މިއަދަކީ ދިވެހި ރާއްޖެއަށް އިސްލާމް ކަމުގެ އަލި ނޫރު ފާޅުވެގެން ދިޔަތާ 896 އަހަރު ފުރުނު ދުވަހެވެ.

ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަސް ފާހަގަކުރެވެނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައެވެ. މިދުވަސް މިގޮތަށް ފާހަގަކުރެވެނީ އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ.

ސިރީ ތްރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށް ފަހު އިޚްތިޔާރު ކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲއެވެ. ދިވެހީންގެ މެދުގައި މިރަދުންގެ ނަންފުޅު މަޝްހޫރު ވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

މިއީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އަގުހުރި ދަރުމަވަންތަ ޚިދުމަތްތަކެއް ކުރެއްވި ރަސްކަލެކެވެ. މި ރަސްގެފާނަށް ނިސްބަތްވާ ދެ މިސްކިތް މާލޭގައި މިހާރުވެސް އެބަހުއްޓެވެ. އެއީ ދަރުމަވަންތަ މިސްކިތާއި، މަސްޖިދުއް ސުލްތާން މުޙައްމަދު ބުނި ޢަބްދިﷲއެވެ. ދަރުމަވަންތަ މިސްކިތަކީ މާލޭގައި އަދި ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް މިސްކިތެވެ. މީގެއިތުރުން ދަރުމަވަންތަ ސްކޫލް ވެސް ނިސްބަތްވަނީ ދަރުމަވަންތަ މަހާރަދުންނަށެވެ. މިކަންކަމުން ދޭހަވަނީ ދަރުމަވަންތަ ރަސްގެފާނަށް ޙައްގު މަޤާމު ހޯއްދަވައި ދެއްވުމަށާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޙިމާޔަތްކުރެއްވުމަށް ސަރުކާރުތަކުން ކުރި މަސައްކަތެވެ.

ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1954 ވަނަ އަހަރެވެ. އެއިރު ރަސްކަމުގެ ތަހުތުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްއެވެ. އެއަށް ފަހު 1388ހ. (1968މ.) ވަނަ އަހަރު ފެށިގެން މިދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވާލެއްވުމަށް ފަހު އަލުން ފާހަގަކުރައްވަން ފެށްޓެވީ 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހުއޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.

އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރެއްވުމަށް ފެނިވަޑައިގެންނެވެ.

ދިވެހިން މިއަދު ރާއްޖޭ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓޭ އެންމެ ބޮޑު އަސާސެއް ކަމުގައި ދިވެހިން ޤަބޫލުކުރަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުނު ލިބުމެވެ. ރާއްޖެ ޖަޒިރާ ޤައުމެއްގެ ގޮތުގައި މިނިވަންކަމާއި އަމާންކަމާއިއެކު އޮތުމުގެ އެއް ސަބަބަކީވެސް އިސްލާމް ދީނެވެ.

މީގެ އިތުރަށް ދިވެހިންގެ ކިބައިގައި ހުރި ގިނަ ރިވެތި ސިފަތަކާއި އާދަކާދަތަކާއި އިޖްތިމާޢި އަގުތަކުގެ އެއްސަބަބަކީވެސް އިސްލާމް ދީންކަމަށް ދިވެހިން ޤަބޫލުކުރެއެވެ. ރާއްޖެއަށް އިސްލާމްދީން ނޫން ދީނެއް ނުވަތަ ދީންތައް ތަޢާރުގު ކުރަންޖެހޭނެ ކަމަށް ބަޔަކު ނުވަަތަ މީހަކު ގޮވާލާ ކޮންމެ ގޮވާލުމަކަށް ދިވެހިން އަންނަނީ ވަރަށް ސާބިތުކަމާއެކު ނޫނެކޭ ބުނަމުންނެވެ. އަދި އެކަން ދަމަހައްޓަމުންނެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުގައި ވަނީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީންކަމަށް ކަނޑައަޅައިފައެވެ. ޤާނޫނުގެ 10 ވަނަ މާއްދާގައި ދައުލަތުގެ ދީން ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ)ގައި ސާފު އިބާރާތުން އޮތީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެމައިގަނޑު މަސްދަރެކެވެ. ހަމަ އެ މާއްދާގެ (ށ) ގައި އޮތީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެއެވެ.

މާތް ﷲ އަހަރެމެންގެ މި ކުޑަކުޑަ ދީބު އިސްލާމީ ހިދާޔަތުގައި އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ.