މިއަދު ވެސް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރެވެނީ އިއްޔެއާއި ދާދި އެއްގޮތަކަށް ކަމަށާއި އެހެން ނަމަވެސް އުދައިގެ އަސަރުކުރުމުގެ ފުރުސަތު މިއަދު ކުޑަ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން "ވީނިއުސް" އާއި ވާހަކަދެއްކި މީޓްރޮލިޖިސްޓަކު ވިދާޅުވީ، މިއަދު ވެސް މޫސުން އެންމެ ރަނގަޅީ އުތުރުގެ ސަރަހައްދަށް ކަމަށެވެ. އެހެން ނަމަވެސް ދެކުނުގެ އަތޮޅުަތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކުރިއަށް އޮތީ އެ ސަރަހައްދަށް ވިއްސާރަ ދުވަސްވަރެއް ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިއްޔެ ވިއްސާރަކުރި މެދުރާއްޖެތެރޭގެ ސަރަހައްދަށް މިއަދު ވިއްސާރަނުކުރި ނަމަވެސް ކެރީގެ އަސަރުކުރާނެ ކަމަށް މެޓުން ބުނެއެވެ. އަދި އިއްޔެ ބޮޑު ދިޔައިގައި އުދައަރާނެ ކަމަށް ލަފާކޮށް އެޑްވައިޒަރީ ނެރުނު ނަމަވެސް މިއަދު ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ކުޑަ ކަމަށް މެޓުން ބުނެއެވެ.

"ވީނިއުސް"އަށް މައުލޫމާތު ދެއްވި، މީޓްރޮލިޖިސްޓް ވިދާޅުވީ، ކުރިއަށްއޮތް 3 ދުވަހުވެސް ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެކަމަށެވެ. އަދި މި ފެށޭ ހަފްތާގެ ކުރީކޮޅު އުތުރާ މެދުރާއްޖެތެރެއަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވި ނަމަވެސް، ހަފްތާގެ ފަހުކޮޅު މެދުރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، މި ވިއްސާރަ ޑިސެމްބަރު މަހާ ހިސާބަށް ދެމިގެންދާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވެއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަހަރެމެން ގުނަމުން މިދަނީ ހޭނަކަތުގެ ދުވަސްތަކެވެ. މިއީ ހުޅަނގުން 15 ވަނަ ނަކަތަށް ވާއިރު، ހޭނަކަތަކީ ވައިގެ ނަކަތެކެވެ. މި ނަކަތް މާދަމާ ނިމޭނެއެވެ.

ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މެޓް އޮފީހުން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މަޢުލޫމާތު ގެނެސްދިނުމަށް މެޓް އޮފީހުގައި ސްޓޫޑިއޯއެއް ހަދާ، އެ މަޢުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.

އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މަޢުލޫމާތުތައް އަބަދުވެސް ދަނީ އަޕްޑޭޓްކުރަމުންނެވެ.

އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.