ކާމިޔާބުގެ ތަޅުދަނޑިއަކީ ޑިސިޕްލިންގ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތިން ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން އިސްނަގައިގެން ކުރިއަށްގެންދާ ރައްކާ ޕްރޮގްރާމްގައި ލ.އަތޮޅުގެ ތިން ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ޓްރެފިކް މޮނިޓަރސް ތަމްރީނުކުރަން ހިންގި ޕްރޮގްރާމް 130 ދަރިވަރުން ފުރިހަމަކުރިއެވެ.
ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ވިދާޅުވީ ކޮންމެ ކާމިޔާބު އިންސާނެއްގެ ކިބައިގަ ނެތިނުދާނެ ސިފައަކީ ޑިސިޕްލިންގ ކަމަށެވެ.
އަދި އެއީ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހެއް ނަމަވެސް, އެމީހަކު އެމަސައްކަތްކުރާ ދާއިރާއަކުން ކާމިޔާބު މީހަކަށްވާއިރު އެމީހެއްގެ ގައިގަ ހުންނަން ޖެހޭ އެންމެ މުހިއްމު ސިފައަކީ ޑިސިޕްލިންގ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީހަކު ކާމިޔާބު މީހަކަށް ވުމަށްޓަކައި ދެން ކުރަންޖެހޭ ކަމަކީ އޭނަ އުގެނި ދަސްކުރާ އިލްމެއް ނުވަތަ ހުނަރެއް އެއީ އެދަސްކުރި ދާއިރާއަކުން އެންމެ އެކަށީގެންވާ ހުނަރާއި އިލްމް ކަމުގައިވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދަސްކުރުމަށްފަހުގައި ދަސްކުރި ގޮތަށް އަމަލުކުރަންޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެހެންނޫނީ ކާމިޔާބެއް ނުވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮނެމް ކުއްޖަކީ އަދި ކޮންމެ މީހަކީ ތިމާގެ ފަރާތުން އަނެކުންނަށް އެންމެބޮޑު ފައިދާކޮށްދޭ މީހާކަމުގައި ވާންޖެހޭ ކަމަށެވެ.
ލ.އަތޮޅުގައި ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި, މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި, ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ސްކޫލްތައް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.