ދެއިރު ދެދަޅައަށް ކާ ބޭސްގުޅައެކޭ އެއް އުސޫލުން ލޯކަލް ކައުންސިލްތަކުގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަޤާމަށް ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) އިން އިޢުލާންކުރާތީ މި ވެގެން އުޅޭ ގޮތެއް ހޯދައިބެލުމަށް ފެންބޮވައިގެންފިއެވެ. އެއާއެކު މި ވަގުތު އެސްޖީގެ މަޤާމުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އަދި ކުރިން މި މަޤާމުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ފޯނުން ގުޅައި މައުލޫމާތު ސާފުކޮށްލީމެވެ.

ދެ ދުވަހެއްގެ މަތިން އެބޭފުޅުންނާއި ދެކެވުނު ވާހަކައިން އެނގުނު ކަމަކީ، "ކުރުކޮށް ފޮނިކޮށް" ބުނާ ނަމަ، އެމަޤާމުގައި ބޭފުޅުން "ހަމަ ހަރުނުލަނީ"އެވެ. ހުރި ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން ވަކި ހިސާބަކުން ކެތްތެރިކަން ކޮޅުންލައި އިސްތިޢުފާދެއްވަނީއެވެ. އިހަކަށް ދުވަހަކު މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލެއްގެ އިދާރާގައި މަސައްކަތް ކުރި އެސްޖީއަކު އިސްތިޢުފާދެއްވައި ވިދާޅުވީ "ނޮޓް ވޯތު" ކަމަށެވެ. ސަބަބުތައް ބައިވަރެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގައި ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކުގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާއި މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސެކެރެޓްރީ ޖެނެރަލްގެ މަޤާމަށް މީހަކު ހަމަޖައްސަން ލާޒިމުކޮށް އަދި މި މަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެއްގެ ގޮތުގައި ކަނޑައަޅައި މަޤާމަށް ހަމަޖައްސަވާ ފަރާތަކީ ކައުންސިލްގެ ލަފަޔާއެކު ހަމަޖައްސަވާ ފަރާތެއް ކަމަށް ކަނޑައަޅާފައިވެއެވެ.

ސެކެރެޓްރީ ޖެނެރަލްގެ މަޤާމަކީ 5 އަހަރު ދުވަހަށް އައްޔަން ކުރެވޭ މަޤާމެކެވެ. މިމަގާމަށް ހަމަޖައްސަވައި ފަރާތަކީ ސިޔާސީ ނުފޫޒުން އެއްފަރާތް ވެގެންހުރެ ކައުންސިލް ތަކުން ކަނޑައަޅާ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި ހަމަހަމަކަމާ އިޚްލާޞްތެރި ކަމާއެކު ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރަންޖެހޭ ފަރާތަކަށް ވާންޖެހެއެވެ.

ފޮޓޯ: ސްޓޮކް ޢިމޭޖަސް

ލިބޭ އުޖޫރަ، އަދާކުރަންޖެހޭ ޒިންމާތަކާއި ކުރަންޖެހޭ މަސައްކަތްތަކާއި ނުބައްދަލު!

އެސްޖީގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް

އެސްޖީގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބެހެނީ މައިގަނޑު 3 ބަޔަކަށެވެ. ފުރަތަމަ ބައިގައި ހިމެނެނީ ކައުންސިލް އިދާރާއިގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކެވެ. އޭގެ ތެރޭގައި، ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި، ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި ކޯޑް އޮފްކޮންޑަކްޓާ އެއްގޮތަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރެވޭނޭ އިންތިޒާމު ޤާއިމުކޮށް، އެ އިންތިޒާމު ހަރުދަނާކޮށް ހިންގުން ހިމެނެއެވެ. އަދި އިދާރާގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުން ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ބެލެހެއްޓުމުގެ އިތުރުން ވަޒިފާގެ މަސްއޫލިއްޔަތުތައް އަދާކުރާ މިންވަރު ބެލުމާއި ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅުންވެސް މިބައިގައި ހިމެނެއެވެ.

ދެވަނަ ބައިގައި ހިމެނެނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކެވެ. އެސްޖީގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ދެން ހިމެނޭ ބަޔަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 2.03 ބަޔާންކުރެވިފައިވާ ކަންތައްތަކެކެވެ.

މިހާ ބުރަ އަދި ގިނަ މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް ހަވާލުކޮށް، ދައުލަތުން ދޭ މުސާރަ، ހަގީގަތުގައި "ހުވަނދަކަށް ވެސް ނުވެއެެވެ." ބައެއް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ ޝަކުވާއަކީ މިއީއެވެ.

ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ

ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20،500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާއާއެކު ޖުމްލަ 35،500 ރުފިޔާ ލިބެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 12،130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 8870 ރުފިޔާއާއެކު ޖުމްލަ 21000 ރުފިޔާ ލިބެއެވެ. އަދި ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައަކީ 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި ދޭ 6800 ރުފިޔާއާއެކު ޖުމްލަ 16100 ރުފިޔާއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ ކައުންސިލްގެ އިދާރާގެ އިދާރީ ހިންގުމުގެ އެންމެ އިސް މަޤާމަށް ވާތީ ކަމަށް ބުނެ އެމަޤާމު އަދާކުރާ ފަރާތްތަކަށް ވަޒީފާއާ ބެހޭ ޤާނޫނުގެ 34 މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން ލާޒިމުކުރާ އިތުރުގަޑީގެ ފައިސާ އެއް ނުދެއެވެ. ނަމަވެސް، ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ގިނަކަމާއި ބުރަކަމުގެ ސަބަބުން އޮފީހުގެ ރަސްމީ ގަޑީގެ ބޭރުން ވެސް އެތައް ވަގުތެއް އޮފީހުގައި މަސައްކަތުގައި އެސްޖީ އިން ހޭދަކުރެއެވެ.

ސެކްރެޓަރީ ޖެނެރަލުންނަށް ނަގަންޖެހޭ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް ނޫންކަން އެސްޖީ އިން ފާހަގަކުރާއިރު، ސެކްރެޓަރީ ޖެނެރަންނަށް ލިބޭ ފިކްސްޑް އެލަވަންސް ފިޔަވައި އިތުރު އެއްވެސް އެލަވެންސްއެއް ނުލިބެއެވެ.

މުސާރައާއި ގުޅިގެން ބައެއް އެސްޖީ އިންގެ އެހެން ޝަކުވާއެއް ވެސް އެބަ އޮތެވެ. އެއީ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރަ އާއި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރަ އަދި ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައިގެ ބޮޑު ފަރަގެވެ. ކުރަންޖެހެނީ އެއް ކަމަކަށް ވެފައި، އަދާކުރަންޖެހޭ ޒިންމާ އެކައްޗަަކަށްވާއިރު މުސާރައިގައި މިހާ ބޮޑު ފަރަގެއް އޮންނަންވާނެ ކަމަކަށް މި ދެންނެވި އިސްޖީ އިން ގަބޫލެއް ނުކުރެއެވެ.

ފޮޓޯ: އައި ސްޓޮކްސް

ބާރެއް ނެތް، ނަމަކަށް މާލީ ޒިންމާދާރުވެރިޔާ!

ލާމަރުކަޒީ ޤާނޫނުގެ 126 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ދަޢުލަތުގެ ބޭނުމަކަށް ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ކަމުގައެވެ. އަދި މިކަން ބަޔާންކޮށް މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ސާކިއުލާއެއް ވެސް ނެރިފައެވެ.

އެހެން ނަމަވެސް، "ވީނިއުސް" އާ ވާހަކަދެއްކެވި، ރަށު ކައުންސިލެއްގެ އެސްޖީއަކު ވިދާޅުވި ގޮތުގައި، ކައުންސިލްތަކަށް އެސްޖީ އިން އައްޔަންކުރެވުނުތާ އަހަރެއް ވެގެން ދިޔައިރު ވެސް ސެކްރެޓަރީ ޖެނެރަލުންގެ އިސްވެ ދެންނެވުނު މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅައި، އެންމެ ކުޑަމިނުން ކައުންސިލްގެ މާލީ ކަންކަން ކުރަމުންދާ ވިޔަ މޮޑިއުލް އަށް އެކްސެސް ވެސް ނުދެއެވެ. މިކަން މިނިސްޓްރީ އޮފް ފިނޭންސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)ގެ ސަމާލުކަމަށް ގެނެވިފައިވީ ނަމަވެސް، އެސިޓީތަކަށް ފިނޭންސުން ޖަވާބު ނުދޭކަން އެސްޖީ ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުގެ މާލީ ކަންކަމާއި ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރަމުންގެންދަނީ މާލިއްޔަތު ޤަވާއިދާއި ޕްރޮކިއުމަންޓް އުސޫލްތަކާއި ޚިލާފަށް ކަމަށް، ވީނިއުސްއާ ވާހަކަ ދެއްކެވި އެސްޖީ ވިދާޅުވިއެވެ. އެކަމަކު، އާޚިރުގައި މިކަންކަމުގެ ޒިންމާ ނަގަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލުން ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޓަރވިއު ޕެނަލް އެކުލަވާލަނީ ޒިންމާދާރުވެރިޔާ ނުހިމެނޭ ގޮތަށް!

