ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދައްކާ ހުރުމުން، އެ އެސޯސިއޭޝަންގެ އޮފީސް ކުރިން ހިންގި އެފްއޭއެމް ހައުސް އިން ވަގުތީގޮތުން ކަރަންޓު ކަނޑާލައިފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އެފްއޭއެމް އިން އެކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ.

އަދި އެފައިސާ ދެއްކުމަށް އެކިފަހަރު މަތިން އަންގާފައިވާނެ ކަމަށާއި، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށްވެސް ގިނަ ފުރުސަތުތަކެއް ދިންނަމަވެސް، އެކަންވެސް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އެފްއޭއެމް ހައުސް އިން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައި ވާކަމަށް ސްޓެލްކޯގެ ޓުވީޓުގައި ބުނެފައިވެއެވެ.

އަދި މި ފައިސާ ނުދައްކާނަމަ، ކުރިއަށް އޮތްތަނުގައި އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް ސްޓެލްކޯއިން ވިސްނަމުންދާ ކަމަށް ބުނެފައިވެއެވެ.

އެފްއޭއެމްގެ ބެލުމުގެ ދަށުގައިވާ އެފްއޭއެމް ހައުސް އިމާރާތަކީ މާފަންނު ދަނޑު ސަރަހައްދުގައި ހުންނަ، އެ އެސޯސިއޭޝަންގެ ކުރީގެ އޮފީސް އިމާރާތެވެ.

"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމް ހައުސް ހުންނަ އިމާރާތުގައި މިހާރު ހިންގަމުންދަނީ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފީހެވެ. އެހެންނަމަވެސް އެ އެސޯސިއޭޝަންގެ އޮފީސް ހުންނަ ބައިން ކަރަންޓު ކަނޑާނުލާކަމަށް ސްކައުޓް އެސޯސިއޭޝަންގެ އޮފިޝަލަކު ވަނީ ވީނިއުސް އަށް މައުލޫމާތުދީފައެވެ. އަދި ސްޓެލްކޯގެ މުވައްޒަފުން އެ އިމާރާތަށް އައިސް، ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގާ ބައި ދެނެގަތުމަށްފަހު، އެ ބައި ނޫން އެހެން ބައިތަކުން ކަރަންޓު ކަނޑާލީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީގެކުރިން ކޮވިޑުގެ ހާލަތު ގޯސްވެފައިވާ ދުވަސްވަރުގައި، 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެފްއޭއެމް ހައުސް ބޭނުންކޮށްފައިވަނީ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައެވެ.

އެފްއޭއެމްގެ އޮފީސް ހިންގަމުން އައި އިމާރާތުން އެހެން އިމާރާތަކަށް އެފްއޭއެމް އޮފީސް ބަދަލުކޮށްފައިވަނީ، އެ އެސޯސިއޭޝަންގެ އައު އިމާރާތް އެޅުމަށެވެ. އޭގެފަހުން ޗާންދަނީ މަހުގައި ހުންނަ އިމާރާތަކަށްވެސް އެފްއޭއެމްގެ އޮފީސް ބަދަލުކޮށްފައިވެއެވެ.

މިހާރު އެފްއޭއެމްގެ އޮފީސް ހިންގަމުން އަންނަނީ ގަލޮޅު ރަސްމީ ފުޓުބޯޅަ ސްޓޭޑިއަމުގައެވެ.

ފައިސާ ނުދެއްކުމުގެ ސަބަބުން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލިކަން ސްޓެލްކޯ އިން ހާމަކުރިއިރު، މީގެއިތުރުންވެސް ފައިސާ އާއި ގުޅުންހުރި މުއާމަލާތްތަކުގައި އެފްއޭއެމް އަށް ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި އެފްއޭއެމް އިން އޭޑީކޭ އަށް ދައްކަންޖެހޭ ގިނަ އަަދަދެއްގެ ފައިސާ ނުދައްކައިގެން އޭޑީކޭ އިން ކޯޓަށް މައްސަލަ ހުށަހެޅިކަމަށްވެސް ރާއްޖޭގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެފްއޭއެމް އިން އޭޑީކޭ އަށް އޭރު 2 މިލިއަނެއްހާ ރުފިޔާ ނުދައްކާ ހުރިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެއިތުރުން، ގައުމީ ޓީމަށް ގެންނަ ބިދޭސީ ކޯޗުންނާއި އެ މީހުންގެ ޓީމުގެ ބައެއް މެމްބަރުންނަށް ދޭންޖެހޭ މުސާރަ ނުދީގެންވެސް ފާއިތުވީ އަހަރުތަކުގެ ތެރޭގައި އެ ކޯޗުން ވަނީ އެފްއޭއެމް އާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. މިފަހުން މިފަދަ ކަމެއް ހިނގާފައިވަނީ ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު، ސިމާއޯ ކޯސްޓާ އާއިއެކުއެވެ.

މި މައްސަލައިގައި އޭނާ ގައުމީ ޓީމުގެ ކޯޗުކަމުން ވަކިވިއިރު، އެފްއޭއެމް އާއި ގުޅުންހުރި ގިނަ ވާހަކަތަކެއް އޭނާ އަންނަނީ މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.