ދާދިފަހުން ދަރްމާ ކުންފުނިން ރިލީޒްކުރި ފިލްމު "ލައިގާ" އަށްފަހު ފިލްމުގެ ލީޑް އެކްޓަރު ވިޖޭ ދެވެރަކޮންޑާއާއެކު ދަރްމާއިން އިތުރު ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިފިލްމާއި ގުޅޭގޮތުން އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް މިފިލްމީ ޕްރޮޖެކްޓްގެ ހުރިހާވެސް މަސައްކަތެއް ކުރިޔަށް ގެންދާނީ ކަރަންގެ ބެލުމުގެ ދަށުންކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ލައިގާ" އާ ބެލުންތެރިން މާބޮޑަށް ގަޔާވެފައިނުވުމުން މިފަހަރު ކަރަން ބޭނުންވަނީ ވިޖޭ ހިމަނައިގެން ރީތި ލޯބީގެ ފިލްމެއް އުފައްދަން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދާދިފަހުން ތެލުގޫ އެކްޓަރު ވިޖޭވަނީ ބަތަލާ ޕޫޖާއާއެކު ކުޅެން ނިންމި ތެލުގޫ ފިލްމެއްވެސް ދޫކޮށްލާފައެވެ.

ޚަބަރު ލިބޭގޮތުގައި ވިޖޭ މިފިލްމު ދޫކޮށްލީ ޑައިރެކްޓަރު ޝިވާ ނިރްވާނާއާއެކު މަސައްކަތްކުރަން ނިންމާފައިވާ ފިލްމަށް ވަގުތުދިނުމުގެ ގޮތުންނެވެ.

ބަތަލާ ސަމަންތާ ރޫޕް ޕްރަބޫއާއެކު ފެނިގެންދާ މިލޯބީގެ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 23 ގައެވެ.

ފިލްމު "ލައިގާ" އަށްފަހު ޕްރޮޑިއުސަރު ކަރަން ޖޯހަރްއާއި ވިޖޭއާއި ދެމީހުންވަނީ ވަރަށް ގާތް ރަހްމަތްތެރިންނަށް ވެފައެވެ.

ހިންދީ ސިނަމާގައި ނުފޫޒުގަދަ ފަރާތެއްގެގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކަރަންއަކީ އެކީގައި މަސައްކަތްކުރާ ހުރިހާ ތަރިންނާވެސް ވަރަށް ގާތްގުޅުމެއް ބާއްވާ ފަރާތެކެވެ.

ޚަބަރު ލިބޭގޮތުގައި ކަރަންވަނީ ވިޖޭގެ ކެރިއަރުގެ ކާމިޔާބު ފިލްމުކަމަށްވާ "ޑިއާ ކޮމްރޭޑް" ގެ ރައިޓްސްވެސް ގަނެފައެވެ. އެހެންކަމުބް ކުރިޔަށްއޮތް ތަނުގައި މިފިލްމުގެ ބައޮޕިކްއެއް ފެނިގެންދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ތެލުގޫ ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ވިޖޭއަކީ ފިލްމްފެއާ އެވޯޑްގެ އިތުރުން ސީމާ އެވޯޑްވެސް ލިބިފައިވާ އެކްޓަރެކެވެ.