ދިރާގުން ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލުގައި ކުރިއަށްގެންދާ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިއީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ ދަށުން ވެދިން އެހީތެރިކަމެކެވެ.
ޖަލާލުއްދީން ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުން ވަނީ އެ ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ އަދި ދަރިވަރުންގެ ކިޔެވުން އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ތަފާތު ވަސީލަތްތައް ހަދިޔާކޮށްދީފައެވެ.
މީގެތެރޭގައި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ފަރުނީޗަރު، ޖިމް ކަސްރަތު ބޯޅަ އަދި އެ ޔުނިޓަށް ބޭނުންވާ އެކި ފޮތްތަކާއި ޕަޒްލްތައް ހިމެނެއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައިވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފްއެވެ. މީގެ އިތުރުން ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން، ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުޙައްމަދު އާއި ސްކޫލް މެނޭޖްމަންޓް، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުންވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވީ ތަޢުލީމަށް ކުރާ ކޮންމެ ހޭދައަކީ މުސްތަޤުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށާއި، އެހެންކަމުން ޖަލާލުއްދީން ސްކޫލްގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް ދިރާގުން ފޯރުކޮށްދިން މި ބޮޑު އެހީތެރިކަމަށް ދިރާގުގެ ވެރިންނަށާއި މުވައްޒަފުންނަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށެވެ.
އަދި މި އެހީތެރިކަމުގެ ސަބަބުން ސްކޫލްގެ ވަސީލަތްތައް އިތުރުވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ރަނގަޅު އަދި ދެމެހެއްޓެނިވި ފައިދާއެއް ވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މޭޔަރު އާތިފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޑައިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޒުވާނުން ބާރުވެރިކުރުމަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގައި ޚާއްޞަ އަހައްމިއްޔަތު ކަމެއްދޭ ދާއިރާއެއް ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އެހީތެރިވުމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުޖުތަމަޢުތައް ބާރުވެރިކުރުމަށް އިސްކަމެއްދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް މިރްޝާން ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ، ދިރާގުގެ އެއްބާރުލުމާއި ދީލަތި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށާއި، މި ވަސީލަތްތަކުގެ ސަބަބުން ސްކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ޔުނިޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޖަލާލުއްދީން ސްކޫލްގެ މަޤްސަދެއްކަމަށްވާ އިންކްލޫސިވް އެޑިއުކޭޝަނަށްވެސް، ދިރާގުގެ އެހީތެރިކަމުގެ ސަބަބުން ވަރަށް ބޮޑު ބާރަކަށްވެގެންދާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
ދިރާގުން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުވާސަލާތީ ގުޅުމުގެ އިތުރުން މުޖުތަމަޢުއަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި، މިހާރުވެސް ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢުގެ ޒުވާނުން ބާރުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.