އެލަން މަސްކަށް ޓްވިޓަރ ކުންފުނީގެ ވެރިކަން ލިބުމާއެކު، އޭނާއަށް އެއްބާރުލުން ނުދިން ހުރިހާ ވެރިން މަގާމުތަކުން ވަކިކޮށްފިއެވެ.
މަގާމުން ވަކިކުރި ވެރިންނަކީ، ޓްވިޓަރ ކުންފުނި ގަތުމަށް އެލަން މަސްކް ކުރި މަސައްކަތުގެ ތެރޭގައި، އެލަން މަސްކަށް މައުލޫމާތު ދިނުމަށް ދެކޮޅު ހެދި ވެރިންނާއި، އަދި ކަންކަން އޮޅުވާލަން މަސައްކަތްކުރި ކަމަށް ތުހުމަތުކުރާ ވެރިންނެވެ.
އެލަން މަސްކް އެންމެ ފުރަތަމަ މަގާމުން ވަކިކުރީ، ޓްވިޓަރ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޕަރާގް އަގްރަވާލްއެވެ.
އޭގެފަހުން، ޓްވިޓަރ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ ނެޑް ސޭގަލްއާއި، ލީގަލް އެފެއަރޒް އަދި ޕޮލިސީ ޗީފް ވިޖެޔަ ގަޑޭވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
މިމީހުންގެ މައްޗަށް އެލަން މަސްކް ތުހުމަތު ކޮށްފައިވަނީ، ޓްވިޓަރގެ ފޭކް އެކައުންޓްތަކާ ގުޅޭގޮތުން އޭނާއަށާއި އަދި އިންވެސްޓަރުންނަށްވެސް އޮޅުވާލާފައިވާ ކަމުގެ ތުހުމަތެވެ.
44 ބިލިއަން އެމެރިކާ ޑޮލަރުގެ ޑީލްގެ ދަށުން އެލަން މަސްކް، ޓްވިޓަރ ކުންފުނީގެ ވެރިޔަކަށްވީ ވަގުތު، ޗީފް އެގްޒެކެޓިވް އޮފިސަރ ޕަރާގް އަގްރަވާލްއާއި، ޗީފް ފައިނޭންޝަލް އޮފިސަރ ނެޑް ސޭގަލް ތިއްބެވީ ޓްވިޓަރ ކުންފުނީގެ ސަން ފްރަންސިސްކޯ ހެޑްކްއާޓަރުގައި ކަމަށާއި، ޑީލްގައި ސޮއިކުރުމާއެކު އެދެމީހުން އެތަނުން ބޭރަށް ނެރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޓްވިޓަރ ކުންފުންޏާ ހަވާލުވުމަށްފަހު، ވަޒީފާތައް މަދުކުރާނޭ ކަމަށް އެލަން މަސްކް ބުނެފައިވަނީ، ޓްވިޓަރ ކުންފުނީގެ 7،500 މުވައްޒަފުން ތިބީ އެމީހުންގެ މުސްތަގްބަލާމެދު ކަންބޮޑުވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ކުޑަކުރެވޭތޯވެސް އެލަން މަސްކް ވާހަކަ ދައްކާފައި ވެއެވެ.
އެލަން މަސްކްވަނީ، އޭނާގެ ވެރިކަމުގެ ދަށުން އިންވެސްޓަރުންނާއި، އެޑްވަޓައިޒަރުންނަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ނުކުރާނޭ ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް، އޭނާގެ ވެރިކަމުގައި ޓްވިޓަރ ކުންފުނީގެ ސިޔާސަތުތަކަށް ބަދަލު ގެންނާނެ ކަމަށް ކުރިން ބުނެފައިވާ ބުނުންމަތީ ދެމިހުންނާނެ ކަމަށް އިޝާރާތް ކޮށްފައިވެއެވެ.
އޭގެތެރޭގައި، ވިޔަފާރީގެ ބޭނުންތަކުގައި ޓްވިޓަރ ބޭނުންކުރާ ފަރާތްތަކާއި، ސަރުކާރުތަކުގެ ބޭނުންތަކަށް ޓްވިޓަރ ބޭނުންކުރާ މީހުންގެއަތުން "ކުޑަ ފީއެއް" ނެގުން ހިމެނެއެވެ. އެހެން ނަމަވެސް، އޭނާ ބުނެފައިވަނީ، ޓްވިޓަރ ކުންފުނި ގަތީ އިތުރު އާމްދަނީ ހޯދުމުގެ ބޭނުމުގައި ނޫން ކަމަށާއި، އެކަންކުރީ "އިންސާނިއްޔަތަށް އެހީތެރިވުމުގެގޮތުން" ކަމަށެވެ.
ކުންފުނީގެ ވެރިކަން ލިބުމާއެކު، އެލަން މަސްކް ކުރި ޓްވީޓްގައި ބުނެފައިވަނީ "ދަ ބާރޑް އިޒް ފްރީޑް" މިހެންނެވެ. މާނައަކީ، ކޮންޓެންޓްސް ލިމިޓްކޮށްފައި އޮންނަ މިންވަރު މަދުކުރަން މަސްކް ގެންގުޅޭ ވިސްނުމަށް ކުންފުނި އެނބުރޭނޭ ކަމަށެވެ.
އެހެން ނަމަވެސް، މަސްކް ބުނަނީ، ޓްވިޓަރގެ ޕްލެޓްފޯމަކީ، ނަފްރަތާއި ބައިބައިވުން އުފެއްދުމަށް ބޭނުންކުރާ ޕްލެޓްފޯމަކަށް ހެދިޔަ ނުދޭނޭ ކަމަށެވެ. އޭނާގެ ވެރިކަމުގައި އެކަން ހުއްޓުވާނޭ ކަމަށެވެ.
އެކަމަކު، އެލަން މަސްކް ޕްލޭންކޮށްފައިވާ ކަންކަން ކުރާނޭގޮތުގެ ތަފްސީލެއް މަސްކް އަދި ނުދެއެވެ. އަދި ޓްވިޓަރ ކުންފުނި ހިންގާނީ ކޮންބައެއް ކަމާމެދުވެސް މަސްކް އަދި އެއްޗެއް ނުބުނެއެވެ.
އެލަން މަސްކަކީ އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ސީއީއޯއެވެ. އޭނާއަކީ، ދުނިޔޭގައ މިވަގުތު ހުރި އެންމެ މުއްސަނދި މީހާއެވެ.