މިދިޔަ މަހު ރިލީޒްވި ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމު "ބްރަހްމާސްތްރާ: ޕާޓް ވަން ޝިވާ" އަންނަ މަހުގެ 4 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ޕްރިމިއަކުރަން ނިންމައިފިއެވެ.
އެކްޓަރު ރަންބީރް ކަޕޫރު އަދި ބަތަލާ އާލިއާ ބަޓް މުހިއްމު ރޯލްއިން ފެނިގެންދާ މިފިލްމަކީ ދަރްމާ ކުންފުނިން ޕްރޮޑިއުސްކުރި ފިލްމެކެވެ.
މި ދެ ތަރިންގެ އިތުރުން އެކްޓަރު އަމީތާބް ބައްޗަން، ސައުތް އެކްޓަރު ނާގުރްޖާން އަކިނޭނީ ޓެލެވިޒަން ބަތަލާ މޯނީ ރޯއި އަދި ހާއްސަ ފެނިލުމަކުން އެކްޓަރު ޝާހްރުކް ޚާން ފެނިގެންދާނެއެވެ.
ރަންބީރްއާއި އާލިއާ އެކީގައި ފެނިގެންދަ ފުރަތަމަ ފިލްމު "ބްރަހްމާސްތްރާ" އަކީ ފެންޓަސީ އެޑްވެންޗާއެކެވެ. މިއީ ޒުވާން ޑައިރެކްޓަރު މަސައްކަތްފެށި މިފިލްމުގެ ފުރަތަމަ ބައެވެ.
މިފިލްމުގެ ދެވަނަ ބައި ގެނެސްދިނުމަށް މަސައްކަތް 2024 ވަނަ އަހަރު ފަށަން ތައްޔާރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ދެވަނަބައި ގެނެސްދޭން ނިންމާފައިވަނީ ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހިންދޫ މިތޮލޮޖީއަކަށެވެ.
ފިލްމު "ބްރަހްމާސްތްރާ" ޑިޖިޓަލް ޕްލެޓްފޯމްގައި ޕްރިމިއާކުރަން ނިންމާފައިވާއިރު ފިލްމަށް ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބީއެއްވަނީ ލިބިފައެވެ.
އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައިވެސް ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.
ފިލްމު ހޮޓްސްޓާގައި ޕްރިމިއާކުރުމާ ގުޅޭގޮތުން ޑައިރެކްޓަރު އަޔާން މުކަރްޖީ ބުނެފައިވަނީ ފިލްމު ޑިޖިޓަލް ޕްލެޓްފޯމްގައި ދެއްކުމަށް ނިންމާފައިވަނީ ފިލްމަށް އިންތިޒާރުކުރި ގިނަބަޔަކަށް ފިލްމު ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމުގައެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ފިލްމު ސްޓްރީމްކުރުމަށް ނިންމާފައިވާއިރު ފިލްމު ސްޓްރީމްކުރުމަށް ހަމަޖެހިފައިވަނީ 5 ބަހުރުވައަކުންނެވެ. އެއީ ހިންދީ، ތަމަޅަ، ތެލުގޫ އަދި މަޅަޔާލަމްގެ އިތުރުން ކަންނާޑާ ބަހުންނެވެ.