މޮރީޝަސް އިން ސިޔާދަތީ ބާރުވެރިކަން ހޯދުމަށް ދައުވާ ކުރަމުން އަންނަ ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހިން މޮރީޝަސް އަށް މީހުން ނުގެންދާ ކަމަށާއި، އެތަނުގައި ބަނޑަހަ ޖަހައިގެން، މަސްވެރިކަމުގައި ގޮސް އުޅުނީ ދިވެހިން، ހާއްސަ ގޮތެއްގައި ފުވައްމުލަކު މީހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، "ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް" މި ނަމުގައި އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއްގައެވެ.
މި ލިޔުމުގައި އެމަނިކުފާނު ވަނީ ފޯޅަވައްސާއި، ދިވެހިންނާއި، ހާއްސަ ގޮތެއްގައި ފުވައްމުލަކާއި ގުޅުންހުރި ތަފާތު މިސާލުތަކެއް ދައްކަވާފައެވެ.
ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ހޯދުމަށް އަދި މޮރީޝަސްގެ އިން ކަނޑައެޅުމަށް އެގައުމުން ހުށަހަޅާފައިވާ މައްސަލައިގައި، މިކަމުގައި ދިވެހިންގެ ތެރޭގައި ހުރި ކަމުގެ ތަޖުރިބާކާރުންނާއި، މާހިރުން އަންނަނީ އެބޭފުޅުންގެ ރައުޔު އިއްވަމުންނެވެ. ބައެއް ފަރާތްތަކުން ފޯޅަވަހީގައި ދިވެހިން ދިރިއުޅުނު ކަމުގެ ހެކިތައް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތްކަމުގެ ހެކި ފެންނާން އެބައޮތްކަމަށް ވިދާޅުވާއިރު، އަނެއްބައި ބޭފުޅުން ވިދާޅުވަނީ އެއްވެސް އިރެއްގައި އެއްވެސް ގޮތަކުން ދިވެހިންނާއި ފޯޅަވައްސާއި ގުޅުވެން ނެތްކަމަށެވެ. އަދި ދިވެހިންނަށް އެތަނުގެ މިލްކުވެރިކަމަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
މި މައުލޫގައި މީގެކުރިންވެސް ރައީސް ނަޝީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މީގެކުރިން އެމަނިކުފާނު ވަނީ، ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އިހުޒަމާނުގައި ފޯޅަވައްސަކީ މީހުން ދިރިއުޅޭ ތިޔާގި ރަށެއް ކަމަށާއި، 1500 ގެ އަހަރު ތަކަށްފަހު ކުރަހަމުން އައި ދިވެހިރާއްޖޭގެ ގިނަ ޗާޓު ތަކުގައި އައްޑޫގެ ދެކުނުނަށް ފޯޅަވަހި ކުރަހާފައި އޮންނަ ކަމަށް، އަދި 1560 ވަނަ އަހަރު 9 ވަނަ ހަސަން ރަސްގެފާނު ގެ ސިޓީއެއްގައި އެ ރަދުން ބަޔާންކުރައްވަނީ ފޯޅަވަހީގެ 7 ރަށް އެއީ ރާއްޖޭގެ ރަށްތަކެއްގެ ގޮތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރާއިރު ކުރަނީ ފޯޅަވައްސާއި އެކުގައި ކަމަށާއި، ފޯޅަވަހި އެއީ ރާއްޖޭގެ ރަށެއްކަމަށް ބުނުމަށް، ތާރީޚީ އަދި ސަގާފީ ކިތަންމެ ގުޅުންތަކެއް އެބަހުރިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފޯޅަވައްސަކި ރާއްޖޭގެ ފަޅުރަށެއް ކަމަށްބުނެ ރައީސް ނަޝީދު ލިޔުއްވާފައި ލިޔުމުގައި ބުނެފައިވަނީ، ނަމުގެ ގޮތުންނާއި، ގުދުރަތީ ގޮތުން ދެރަށް އުފެދިފައިވާ ގޮތުން އަދި ކަނޑުދަތުރުގައި ވައިޖެހޭ މިސްރާބާއި އެކުގައި، ފުވައްމުލަކާއި ފޯޅަވައްސާއި އެއްގޮތްކަންތައްތަކެއް އެބަހުރި ކަމަށެވެ.
އަދި ކަލާފާނުގެ ރަސްކަމުގައި (1648-1687) ގޮއިދޫއަށް އުރުނު ފަރަންސޭސި ނަވެއްގެ ފާދިރީ، ޕިރާޑް ޑި ލަވެލްގެ ލިޔުންތަކުންވެސް ރާއްޖެ އާއި ފޯޅަވައްސާއި ގުޅުވޭނެ ހެކިތަކެއް އެބަހުރިކަން ރައީސް ނަޝީދުގެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
މި މައުލޫގައި އިތުރަށް ރައީސް ނަޝީދު ލިޔުއްވާފައިވަނީ، ނުވަވަނަ ހަސަން ރަސްގެފާނު 1560 ވަނަ އަހަރު ލިޔުއްވާފައިވާ ސިޓީގައި ވަރަށް ސާފުކޮށް ފޯޅަވަހީގެ 7 ރަށަކީ ދިވެހިރާއްޖޭގެ ދަށުގައިވާ ތަނެއްކަމަށް ލިޔުއްވާފައިވާ ކަމަށެވެ.
އަދި ފޯޅަވަހި ކަމަށް މި ލިޔުމުގައި ބުނެވެނީ ޕެރޮސް ބަނޮސް އަތޮޅުގެ ވާހަކަ ކަމަށާއި، އިނގިރޭސި ދައުލަތުން ފޯޅަވަހި ދޫކޮށްލާއިރެއްގައި އެރަށުގެ ސިޔާދަތީ ބާރު އެންމެފުރަތަމަ ލިބޭނީ އެރަށުގެ އަހުލުވެރިންނަށް ކަން ފާހަގަކޮށް ރައީސް ނަޝިދު ވިދާޅުވީ، ފޯޅަވަހީގައި ބަޔަކު ނެތް ކަމަށެވެ. އަދި މީހުން ތިބީ ޑިއޭގޯ ގާސިޔާ އަތޮޅުގައި ކަމަށާއި، އެމީހުންގެ އެއްބައި މީހުން ތިބީ މޮރީޝަސްގައި ކަމަށެވެ. އަދި އަނެއްބައި މީހުން ތިބީ އިނގިރޭސި ވިލާތުގައި ކަމަށެވެ.
މޮރީޝަސް އަށް ގެންދިޔައީ ފޯޅަވަހީގެ މީހުން ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ލިޔުން ނިންމަވާލައްވާފައިވަނީ، އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރަށްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިޔާ އާއި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ފުރޮޅުނު ނަމަވެސް، ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ފޯލަވަހީގައި ބަނޑަހަ ޖަހައިގެން މަސްވެރިކަމުގައި އުޅުނީ ދިވެހިން، ހާއްސަގޮތެއްގައި ފުވައްމުލަކު މީހުން ކަމަށް ވުމުންނެވެ.
އަދި މޮރިޝަސް އާއި އަބަދުވެސް ދެކެވުނު ވާހަކައަކީ ޗާގޮސް ރިޖްގެ ރަށްތައް ބަހާ ވާހަކަ ކަމަށް ރައީސް ނަޝީދުގެ ލިޔުމުގައި ބުނެފައިވެއެވެ.
މީ ހަމަ ތެދެއް ކަމަށް ވަރަށް ގަބޫލު ކުރެވޭ ނަސީދު ބުންޏަސް ހަމަ އިނގޭ!