- މިއީ، ރައީސް މަގާމުން ދުރުކޮށް، ސަރުކާރު ވައްޓާލުމުގެ ފުރަތަމަ ފިޔަވަޅު: އިދިކޮޅު
ސްރީލަންކާ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާއެއް ބޭއްވުމަށް، ސްރީލަންކާގެ ހުރިހާ އިދިކޮޅު ޕާޓީތައް އަތުގުޅާލައިފިއެވެ.
މުޒާހަރާ ބޭއްވުމަށް ނިންމާފައިވަނީ މިފެށޭ ނޮވެމްބަރު މަހުގެ 2 ވާ ބުދަ ދުވަހުއެވެ.
މިކަމާގުޅޭ ގުޅިފައިވާ އެއްބަސްވުމުގައި އިއްޔެވަނީ ސޮއިވެސް ކޮށްފައެވެ.
މުޒާހަރާ ކުރިއަށް ގެންދިއުމަށް ސޮއިކުރި ފަރާތްތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި، ޓްރޭޑް ޔޫނިއަންތަކާއި، ކިޔަވާ ކުދިންގެ ހަރަކާތްތަކުގެ އިތުރުން، މަދަނީ ޖަމާއަތްތައް ހިމެނޭގޮތުން ސަތޭކައެއްހާ ގްރޫޕު ހިމެނެއެވެ.
މުޒާހަރާގައި ބައިވެރިވާ މައިގަނޑު ފަރާތްތަކުގެ ތެރޭގައި، އެންމެބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ސަމަގި ޖަނަ ބަލަވެގަޔަ، އެސްޖޭބީއާއި، ސްރީލަންކާ ފްރީޑަމް ޕާޓީއާއި، ފްރަންޓްލައިން ސޯޝަލިސްޓް ޕާޓީއާއި، ސިލޯން ޓީޗާރސް ޔޫނިއަންއާއި، އިންޓަރ ޔުނިވަރސިޓީ ސްޓްޑެންޓްސް ފެޑެރޭޝަނާއި، ޔަނަގް ޖާރނަލިސްޓްސް އެސޯސިއޭޝަން އޮފް ސްރީލަންކާވެސް ހިމެނެއެވެ.
މިއީ، އެއްވެ އުޅުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްއަޅާތީ އެކަމާ ދެކޮޅަށް ކުރަން ރާވާފައިވާ މުޒާހަރާއެކެވެ. މުޒާހަރާކުރާ މީހުންގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި، ސަރުކާރާ ދެކޮޅަށް ބާއްވާ މުޒާހަރާތަކަށް ފުލުހުން ހުރަސްއެޅުމައި، އާންމުންނަށް އަނިޔާކުރުމާއި ހައްޔަރުކުރާ މައްސަލައިގެން އިތުރުން، ރިހެބިލިޓޭޝަން ބިލުގެ މައްސަލަވެސް ހިމެނެއެވެ.
މުޒާހަރާ ބޭއްވުމަށް އެކުލަވާލި ގުޅިފައިވާ ބަޔާނުގައި ސޮއިކުރުމަށްފަހު، ސިޔާސީ ޕާޓީތަކާއި އެކިއެކި ޖަމާއަތްތަކުގެ މަންދޫބުން ބުނެފައިވަނީ، އަންނަ ހަފްތާގައި ބާއްވާ މުޒާހަރާއަކީ، ރައީސް ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކޮށް، އޭނާގެ ސަރުކާރު ވައްޓާލުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
ބުދަ ދުވަހުގެ މުޒާހަރާ ކުރިއަށްދާނީ ހިނގާލުމެއްގެ ގޮތުގައި ކަށާއި، އެގޮތުން ހިނގާލުން ފަށާނީ ކޮލަމްބޯ 10 ގެ އެލްފިންސްޓޯން ތިއޭޓަރު ކައިރިން ކަމަށްވެސް ބުނެފައި ވެއެވެ.
ސްރީލަންކާގެ ރައީސްކަމަށް ރަނިލް ވިކްރަމަސިންހަ ވަޑައިގެންނެވި ފަހުން، ޓެރަރިޒަމް ހުއްޓުވުމުގެ ވަގުތީ ގާނޫނުގެ ދަށުން، މުޒާހަރާކުރާ ކިޔަވާކުދިންނާއި، ސިވިލް އެކްޓިވިސްޓުން ހައްޔަކުރުން ވަނީ އާންމުވެފައެވެ.
މުޒާހަރާއަށް ނުކުންނަން ނިންމި ސިޔާސީ ޕާޓީތަކާއި، މަސައްކަތްތެރިންނާއި، ކިޔަވާކުދިންނާއި، މަދަނީ ޖަމާއަތްތަކުގެ މަންދޫބުން ބުނެފައިވަނީ، އެމީހުން ބޭނުންވަނީ ރައްޔިތުންގެ ބާރު ހުރިކަން މުޅި ދުނިޔެއަށް ދައްކާލުމަށް ކަމަށެވެ.
ރައްޔިތުންނަށް އަނިޔާވެރިވާން ފެށުމުން ޖުލައި 9 ގައިވެސް ސްރީލަންކާގެ ރައްޔިތުން އެކަތިގަނޑަކަށްވެ މަގުމައްޗަށް ނުކުމެ އެ އަނިޔާވެރިކަން ހުއްޓުވި ކަމަށާއި، ދެންވެސް އެކަން ކުރާނޭ ކަމަށް އެމީހުން ބުނެފައި ވެއެވެ.
ދެންހުރިހާ ތާކު ހުޅުޖަހައިގެން ރައްޔިތުންގެބާރު ދައްކައިގެންތިބޭ