ފިސްކަލް ސްޓްރެޓެޖީގެ އަމާޒުތައް ހާސިލް ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މެމްބަރު އާޒިމް ސުވާލުކުރެއްވި ސުވާލަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 2.5 ބިލިއަން ރުފިޔާ، ރައްޔިތުންގެ އަތުން ނުނަގާ ސަރުކާރުގެ ހަރަދު ދެކޮޅުޖެއްސޭނެ ގޮތެއް ނެތީތޯއެވެ.
މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ލިބޭ އާމްދަނީން ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަކީ ފިސްކަލް ޕޮލިސީގެ އެއް އަމާޒު ކަމަށާއި އެކަން މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓެޖީގައިވެސް ބަޔާންކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ 2019 ވަނަ އަހަރު ލިބޭނެ ކަަމަށް އަންދާޒާ ކުރީ 30 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށާއި ނަމަވެސް ލިބުނީ 14 ބިލިއަން ރުފިޔާ ކަމަށެވެ.
އިގްތިސާދު ހިންގީ 16 ބިލިއަން ރުފިޔާ ނުލިބިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެއްވެސް ކުންފުންޏެއްގެ މުވައްޒަފެއް އަދި ޕަބްލިކް އެންވެސްޓްމަންޓްގެ ޕްރޮޖެކްޓްތައް ހުއްޓާފައިނުވާކަމަށްވެސް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާއި އެމެރިކާގެ ގައުމުތަކުގެ އިންޓްރެސްޓު ރޭޓު އިތުރުކުރުމުން އިންފްލޭޝަނަރީ ޕްރެޝަރުތަކާހެދި އިންޓްރެސްޓް ރޭޓް ބޮޑުކުރީމަ ބޭރަށް ގޮސް ޑެފިސިޓް ފައިނޭންސް ކުރަން ބޭރަށް ގޮސް ފައިސާ ހޯދުމުގެ އެއްވެސް ފުރުސަތެއް މިހާރު ނެތް ކަމަށެވެ.
އެހެންކަމުން އާމްދަނީ ހޯދޭނެ ގޮތްތަކެއް ގައުމުގެ އެތެރެއިން ހޯދަންޖެހޭ ކަމަށާއި އެގޮތްތަކަކީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ޖުލައި މަހުއެވެ. އެގޮތުން ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވާއިރު، ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވަނީ 16 އިންސައްތައަށެވެ.
ސަރުކާރުން މިބަދަލު ގެންނަން ނިންމާފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށާއި، އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުންނެވެ.
ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ތްރީ ލައިން ވިޕެއްވެސް ވަނީ ނެރެފައެވެ.