އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން އެކުންފުނީގެ މުޅިން އާ ދިވެހި ފޮންޓެއް ތައާރަފުކޮށްފިއެވެ.

މިފޮންޓު ތައާރަފުކޮށްފައި ވަނީ އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދައިފައިވާ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" އަޕްގްރޭޑްކޮށް، ލޯންޗުކުރުމަށް ބޭއްވި ހަފުލާގައެވެ.

"އުރީދޫ އެމްވީ"ގެ ނަމުގައި އާންމުކުރި މިފޮންޓު މިހާރު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. ޑައުންލޯޑް ޕެކޭޖްގައި ފޮންޓްގެ 4 ބާވަތެއް ހިމަނާފައިވެއެވެ.

މިފޮންޓު ޑިޒައިންކޮށްފައި ވަނީ ކުޅަދާނަ ޑިޖިޓަލް އާޓިސްޓް ހުސައިން ނިޔާޒްއެވެ. ނިޔާޒް ވަނީ މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) އިން ގްރެފިކްސް އެންޑް މަލްޓިމީޑިއާގެ ދާއިރާއިން ބެޗްލާރސް ޑިގްރީއެއް ހާސިލްކުރައްވާފައެވެ. އަދި އޭގެ ފަހުން އަމިއްލަ މަސައްކަތުން އޭނާ ވަނީ ހުނަރު ތަރައްގީކޮށްފައެވެ.

https://www.facebook.com/OoredooMaldives/videos/837867277237118

ނިޔާޒް ވަނީ "ދިވެހި ފޮންޓް"ގެ ނަމުގައި އަމިއްލަ ބްރޭންޑެއް އުފައްދައި ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ތަފާތު ވައްތަރުގެ ދިވެހި ފޮންޓް ހިލޭ ބޭނުން ކުރެވޭ ގޮތަށް އާންމުންނަށް ހިއްސާކޮށްފައެވެ. މިއީ އޭނާގެ އަމިއްލަ އުފެއްދުންތަކަށްވާއިރު މިފަހުން އޭނާގެ ބައެއް ފޮންޓުތައް ވަރަށް މަގުބޫލުވެފައި ވެއެވެ.

އުރީދޫގެ ފޮންޓު ޑިޒައިން ކުރަން ފުރުސަތު ލިބުމުގެ އުފާ ހިއްސާކުރަމުން، ނިޔާޒް ވިދާޅުވީ އޭނާ ކުރަމުން އައި މަސައްކަތް އުރީދޫ ފަދަ ބޮޑު ކުންފުންޏަކުން ބަލައި ގަނެ ރަސްމީ ފޮންޓެއް ހެދުމުގެ ފުރުސަތު ދިނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މި ފޮންޓު ނެރެވިފައި ވަނީ ގިނަ ފަރާތްތަކުގެ ހިޔާލުތަކާއި އެކު ފައިނަލްކޮށްގެން ކަމަށް ނިޔާޒް ވިދާޅުވިއެވެ.