްމު ފެށުމަށް ވަރަށް ބޮޑު ބަޖެޓެއް ބޭނުންވެއެވެ.

ވީ.އެފް.އެކްސްގެ މާކެޓްގެ އަގުތަކަށް ބެލުމަށްފަހު ޕްރޮޑަކްޝަން ޓީމުން ނިންމާފައިވަނީ ފިލްމުގެ މަސައްކަތް ދުވަސްކޮޅަކަށް ފަސްކޮށްލުމަށެވެ.

މިފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ބަތަލާ ޝްރަދާ ބުނެފައިވަނީ އޭނާ ބޮޑުވަމުން އައިއިރު ވަރަށް ބޮޑު ޝައުގުވެރިކަމާއެކު ފިލްމު "ނާގިން" ބެލި ކަމުގައެވެ. އަދި މިފަދަ އައިކޮނިކް ފިލްމެއްކުޅެން އަބަދުވެސް ޝައުގުވެރިވާކަމަށް ބަތަލާވަނީ ބުނެފައެވެ.

ހާއްސަކޮށް ބަތަލާ ސްރީދޭވީގެ އައިކޮނިކް ރޯލް ކުޅެން ލިބުމަކީ އޭނާ އަބަދުވެސް ބޭނުންވި ކަމެއްކަމަށް ޝްރަދާވަނީ ބުނެފައެވެ.

2020 ވަނަ އަހަރު ފިލްމު "ބާޣީ3" އިން ފެނިލުމަށްފަހު ބަތަލާ ޝްރަދާގެ ފިލްމެއް އަދި ރިލީޒްނުވެއެވެ.

ޝްރަދާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ އަހަރުގެ މާރޗްމަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ލަވް ރަންޖަންގެ ފިލްމަކުންނެވެ. ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމުގައި ޝްރަދާއާއެކު ފެނިގެންދާނީ އެކްޓަރު ރަންބީރް ކަޕޫރެވެ.