އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ޓްރާންސްފަރ ވިންޑޯ އައުމާއި ހަމައަށް ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމަށް އެދި ކުލަބަކުން ހުށަހެޅުމެއް ނާންނަނަމަ، ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އޭނާ ދޫކޮށްލުމުގެ ވިސްނުމެއް މެންޗަސްޓަރ ޔުނައިޓެޑުން ގެންގުޅޭކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ އައިނިއުސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ އާއި ޔުނައިޓެޑާއި ދެމެދު އޮތް ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ހާއްސަކޮށް ޔުނައިޓެޑުން ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނިގެންދިޔަ ކަންތައްތަކުގެ ސަބަބުން މި ގުޅުމަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށް ވެއެވެ.

ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމާއި އެރިކް ޓެން ހާގް ހަވާލުވިފަހުން ޔުނައިޓެޑުގެ ފުރަތަމަ 11 އިން އަދި މެޗުތަކުގައިވެސް ރޮނާލްޑޯ އަށް ލިބެނީ މަދު ފުރުސަތެކެވެ. މިއާއެކު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލަންޑޯ އެވޯޑު 5 ފަހަރަށް ހޯދާފައިވާ ރޮނާލްޑޯ އަށް އެކަންވީ، ބޮޑު ހިތްދަތި ކަމަކަށެވެ. މީގެކުރިންވެސް އަދި ޓޮޓެންހަމް އާއި ދެކޮޅަށް މިދިޔަ ހަފްތާގެ ތެރޭގައި ކުޅުނު މެޗުގައިވެސް ރޮނާލްޑޯ ވަނީ މެޗު ނިންމާފައި ޓީމު އެއްކޮށް ދަނޑުން ފޭބުމުގެ ކުރިން ދަނޑުން ފައިބާފައެވެ.

ޓޮޓެންހަމް މެޗަށްފަހު ކޯޗު ޓެންހާގް ވެސް ވަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ރޮނާލްޑޯ އަށް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އަދި ޔުނައިޓެޑުގެ ބޯޑުންވެސް ވަނީ ރޮނާލްޑޯ އަށް ފިޔަވަޅު އެޅުމަށް ޓެންހާގް ނިންމި ނިންމުމަށް ތާއީދުކޮށްފައެެވެ. އަދަބެއްގެ ގޮތުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑުން ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން ބާކީކޮށްފައެވެ.

ކްލަބާއި ދުރުގައި 12 އަހަރު ހުރުމަށްފަހުގައި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އައީ ކެރިއަރުގެ ފަހު ދުވަސްކޮޅު ކާމިޔާބު ކަމާއެކު ހޭދަކުރުމުގެ އުންމީދުގައި ކަމުގައި ވީނަމަވެސް، އެ އުންމީދު މިވަނީ ނިމުމަކާއި ގާތްވެފައެވެ.

ކުލަބުގެ ސިއްރު މަސްދަރުތަކަކާއި ހަވާލާދީ އައިނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔުނައިޓެޑުން މިހާރު މަސައްކަތް ކުރަމުންދަނީ ޖެނުއަރީ އާއި ހަމައަށް ރޮނާލްޑޯ ހޯދުމަށް ކުލަބަކުން ޝައުގު ފާޅު ނުކޮށްފިނަމަ އޭނާ ފްރީ ޓްރާންސްފަރ އެއްގެ ދަށުން ދޫކޮށްލާށެވެ. އަދި ރޮނާލްޑޯގެ އޭޖެންޓު މިހާރު ދަނީ ރޮނާލްޑޯ ބަދަލުވާނެ ޓީމެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް މިފަދަ އެއްވެސް ކަމެއް ރަސްމީ މަސްދަރަކުން މިހާތަނަށް ޔަގީން ކޮށްދީފައެއް ނުވެއެވެ.

ޗެލްސީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޓެން ހާގް ބުނެފައިވަނީ ރޮނާލްޑޯ އަކީ އޭނާގެ ޓީމުގައި އަދި ގޭމްޕްލޭނުގައި މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އެހެންނަމަވެސް ޑިސިޕްލިނަރީ މައްސަލަތަކުގައި ފިޔަވަޅު އަޅާ، އެހެން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމަށް ފަސް ނުޖެހޭނެކަމަށް އޭނާ ބުނެފައިވެއެވެ.