މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ދެއްވާ "މުފްތީ މެންކް އިން މޯލްޑިވްސް" ލެކްޗަރ ސީރީޒްގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަށް ދިރާގުން ސޮއިކޮށްފިއެވެ.

މުފްތީ މެންކް މިއަދު ރާއްޖެއަށް ވަޑައިގެންނެވިއިރު މި ދަތުރުފުޅު ނިންމަވާލައްވާނީ މިމަހުގެ 31 ނިޔަލަށެވެ. އަދި މި ދަތުރުފުޅުގައި މާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުޅުމާލޭގައި ލައިވް ދަރުސްތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެއިތުރުން މާދަމާ މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނު އަލްއައުޒަމްގައި ހުކުރު ޚުތުބާވެސް ދެއްވާނެއެވެ.

މެންކު ހުކުރު ޚުޠުބާ ދެއްވާނީ "ރިވައިވް ޔުއަރ ކަނެކްޝަން ވިތު ﷲ [ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން]" މި މަޢުޟޫއަށެވެ.

މިއީ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ. މީގެ ކުރިން އެބޭފުޅާ ވަނީ 2015, 2016 އަދި 2020 ވަނަ އަހަރުތަކުގައި މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީ ގައި ދީނީ ދަރުސް ދެއްވާފައެވެ.

އެންމެފުރަތަމަ މިމަހުގެ 28 ވަނަ ދުވަހު މާލެ ސިޓީގެ އަލިމަސް ކާނިވަލުގައި މުފްތީ މެންކު ދެއްވާ ދަރުސްގެ މައުލޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ. 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ދެއްވާ ދަރުސް ދެއްވަން ހަމަޖެހިފައިވަނީ އިސްލާމްކަމާއި އޯގާތެރިކަމަށެވެ. 30 ވަނަ ދުވަހު އައްޑޫ ސިޓީގެ ސިޓީ ސްކޮޔަރގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޕްރޮޑަކްޓިވް މުސްލިމް އަށެވެ. އެންމެފަހު ދަރުސް ދެއްވާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އެއީ މިމަހުގެ 31 ވަނަ ދުވަހުއެވެ. އެދަރުސްދެއްވާ މައުލޫއަކީ އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތެވެ. ކޮންމެ ދަރުސެއްވެސް ފެށޭނީ ދަރުސް ބޭއްވުމަށް އޮންނަ ދުވަހުގެ ރޭގަނޑު 8:45 ގައެވެ. އަދި ދެއްވާ ދަރުސްތަކުގައި އާންމުންގެ ސުވާލުތަކަށް ހުޅުވައެއް ނުލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގައި އިސްލާމީ ރިވެތި އަޚްލާޤު ކުރިއެރުވުމަށް ހިންގާ މިފަދަ ޕްރޮގްރާމްތަކާއި އިނީޝިއޭޓިވްތަކަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުންދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.