ސަލްމާން ޚާންގެ ކުރިޔަށް އޮތް ވަރުގަދަ 2 ފިލްމުކަމަށްވާ "ޓައިގާ 3" އަދި "ކިސީކާ ބާއި ކިސީކާ ޖާން" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ކުރިން ފިލްމު "ކިސީކާ ބާއި، ކިސީކާ ޖާން" ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުއެވެ. ނަމަވެސް މިފިލްމު މިހާރު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފިތުރު ޢީދުގައެވެ.

އަދި ކުރިން އަންނަ އަހަރުގެ ފިތުރު ޢީދާ ދިމާކޮށް އެޕްރީލް މަހު ރިލީޒްކުރަން ނިންމި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ.

މި 2 ފިލްމުގެތެރެއިން "ޓައިގާ 3" އަކީ ޔާޝް ރާޖް ފިލްމްސްއިން ގެނެސްދޭ ފްރެންޗައިޒްއެކެވެ. އަދި ފިލްމު "ކިސީކީ ބާއި ކިސީކާ ޖާން" އަކީ އެކްޓަރު ސަލްމާން ޚާން ޕްރޮޑިއުސްކޮށް ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ އެކްޝަން ކޮމެޑީއެކެވެ.

ފިލްމު "ކިސީކީ ބާއި ކިސީކާ ޖާން" ގައި ފެނިގެންދާ ޚާއްސަ ތަރިންގެތެރެއިން ޕޫޖާ ހެޖް، ޝެހެނާޒް ގިލް، ޕަލަކް ތިވާރީ އަދި ސިދާތް ނިގަމް ހިމެނެއެވެ.

2011 ވަނަ އަހަރު ރިލީޒްވި ފިލްމު "އެކްތާ ޓައިގާ" އަށްފަހު މިފްރެންޗައިޒް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއްވަނީ ހޯދާފައެވެ. ހާއްސަކޮށް ބަތަލާ ކެޓްރީނާ ކައިފްއާއި ސަލްމާން ޚާންގެ އޮން ސްކްރީން ކެމިސްޓްރީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.

ފިލްމު "ޓައިގާ3" އިން ސަލްމާން ޚާން، ބަތަލާ ކެޓްރިނާ ކައިފްގެ އިތުރުން އެކްޓަރު އިމްރާން ހާޝްމީވެސް މިފަހަރު ފެނިގެންދާނެއެވެ.

އެކްޓަރު ސަލްމާން ޚާންގެ ފިލްމެއްގެ އިންތިޒާރުގައި ތިބި ފޭނުންނަށް ދެން އެންމެ އަވަހަށް ސަލްމާން އޮން ސްކްރީނުން ފެނިގެންދާނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ސަލްމާން ޚާންގެ ފިލްމެއް ތިއޭޓަރުގައި އެންމެފަހުން ރިލީޒްކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.