މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،317،573 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 33.4 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ، 988،013 ފަތުރުވެރިންނެވެ.

ދުވާލެެއްގެ މައްޗަށް މިހާރު ރާއްޖެއަށް 4،407 ފަތުރުވެރިން ޒިޔާރަތްކުރާއިރު، މިދިޔަ މަހުގައި މި އަދަދު ހުރީ 3،733 ގައެވެ.

މީގެއިތުރުން، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު ރާއްޖެއަށް 150،748 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހުގައެވެ. އެމަހު 149،008 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 186،388 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 14.1 އިންސައްތައެެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 159،657 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނާގައި އޮތް އިނގިރޭސިވިލާތުން 144،566 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މީގެއިތުރުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގައި ދެން ހިމެނެނީ، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައުދީ އަރަބިއްޔާގެ އިތުރުން ސްވިޒަލޭންޑެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،199 ތަނަކަށް ހުއްދަދީފައިވާއިރު، މިހާރު ހިދުމަތްދެމުން އަންނަނީ މިތަނުން 1،195 ތަނަކުންނެވެ. އެއީ، 166 ރިސޯޓާއި، 872 ހޮޓަލުގެ އިތުރުން 157 ސަފާރީއެވެ. މިއީ 58،957 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓްތަކުންނެވެ.

ރާއްޖެއަށް މިހާރު 24 އެއާލައިނަކުން ދަތުރުކުރެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.3 މިލިއަނަށް އަރާފައިވާއިރު، ސަރުކާރުން އަންދާޒާކުރާގޮތުގައި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ.