ބައިސްކޯފުން ކުރިއަށް ގެންދާ ސިލްސިލާ މިއުޒިކީ ޝޯވ "ޗަނާޗާ"ގެ 2022 ވަނަ އަހަރުގެ އެޑިޝަން ފެށޭކަށް ދެން މާ ގިނަ ދުވަހެއް ނެތެވެ. މިޝޯވ ތާވަލުކޮށްފައި ވަނީ އަންނަ ހޮނިހިރު ދުވަހަށެވެ.

29 އޮކްޓޫބަރު 2022ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 12:00 އަށް ހުޅުމާލޭ ސްޓޭޑިމްގައި ބޭއްވުމަށް ނިންމާފައިވާ މިޝޯވއަކީ ޗަނާޗާގެ 3 ވަނަ ޝޯވއެވެ. ހަވީރު 04:00 އިން 06:00 އަށ ކުރިއަށްދާ ދަނަފަޅިއަށް ޓިކެޓް ނުނަގައި ހިލޭ ވަދެވޭނެއެވެ. އެހެންނަމަވެސް ރޭގަނޑު 08:00 އިން 12:00 އަށް ޝޯވ ބެލޭނީ ޓިކެޓް ނަގާފައިވާ ފަރާތްތަކަށެވެ. ޗަނާޗާގެ ޓިކެޓެއް ވިއްކަނީ 150 ރުފިޔާ އަށެވެ. ބައިސްކޯފުން ބުނިގޮތުގައި އޮންލައިންކޮށް ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ޝޯގެ ޓިކެޓު، ބައިސްކޯފުގެ އިންސްޓަގްރާމު ޕޭޖުގައިވާ ލިންކަށް ގޮސްގެން ގަނެވޭނެއެވެ.

https://www.facebook.com/baiskoafu/videos/819527349172536/

ބައިސްކޯފުގައި އަންގާރަ ދުވަހުގެ ހަވީރު "ވީނިއުސް" އާ ވާހަކަދައްކަމުން ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ ރަޝީދު ވަނީ މި ޝޯވ ބެލުމަށް ޓިކެޓް ނަގައިގެން ގުރުއަތުން ހޮވޭ މީހަކަށް ހާއްސަ އިނާމެއް ދޭ ގޮތަށް ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި، "ޗަނާޗާ 2022" އަށް ވަނުމަށް ޓިކެޓް ގަންނަ މީހުންނަށް މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ. މިއީ މި އިވެންޓްގެ ސްޕޮންސަރެއް ކަމުގައިވާ ލޮޓަސް ބައިކް ޝޮޕް އިން ދޭން ހަމަޖައްސާފައިވާ ބެނެލީ ބްރޭންޑްގެ 'ޕެނެރީ' ސްކޫޓާ ސައިކަލެކެވެ. މި ސައިކަލުގެ އަގަކީ 47،000 ރުފިޔާއެވެ.

އަމިއްލަ އުފެއްދުންތަކަށް އިސްކަންދީގެން ބައިސްކޯފުން ކުރިއަށްގެންދާ ޗަނާޗާއަކީ ގިނަ ފަންނާނުންތަކެއް ފެނިގެންދާ މިއުޒިކް ޝޯވއެކެވެ. ފުރަތަމަ ޗަނާޗާ ޝޯވ ބާއްވާފައިވަނީ 2018 ވަނަ އަހަރެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރުވެސް ފޯރިގަދަ ޗަނާޗާ ޝޯވއެއް ބޭއްވިއެވެ. ނަމަވެސް ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު މި ޝޯވ ބައްވާފައެއް ނުވެއެވެ.

ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ ރަޝީދު ވީނިއުސްއަށް އިންޓަރވިއުދެއްވަނީ

"ވީނިއުސް" އަށް ދެއްވި އެކްސްކުލޫސިވް އިންޓަރވިއުއެއްގައި ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ ރަޝީދު، ބުނި ގޮތުގައި ޗަނާޗާއަކީ މިއުޒިކް ދުނިޔޭގެ މިހާރު ފުންނާބު އުސް ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ބާއްވާ ޝޯވއެކެވެ. އަދި މިއީ އާޓިސްޓުންގެ އަމިއްލަ އުފެއްދުންތައް ދައްކާލުމަށް މަގުފަހިކޮށްދިމުގެ ބޭނުމުގައި ކޮންމެ އަހަރަކު ބާއްވަން ހުޅުވާޅި ޕްލެޓްފޯމެކެވެ. ނޫރާ ވިދާޅުވި ގޮތުގައި މިއަހަރުގެ ޗަނާޗާ ޝޯވ ޒުވާނުންގެ ދުވަހާއި ވެސް ވަނީ ގުޅުވާލާފައެވެ.

ޗަނާޗާއަކީ ދިވެހި ފަންނާނުންނަށް ހާއްސަކޮށްގެން ބައްވާ ހުނަރުދައްކާލުމުގެ ޝޯވއަކަށް ވާއިރު، ލައިވްކޮށް ފަންުނާނުންގެ ހުށަހެޅުންތައް ފެނިގެންދާ މިޝޯވގައި ކޮންމެ އަހަރަކު ވެސް އިސްކަންދެނީ އާ ފަންނާނުންނަށެވެ. ނޫރާ ފާހަގަކުރި ގޮތުގައި، މިހާތަނަށް އަދި ބޭއްވި ކޮންމެ ޗަނާޗާ ޝޯވއެއްގައި ވެސް ފަންނާނުން ރިޕީޓުުކުރުން ވަނީ އެވޮއިޑްކުރެވިފައެވެ.

މިފަހަރުގެ ޝޯވގައި އާންމުންގެ މެދުގައި މަގުބޫލު މިއުޒިކް ބޭންޑްތައް ކަމަށްވާ ޓްރެފިކް ޖޭމް، ރެވިއޯ، ސިމްބޮލިކް ރެކޯޑްސް، ސްކައި ރޮކް، އަޗީޝިއާ، އެކުއަޓިކް ވައިބް، ފަސީ ލައިވް އިން ހުނަރު ދައްކާލާނެއެވެ. ހަމައެހެންމެ، ކޭޖޭ، ޔާނީ، ތަސް، އަދި ބޮކިޓޯ ފަދަ ފަންނުވެރިންގެ ހުނަރު ވެސް މިޝޯވގައި ފެނިގެންދާނެއެވެ.

https://www.facebook.com/baiskoafu/videos/chanaachaa-traphic-jam/5514689355274815/

އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރުގެ ޗަނާޗާ ޝޯވގައި ރާއްޖޭން ބޭރުގެ ދެ ފަންނާނުން ޕަފޯމްކުރާނެއެވެ. އޭގެ ތެރޭގައި މަޝްހޫރުވެގެން އުޅޭ ލަވަ "މަނިކެ މަގެ ހިތެ" ކިޔައިގެން ދިވެހިންނަށް މަގުބޫލު ވެފައިވާ ސްރީލަންކާގެ އާޓިސްޓެއް ކަމަަށްވާ ޔޯހާނީ ހިމެނެއެވެ. ޔޯހާނީ އަކީ ސްރީ ލަންކާގެ 28 އަހަރުގެ ލަވަކިޔުންތެރިޔެއް އަދި އަދި މިއުޒިކް ޕްރޮޑިއުސަރެކެވެ. ޔޯހާނީ މަޝްހޫރު ވެފައިވަނީ ޔޫޓިއުބްގައި ލަވަކިޔައިގެންނެވެ. އަދި އޭނާ ޑެބިއޫ ކޮށްފައިވަނީ "އާޔޭ" ނަމަކަށް ކިޔާ ސިންގަލްއަކުންނެވެ. ގިނަ ބައެއްގެ މެދުގައި ޔޯހާނީ މަޝްހޫރު ވެފައިވަނީ ރެޕް ލަވަކިޔުމުގެ ހުނަރުގެ ސަބަބުންނެވެ. އެއާއެކު އޭނާއަށް ވަނީ ލަންކާގެ "ރެޕް ޕްރިންސެސް"ގެ ނަން ދީފައެވެ. ޔޯހާނީގެ އިތުރުން ދެން ވެސް މި ޝޯވގައި ޕަފޯމްކުރާނީ ލަންކާގެ ލަވަކިޔުންތެރިއެކެވެ.

ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ "ވީނިއުސް" އަށް ބުނި ގޮތުގައި، ބޭރުގެ ފަންނާނުން މި ޝޯވގައި ބައިވެރިކުރުމުގެ ބޭނުމަކީ އެ ފަންނާނުންނަށް ދިވެހި ފަންނާނުންނާއި ފަންނުވެރިކަން ތައާރަފުކޮށްދީ ގާތް ގުޅުމެއް އުފެއްދުން ކަމަށެވެ. މިކަމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދިވެހި ފަންނާނުންނަށް އެތަކެއް ފައިދާއެއް ލިބިގެންދާނެ ކަމަށް ނޫރާ ބުންޏެވެ. ނޫރާ ފާހަގަކުރި ގޮތުގައި، ހަގީގަތުގައި މިއީ އިންޓަނޭޝަނަލް އޯޑިއަންސަށް ވެސް ހުޅުވިގެންދާ ދޮރެކެވެ.

https://www.facebook.com/baiskoafu/videos/chanaachaa-2022-raveo/696867428081516

ގިނަ ތަފާތުތަކަކާއެކު ބާއްވަން ތައްޔާރުވަމުން އަންނަ "ޗަނާޗާ 2022"ގައި އެހެން އަހަރުތަކާ ޚިލާފަށް ވީއައިޕީ ޓިކެޓެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. ބައިސްކޯފުން ނޫރާ ބުނި ގޮތުގައި، މި ޓެކުޓު ގަތުމުން "މަނިކޭ މަގޭ ހިތޭ" ލަވައިން ބޮޑު މަގުބޫލުކަމެއް ހޯދި، ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑިސިލްވާއާ ބައްދަލުކޮށްލާ، އެކުގައި ފޮޓޯނެގުމުގެ ފުރުސަތު ލިބޭނެއެވެ. އަދި "ޗަނާޗާ 2022"ގެ ޓީޝާޓަކާއެކު، ޝޯ ބަލާލުމަށް ޚާއްސަ ޖާގައެއް ވީއައިޕީ ޓިކެޓު ގަންނަ މީހުނަށް ހަމަޖެހޭނެއެވެ. 999 ރުފިޔާއަށް ވީއައިޕީ ޓިކެޓެއް ވިއްކާއިރު، ވީއައިޕީ ޓިކެޓު ވިއްކަން ހަމަޖެހިފައި ވަނީ ލިމިޓެޑް އަދަދަކަށެވެ. އަދި ކުރިން ޓިކެޓު ގަނެފައިވާ މީހުނަށް ވެސް ވީއައިޕީ ޓިކެޓަކަށް ބަދަލުކުރަން ބޭނުންނަމަ އެ ފުރުސަތު ބައިސްކޯފުން ވަނީ ހުޅުވާލާފައެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މިއަހަރުގެ ޝޯވގައި އަދިވެސް އެތަކެއް ތަފާތުތަކެއް ހުންނާނެކަން ފާހަގަކުރަމުން ނޫރާ ބުނީ "އެކި ރޭންޖް" ތަކުގެ ފަންނާނުން މި އަހަރުގެ ޝޯވގައި ވެސް ފެނިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުވެސް އިރާދަކުރެއްވިއްޔާ ޗަނާޗާ ޝޯވ އެއް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށާއި، މުސްތަގުބަލުގައި ޗަނާޗާ އަކީ "ވަރަށް ބޮޑު ވެގެންދާނެ" ޝޯވއެއް ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ ކުރިން އޮލިމްޕަހުގައި ބޭއްވި މިޝޯވ ހުޅުމާލޭ ސްޓޭޑިއަމްގައި ބޭއްވުމަކީ ވެސް ތަފާތަކެވެ. ނޫރާ މައުލޫމާތު ދިން ގޮތުގައި މިޝޯވ ކުރިއަށްދާއިރު ކެއުންބުއިމުގެ ޚިދުމަތް ވެސް އެސަރަހައްދުން ލިބިގެންދާނެއެވެ.