2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސުން ކުރި ޓްވީޓްގައި ވަނީ، 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތާވަލްކޮއްފައިވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުގެ ގޮތުގައި އަންނަ އަހަރު ހުށަހަޅާނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި މިމަހުގެ 13 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، އަންނަ އަހަރު ޖުމުލަ އާމްދަނީ ގާތްގަނޑަކަށް 30.7 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ދައުލަތަށް ލިބޭ އާމްދަނީއާއި، ޚަރަދުތަކާއި، ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓަރ ހިއްސާކުރައްވާނެއެވެ.
ދައުލަތުގެ ބަޖެޓަށް އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް ބައެއް ކަންކަން ހިމެނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ޖީއެސްޓީ އިތުރު ކުރުމުން އަންނަ އަހަރު 3.1 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުން، ދައުލަތުން ހުށައަޅަ ބަޖެޓަށް މަޖިލީހުން އުނި އިތުރު ގެނެވޭނެއެވެ. މަޖިލީހަށް ބަޖެޓު ހުށައެޅުމުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށްދާނީ ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތެވެ.
މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާ ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލަފާކުރާ 41.5 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާތަަނަށް ބަޖެޓުގެ ގޮތުގައި ހުށަހަޅާނެ އެންމެ ބޮޑު އަދަދެވެ.