ކައުންސިލްތަކަށް އިދާރީ މުވައްޒަފުން ނަގާއިރު، އިންޓަރވިއު ކުރުމަށް ޕެނަލް އެކުލަވާލާއިރު ބައެއް ކައުންސިލްތަކުން އެސްޖީ ނުހިމެނުމަކީ ވެސް ބައެއް އެސްޖީ އިން ފާހަގަކުރާ ކަންބޮޑުވުމެކެވެ.

އެސްޖީ އިން ފާހަގަކުރާ ގޮތުގައި، މިހެން މިވަނީ ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ އުސޫލު 2021ގައި ބަޔާންކޮށްފައިވާ ނުކުތާއެއް ބައެއް ކައުންސިލްތަކުގެ ރައީސުންނަށް ނަގައިގަނެވުނު ގޮތަކުން ކަމަށެވެ. އެ އުސޫލުގައި ވާގޮތުން، އިންޓަރވިއު ޕެނަލް އެކުލަވާލާނީ ކައުންސިލެއް ނަމަ، އެކައުންސިލްގެ ރައީސްގެ ނުވަތަ ރައީސް ކަނޑައަޅާ ފަރާތެއްގެ ލަފާގެ މަތިންނެވެ.

އެހެން ނޫން ނަމަ، ކައުންސިލްތަަށް މުވައްޒިފުން އައްޔަން ކުރުމުގައި، ކައުންސިލްތަކުގެ ރައީސުން ބޭނުންވާ ކެންޑިޑޭޓުން ހޮވުމަށްޓަކައި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުހިމަނައި އިންޓަރވިއު ޕެނަލް އެކުލަވާލުން ތަކުރާރު ނުވާނެ ކަމަށް ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ވީނިއުސް"އާ ވާހަކަދެއްކެވި އެސްޖީއަކު ވިދާޅުވިއެވެ.

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްގެ އިދާރީ އެންމެ އިސް މުވައްޒަފަށް ވާއިރު ކައުންސިލްތަކަށް އައު މުވައްޒަފުން އައްޔަންކުރަން އިންޓަރވިއުކުރާ ޕެނަންގައި އެސްޖީ ނެތުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމަށް "ވީނިއުސް" އާ ވާހަކަދެއްކެވި އެސްޖީ ފާހަގަކުރެއްވިއެވެ. އަދި މިއީ ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެޅިގެންދާ ވަރަށް ބޮޑު ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުގައި އޭނާ މާނަކުރައްވައެވެ.

"ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ އުސޫލު 2021ގައި އޮތީ ކައުންސިލްގެ ރައީސްގެ ލަފާގެ މަތިންނޭ ޕެނަލް އެކުލަވާލާނީ. އޭގެ މާނައަކީ އެބޭފުޅާ ބޭނުންވާ ގޮތަށް ބޭނުންވާ ބަޔަކު ހިމަނައިގެން އެކަން ކުރުމުގެ ބާރު ލިބުނީއެކޭ ނޫން ދެއްތޯ؟ އެހެން ނަމަވެސް ވަރަށް ހިތާމަޔާއެކީ ދަންނަވާލާނަން ބައެއް ކައުންސިލްތަކުގެ ރައީސުން އުސޫލުގައި ބަޔާންކުރާ އެ ޖުމުލަ އޮޅުވާލައިގެން މުޅި ޕެނަލް އެ ރާވާލަނީ އެބޭފުޅުން ބޭނުން ގޮތަކަށް. ހަގީގީ ބޭނުމަކީ ސިޔާސީ ގޮތުން ނުވަތަ ޒާތީ ގޮތުން ވަކި ކެންޑިޑޭޓެއް ވަޒިފާއަށް ހޮވުން. މިވަރުން ކިހިނެއްތޯ އިދާރީ ހިންގުން ހަރުދަނާކުރަނީ؟"
ކައުންސިލެއްގެ ސެކްރެޓަރީ ޖެނެރަލް

ބައެއް ކައުންސިލް އިދާރާތަކަކީ ފުރައްސާރަ އާއި ގަނާ އަދި ޖިންސީފުރައްސާރައިގެ ހާއްޔެއް!

އަހަރެމެންގެ ރަށްރަށުގެ ކަންކަން ބަލަހައްޓާއި ބެލެނިވެރި ފަރާތަކީ ރަށު އޮފީހެވެ. މިހާރު ކިޔާ ގޮތުން ނަމަ ކައުންސިލްގެ އިދާރާއެވެ.

މި ރިޕޯޓަށް މައުލޫމާތު އެއްކުރުމަށް "ވީނިއުސް" އިން ވާހަކަދެއްކި އެސްޖީ އިންގެ ތެރެއިން އެއްބޭފުޅަކު ހިއްސާކުރި މި މައުލޫމާތުން ސިހުން ލިބުނެއެވެ.

އެސްޖީއަކު ކިޔައިދެއްވި ގޮތުގައި، ގިނަ ކައުންސިލްތަކުގެ އެސްޖީ އިންނަކީ އަންހެނުންނަށް ވާއިރު، ބައެއް ކައުންސިލް އިދާރާތަކުގައި އެކަނބަލުންނަށް އެންމެ ރައްކާތެރި މަސައްކަތު މާހައުލެއް ނެތެވެ. އަންހެނަކަށް ވީތީ ޖިންސީ ފުރައްސާރަކުރުމާއި ގަނާކުރުމާއި އަދި މި ނޫން ވެސް އެކި ގޮތްގޮތުން ދަތިއުނދަގޫކުރުން މިއީ ބައެއް ކައުންސިލް އިދާރާތަކުގެ ހަތަރު ފާރުން އެތެރޭގައި ހިނގާ ކަންކަމެވެ. މިކަމުގެ ސަބަބުން މިހާރުވެސް ބައެއް ކައުންސިލްތަކުގެ އަންހެން އެސްޖީ އިން މަސައްކަތް ކުރަންޖެހިފައި ވަނީ މަސައްކަތުގެ ފުރިހަމަ ފޯކަސް ގެއްލިފައިވާ ހާލު ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ބައެއް ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން ހިމެނޭހެން ކައުންސިލްގެ އެސްޖީ އިންނަށް ޖިންސީ ފުރައްސާރަކޮށް، ހަޑިހިތުރުބަސްތައް ގޮވާފައި ހުރި ކަމަށް އެސްޖީއެއްގެ ދުލުހުން ވަނީ "ވީނިއުސް" އަށް ކިޔައިދެއްވާފައެވެ.

ސިވިލް ސަރވިސްގެ ދަމަހައްޓައި ނަގަހައްޓަން ކައުންސިލަރުންގެ އެއްބާރުލުން ނުލިބުން!

ސެކްރެޓަރީ ޖެނެރަލުންގެ ޒިންމާތަކުގެ ތެރޭގައި، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އިދާރާއި ހިންގުމާއި، ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާއި އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުން ގެންގުޅެން ލާޒިމްކޮށްފައިވާއިރު، ގިނަ އިދާރާތަކަކީ ފެށުނީއްސުރެން ހަމައެއް ލަމައެއްނެތި، ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތާ، ފަރުވާކުޑަ ކަމާއި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ވަޒިފާ އަދާކުރަމުންދާ މުވައްޒަފުން އުޅޭ އިދާރާތަކެކެވެ. އެގޮތަށް މުވައްޒަފުން ހޭނިފައި ތިބުމުގެ ސަބަބުން ޤަވާއިދުތައް ތަންފީޒުކުރުމަށް ނުހަނު އުނދަގޫ ވެފައިވާއިރު، ސިވިލް ސަރވިސްގެ ޤަވާއިދުތައް ދަމަހައްޓަން އަދި ނަގަހައްޓަން، ކައުންސިލަރުންގެ އެއްބާރުލުން ނުލިބޭކަން އެސްޖީ އިން ފާހަގަކުރެއެވެ.

ފޮޓޯ: އެކްނޯ މޯކްޑިވްސް

އެސްޖީ އިން ހޯދުމުގައި ސިވިލް ސަރވިސް ކޮމިޝަނުން ދޫދިނުމެއް ނެތް!

އެސްޖީގެ މަޤާމަށް 200 މީހުން ހޯދަން ބޭނުންވެ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައި ސީ.އެސް.ސީ އިން ފުރަތަމަ އިޢުލާން ކުރީ 20 ޖޫން 2021 ވީ ހޯމަ ދުވަހުއެވެ. އޭގެފަހުންވެސް އެތައް ފަހަރަކު އެސްޖީން ހޯދަން އިއުލާން ކޮށްފައި ވެއެވެ. އެންމެ ފަހުން 18 ސެޕްޓެމްބަރު 2022 ގައި އެކޮމިޝަނުން ކުރި އިޢުލާނެއްގައި ވެސް 42 ރަށު ކައުންސިލްގެ އިދާރާއަކަށް އެސްޖީ އިން ހޯދަން ބޭނުންވާ ކަމަށް ލިޔެފައި އޮތެވެ. އެހެންކަމުން، އެސްޖީގެ މަޤާމު ހުސްވާ ކައުންސިލްތަކުގެ އިދާރާތަކަށް އެސްޖީ އިން ހޯދުމުގެ މަސައްކަތް ސީ.އެސް.ސީ އިން ޤަވާއިދުން އެބަ ކުރެއެވެ.

އެސްޖީ އިން ނުލިބިގެން އުޅެނީ ކޮލިފިކޭޝަން ހުރި މީހުން ރާއްޖޭގައި ނެތިގެންނެއް ނޫން

18 ސެޕްޓެމްބަރު 2022ގައި ސީ.އެސް.ސީ އިން ކުރި އިޢުލާނުން ތަފާތެއް ފާހަގަކުރެވުނެވެ. މީގެކުރިން ކޮށްފައިވާ އިޢުލާންތަކުގައިވާ ގޮތުން އެސްޖީގެ މަގާމަށް ކުރިމަތިލާ މީހާ ވާންޖެހޭނީ މަދުވެގެން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ މީހަކަށެވެ. އެކަމަކު ފަހުން ކުރި އިޢުލާންގައި ވާ ގޮތުން ނަމަ، ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވާ މީހަކަށް ވެސް މި މަޤާމަށް އާދެވުމުގެ ފުރުސަތު އެބަ އޮތެވެ. ޝަރުތަކީ ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 6 އަހަރުދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކަނޑައަޅާފައިވާ މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުމެވެ.

އެކަމަކު ރަށު ކައުންސިލްގެ ޒިންމާދާރުވެރިޔާއަކީ ދެން ތިބި މުވައްޒަފުންނަށް ވުރެ ތައުލީމީ ގޮތުން ދަށް މީހަކަށް ވެއްޖެ ނަމަ މިއީ ހަމަޖެހޭ ކަމަކަށް ވާނެތޯ މި ވެސް ހަމަ އުފެދޭ ސުވާލެކެވެ. އެސްޖީ އިން ނުލިބިގެން މިއުޅެނީ ބަޔާންކޮށްފައިވާ ކޮލިފިކޭޝަން ކްރިޓީރިއާ އަަށް ފެތޭ މީހުން ރާއްޖޭގައި ނެތިގެންނެއް ނޫނެވެ. ޓޮކްސިކް އެންވަޔަރަމަންޓެއްގައި، ބޮޑު ޒިންމާއެއް ބޮލު އަޅައިގެން ކުރަންޖެހޭ މަސައްކަތްތަކާއި ނުބައްދަލު ކުޑަ މުސާރައެއް ނަގަން ގިނަ މީހުން ބޭނުން ނުވާތީއެވެ. ޑިގްރީ ނަގައިގެން ތިބޭނީ ތަންދޮރު ނުދަންނަ މީހުންނެއް ނޫން ވިއްޔާއެވެ.

މި ރިޕޯޓްގައި ބަޔާން މިކުރީ އެކިއެކި ކައުންސިލްތަކުގެ އިދާރާތަކުގެ އެސްޖީ އިންގެ ކަންބޮޑުވުންތަކާއި ކަން އޮތް ޙާލަތެވެ. މިފަދަ ކަންކަން ތަކުރާރުވެ، މިކަންކަމަާއި މެދު ދައުލަތުގެ މުވައްސަސާތަކާއި ވުޒާރާތަކުން އަޅާނުލައި، ބީރު ކަންފަތެއްދީ، ނަޒަރު އަންދާޒކުރަމުންދާ ކަމަށް ވާ ނަމަ، ކުރިއަށް އޮތް މުސްތަޤުބަލުގައި، އިދާރީ ދާއިރާތައް ހިންގަން، ޒިންމާދާރު ވެރިންގެ ގޮތުގައި ސެކްރެޓަރީ ޖެނެރަލުން ނުލިބި، އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތަކުން ޒިންމާތަކާއި ހަވާލުނުވެ، އިދާރީ ދާއިރާތައް ޒިޒާމުން ގެއްލި، ލާމަރުކަޒީ ނިޒާމު އެކުލަވާލައި ހަރުދަނާކުރުމަށް ސަރުކާރުން ކުރި ހޭދަ އާއި ބުރަ މަސައްކަތް ބޭކާރުވެ، ރައްޔިތުންގެ އިތުބާރު ނިޒާމުގެ މައްޗަށް ގެއްލިދާނެކަމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.