އެކްޓަރު ވަރުން ދަވަންއާއި ބަތަލާ ކްރިތީ ސެނަން މުހިއްމު ރޯލްއިން ފެނިގެންދާ ބިރުވެރި ފިލްމު "ބޭޅިޔާ" ގެ ޓްރެއިލާ ރިލީޒްކޮށް ފިލްމު ސިނަމާތަކަށް އަންނާނެ ދުވަސް އިއުލާނުކޮށްފިއެވެ.

މިފިލްމަކީ ބޮޑު މަގުބޫލުކަމެއް ހޯދި ބިރުވެރި ފިލްމު "ސްޓްރީ" އަދި "ރޫހީ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް މެޑޮކް ފިލްމްސްއިން ގެނެސްދޭ ހޮރޯ ކޮމެޑީއެކެވެ.

މިދިޔަ އަހަރުގެ މާޗް މަހު ޝޫޓިންގް ފެށި މިފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ އިންޑިއާގެ އަރުނަޗަލް ޕްރަދޭޝްގައެވެ.

2 މަސް ދުވަހުގެ މުއްދަތަކަށް މިސަރަޙައްދުގައި ފިލްމުގެ ޝޫޓިންގް ކުރިޔަށްދިޔައިރު މިސަރަހައްދަށް ނިސްބަތްވާ ގިނަ އާޓިސްޓުންތަކެއް ފިލްމުން ފެނިގެންދާނެއެވެ. އޭގެތެރޭގައި ލީޑް ކެރެކްޓައެއްގެ އިތުރުން ފިލްމަށް ހާއްސަ ލަވައެއް ކިޔައިދީފައިވާ ރެޕާއެއްވެސް ހިމެނެއެވެ.

ބަތަލާ ކްރިތީ ސެނަން ފިލްމުގައި ޑޮކްޓަރެއްގެ ރޯލްއިން ފެނިގެންދާއިރު ވަރުންއަށް ހާއްސަ "ވުލްފް" ބާރުތަކެއް ލިބި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލުވެގެންދާ މަންޒަރު ފެނިގެންދާނެއެވެ. އަދި ވަރުންއަށް އައި ބަދަލުތައް ދިރާސާކޮށް އެކަމުން އޭނާ ސަލާމަތްކުރުމަށް ކްރިތީއާއެކު ރަހްމަތްތެރިން މަސައްކަތްކުރެއެވެ.

މިފިލްމުގެ ކެރެކްޓާއަށް ވަރުންވަނީ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވަނީ އެކްޓަރު ވަރުން ދަވަން ފިލްމު އިންޑަސްޓްރީއާއި ގުޅުނުތާ 10 އަހަރު ފުރުމާ ދިމާކޮށެވެ. ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ ކުރިޔަށްއޮތް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ވަރުން އެންމެ ފަހުން ފެނިފައިވަނީ ފިލްމު "ޖުގް ޖުގް ޖިޔޯ" އިންނެވެ.

ބަތަލާ ކްރިތީ ސެނަންގެ ދެ ފިލްމެއް ދާދިފަހުންވަނީ ރިލީޒްވެފައެވެ. އެއީ އެކްޓަރު އަކްޝޭ ކުމާރް އަދި އަރްޝަދު ވަރްސީއާއެކު ކުޅުނު ފިލްމު "ބައްޗަން ޕާންޑޭ" އަދި ފިލްމު "ހަމް ދޯ ހަމާރޭ ދޯ" އެވެ.

https://www.youtube.com/watch?v=mfl--nI-Bhs