ރީބްރޯޑްކާސްޓިންގ ލައިސަންސް އައުކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތުގައި ކާމިޔާބީ އާއި ހަމައަށް ވާސިލް ނުވެވިއްޖެނަމަ، މި ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު ޓީވީ ލައިސަންސް އައުކުރުމުގެ ފުރުސަތު މިވަގުތު ދިރާގަށް ބަންދުވެފައި ވީނަމަވެސް، އެކުންފުނިން ތިބީ އެޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދުގައި ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގު ޓީވީ ލައިސެންސް އައުކުރުމުގެ ފުރުސަތު އެކުންފުންޏަށް ބަންދުވެފައި ވަނީ، ރީބްރޯޑްކާސްޓިން ލައިސަންސް ދިނުމުގެ ޤަވާއިދަށް މޯލްޑިވްސް ބްރޯޑް ކާސްޓިންގ ކޮމިޝަން (އެމްބީސީ) އިން މިއަހަރު ގެންނެވި ބަދަލާއި ގުޅިގެނެވެ.
ދިރާގުން ބުނީ، މިކަމާއި ގުޅިގެން އެ ކުންފުނިން ކަމާބެހޭ މުއައްސަސާތަކާއި އަދި އެމްބީސީ އާއި މަޝްވަރާކުރަމުންދަނީ ދިރާގަށް ލައިސަންސް އައުކުރެވޭނޭ ގޮތެއް ހޯދުމުގެ މަޤްސަދުގައި ކަމަށެވެ.
ނަމަވެސް މިކަމުގައި ހައްލެއް ނުލިބިއްޖެނަމަ، މިހާރު އާބާދީގެ ބޮޑު ބަޔަކަށް ދެމުން ގެންދާ ދިރާގު ޓީވީގެ ޚިދުމަތުގެ ލައިސެންސް އަންނަ އަހަރުގެ ޖެނުއަރީ މަހުގައި މުއްދަތު ހަމަވުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.
ދިރާގައި ކަމާއި ބެހޭ މުއައްސަސާތަކާއިއެކު ކުރިއަށްގެންދާ މަޝްވަރާތަކުގެ ނަތީޖާއަށް ބިނާކޮށް އިތުރު މައުލޫމާތު ކަސްޓަމަރުންނާއި ޙިއްސާކުރާނެކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގު ޓީވީ ފެށުމާއިއެކު ކަސްޓަމަރުންގެ ފަރާތުން އެޚިދުމަތަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެން ދިޔައެވެ. އަދި ކަސްޓަމަރުންނަށް ދެމުންދާ މިޚިދުމަތް ކުރިޔަށް ގެންދެވޭނޭ ގޮތެއް ވޭތޯ ބެލުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ވަނީ، ދިރާގު ޓީވީގެ ޚިދުމަތް، އަގަށް އެއްވެސް ތަފާތު ކުރުމެއްނެތި 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތައް އަލްޓްރާ ހައި ޑެފިނިޝަން ގައި ރާއްޖޭގެ 85 އިންސައްތަ ގޭބިސީއަށް (90 ރަށަށް) ލިބުމުގެ މަގު ފަހިކޮށްދީފައެވެ.
އެހެންކަމުން ދިރާގު ކަސްޓަމަރުންގެ ފަރާތުން ކެނޑިނޭޅި ދެއްވަމުންގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކޮށް ދިރާގުން ބުނީ، ދިރާގު ޓީވީގެ ކާމިޔާބީއަކީ ކަސްޓަމަރުންގެ ފަރާތުން މި ޚިދުމަތަށް ލިބެމުންދާ ތަރުޙީބެއް ކަމަށެވެ.