ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް ކަމަށްވާ 'ވާވޮށި ޓާރޓަލް ފެސްޓިވަލް 2022' ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަށް ދިރާގުން ސޮއިކޮށްފިއެވެ.

ބައިންލައަޤްވާމީ އެންޖީއޯއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޫބަރުގައިއެވެ.

ފެސްޓިވަލް ކުރިއަށްދާނީ ނ.ޅޮހި، ރ.ފައިނު، ބ.ގޮއިދޫ، ޅ.ހިންނަވަރު، ކ.ހުރާ، ކ.މާފުށި، ވ.ކެޔޮދޫ އަދި ސ.ފޭދޫ، މި 9 ރަށުގައި އެއްފަހަރާއެވެ.

'ވާވޮށި ޓާރޓްލް ފެސްޓިވަލް' ކުރިއަށްދާނީ މި ރަށްރަށުގެ ސްކޫލްތަކާ ގުޅިގެންނެވެ. މިގޮތުން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ކުދިންނަށް ފެސްޓިވަލް ގައި ބައިވެރިވެވޭނެއެވެ. މި ފެސްޓިވަލްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކުރުމެވެ. އަދި ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ފެސްޓިވަލްގެ ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ތިމާވެށީގެ އެކި ޖަމިއްޔާތަކުން "ކޮންޒަވޭޝަން ކޮންވާސެޝަންސް" ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ހިމެނެއެވެ. އަދި 'ވާވޮށި ފެސްޓިވަލް ރެލީ' ގެ ނަމުގައި ބައްވާ ޕެރޭޑެއްގައި ވެލާ ހިމާޔާތްކުރުމަށް ދަރިވަރުން ޕްލެޖެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިފެސްޓިވަލްއާއި ގުޅުވައިގެންވަނީ މި މަހުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ޕޯސްޓަރ ޑިޒައިން ކުރުމުގެ މުބާރާތެއްވެސް ހުޅުވާލާފައެވެ.

ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަ ކަމަށް އެކުންފުނިން ބުނެއެވެ.