ސިނަމާލެ ބުރިޖު ހެދިއިރުގައި ކަނޑަށް ވެއްޓުނު ދަގަނޑު ހޮޅީގެ ސަބަބުން ފަރަށް ގެއްލުންވާ ކަމަށްބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ ހޮޅި ނަގައިފިއެވެ.

ކަނޑުގައި އޮތް ދަގަނޑު ހޮޅި ފެންނަ މަންޒަރު މީސްމީޑިއާގައި އާންމުކޮށް، އާންމު ފަރުދަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އެ ހޮޅިއަކީ ސިނަމާލެ ބްރިޖް ހެދިއިރު ކަނޑަށް ވައްޓާލި ދަގަނޑު ހޮޅިއެއް ކަމަށެވެ. އަދި ދިޔަވަރު ބޮޑުވެ ރާޅު ޖަހާ ކޮންމެ ފަހަރަކު އެ ދަގަނޑު ފަރުގައި ޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަދި އެ ސަރަހައްދަކީ މާލޭގައި، ރާޅާ އެޅުންތެރިން ރާޅާ އަޅަންދާ ސަރަހައްދު ކަމަށްވުމުން، އެ ހޮޅީގެ ސަބަބުން ރާޅާއެޅުންތެރިއަކަށް އަނިޔާއެއް ވެދާނެކަމުގެ ބިރު އެބައޮތްކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މިކަމާ ގުޅިގެން އެންވައިރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ކަނޑަށް ވެއްޓިފައި އޮތް ހޮޅި މިހާރު ނަގައިފި ކަމަށާއި، އެހެންނަމަވެސް މިކަމުގައި އިހުމާލުވާ ފަރާތްތަކާއި ދެކޮޅަށް އިތުރު ފިޔަވަޅެއް ނާޅާނެ ކަމަށެވެ. އެއީ މީގެކުރިން މިކަމާއި ގުޅިގެން ފިޔަވަޅު އަޅާފައިވާތީކަން ނައީމް ފާހަގަކުރެއްވިއެވެ.

2016 ވަނަ އަހަރު ސިނަމާލެ ބްރިޖުގެ މަސައްކަތް ފެށިފަހުން، އެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމުމާއި ހަމައަށްވެސް ބްރިޖުން އެދިމާލު ކަނޑަށް ކުންޏާއި، ދަގަނޑު ފަދަ ތަކެތި އެޅޭކަމުގެ ޝަކުވާ އާންމުން ކޮށްފައިވެއެވެ. މިކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރަން ފެށުމުން އޭރު އީޕީއޭ އިން ބުނީ، އެގޮތަށް ހޮޅި ބެހެއްޓިޔަސް ފަރަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކޮށްފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާގެ ކުންފުންޏަކުންނެވެ. އެ ކުންފުނިން ބްރިޖުގެ މަސައްކަތްކުރީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށްވުމުން އެ މައްސަލައިގައި އީޕީއޭއިން ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 8.9 ލައްކަ ރުފިޔާއިން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފައެވެ.