ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ ކުރިޔަށްއޮތް ފިލްމު "މިލީ" ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

ބައްޕަ ބޮނީ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ މިފިލްމަކީ ރިމޭކްއެކެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު ޖާންވީ ފެނިގެންދަނީ އޭނާ މަސައްކަތްކުރާ ކުންފުނީގެ ފިނިގަދަ ގުދަނެއްގައި ތާށިވެ އެތަނުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެވެ.

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ މިފިލްމަކީ، 2019 ވަނަ އަހަރު ރިލީޒްކުރި މަޅަޔާލަމް ފިލްމު "ހެލެން" ގެ ރިމޭކްއެކެވެ.

ފިލްމު "ހެލެން" އަށް އެއަހަރުގެ 2 ޤައުމީ އެވޯޑް ލިބިފައިވާއިރު މިއީ ވަރަށްގިނަ ބައެއްގެ ސަމާލުކަންލިބި މަސައްކަތުގެ މާހައުލުގައި ދިމާވާ މިފަދަ ހާދިސާތަކަށް ވަރަށްގިނަ ބަޔަކު ހޭލުންތެރިކުރުވި ފިލްމެއްވެސްމެއެވެ.

ޖާންވީ އޭނާގެ ބައްޕަ ބޮނީ ކަޕޫރުއާއެކު ފުރަތަމަ ފަހަރަށް މަސައްކަތްކުރާ މިފިލްމުގައި ދެން ފެނިގެންދާނީ ސަނީ ކޯޝަލްއާއި މަނޯޖް ޕައްވާއެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ތައްޔާރުވެފައިވާއިރު މިފިލްމުގެ ޑައިރެކްޓަރަކީ ފިލްމު "ހެލެން" ގެވެސް ޑައިރެކްޓަރު މަތުކުއްޓީ ޒޭވިއައެވެ.

ފިލްމުގެ ޝޫޓިންގް ނިންމާލުމަށްފަހު ބަތަލާ ޖާންވީ ބުނެފައިވަނީ މިހާތަނަށް އޭނާއަށް އަބަދުވެސް އަޑުއިވެމުން އައީ ބައްޕަ ބޮނީ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތަޖުރިބާތަކާއި ބައްޕައަށް ފިލްމީ ދާއިރާގެ ފަންނާނުންގެ ފަރާތުންކުރާ ތައުރީފުގެ އަޑުތަކެވެ.

އެހެންނަމަވެސް ބައްޕައާއެކު ފިލްމެއް ނިންމާލުމުން މިހާތަނަށް އިވިފައިވާ އަޑުތަކުގެ ހަގީގަތް ވަރަށް ރަގަޅަށް އެނިގެން ހިނގައްޖެކަމަށް ޖާންވީވަނީ ބުނެފައެވެ.

ބައްޕަ ބޮނީ ކަޕޫރާއެކު މަސައްކަތްކުރުމުގެ އިތުރުން، ޤައުމީ އެވޯޑް ހާސިލްކޮށްފައިވާ ތަޖުރިބާކާރު ޑައިރެކްޓަރަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުމަކީވެސް، ކެރިއަރުގައި ލިބުނު ވަރަށް ހާއްސަ ފުރުސަތެއްގެގޮތުގައި ޖާންވީވަނީ ސިފަކޮށްފައެވެ.

ޕްރޮޑިއުސަރު ބޮނީ ކަޕޫރަކީ، އަބަދުވެސް ފިލްމީ މަސައްކަތްކުރުމަށް ވަރަށް ޝައުގުވެރިވެ އެންމެ ފުރިހަމަގޮތުގައި އެމަސައްކަތްކުރާ ފިލްމެއް ސްކްރީނަށް ގެންނަށް މަސައްކަތްކުރާ ފަރާތެކެވެ.

2018 ވަނަ އަހަރު ފިލްމު "ދަޅަކް" އިން ބޮލީވުޑަށް ތަޢާރަފްވި ބަތަލާ ޖާންވީއަކީ ބޮނީ ކަޕޫރާއި ކުރީގެ ބަތަލާ ސްރީދޭވީގެ ދެމަފިރިންގެ 2 ކުދިންގެތެރެއިން ދޮށީ އަންހެން ދަރިފުޅެވެ.

ޖާންވީ ފިލްމީ ދާއިރާގައި ބެލުންތެރިންގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާއިރު ކޮއްކޮ ޚުޝީ ކަޕޫރުވެސް އަންނަނީ ކެރިއަރުގެ ފުރަތަމަ ފިލްމަށް ތައްޔާރުވަމުންނެވެ. އެއީ މަޝްހޫރު "އާޗީސް" ކޮމެޑީ ސީރީސްއަށް ބިނާކޮށްގެން ޑައިރެކްޓަރު ޒޮޔާ އަޚްތަރު އުފައްދާ ނެޓްފްލިކްސް ފިލްމެކެވެ.

ބޮނީގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ 2 ކުދިންގެތެރެއިން ދޮށީ ފިރިހެން ދަރިފުޅު އަރުޖުން ކަޕޫރަކީ ބޮލީވުޑްގައި މިވަގުތު ޒުވާން އެކްޓަރުންގެތެރެއިން ފާހަގަށްކޮށްލެވޭ އެކްޓަރެކެވެ.

https://www.youtube.com/watch?v=F9rnpoAwNsE