2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރު ހިފޭ މަގުޗާޓެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަޔާން މަޖިލީހުގައި އިއްވަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ތަދުމަޑުކަމުން އަރައިގަތުމަށް ކަނޑައަޅާފައިވާ މާލީ ސިޔާސަތުތައް ނޯމަލައިޒްކޮށް އާންމު ހާލަތަށް ގެންނަން ޖެހޭ ކަމަށާއި ރާއްޖެ ފަދަ ހުޅުވާލެވިފައިވާ ކުޑަ އިގުތިސާދަކަށް އަންނަ އެކި އިގުތިސާދީ ޝޮކްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ބޭނުންވާ މާލީ ވިލުންވެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ.

ކޮވިޑް-19 ވަބާއިން ރާއްޖެ އަރައިގަތުމަށްފަހު ހުށަހެޅޭ ފުރަތަމަ ބަޖެޓަކީ 2023 ވަނަ އަހަރުގެ ބަޖެޓުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިބަޖެޓާ ހަމައަށް އާދެވުނީ އިގްތިސާދީ ގަދަކަނޑެއްގައި ދަތުރުކުރުމަށްފަހުގައި ކަމަށެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުން އަދިވެސް ބޮޑު. މުޅި ދުނިޔޭގެ އިޤްތިސާދީ ތަރުތީބަށް ބަދަލު ގެނުވަފާނެ ހާލަތުތަކެއް މިއަދު މިވަނީ އުފަންވެފަ. ރަޝިޔާ އަދި ޔުކްރެއިން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ހިނގައްޖެ. ގައުމުތަކުގެ އިންފްލޭޝަން ރޭޓު ދަނީ މައްޗަށް. ތަރައްގީވެފައިވާ ގައުމުތަކުން މަނިޓަރީ ޕޮލިސީ ވާންކޮށް އިންޓްރެސްޓް ރޭޓްތައް މަތިކޮށްފި. އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ކުރާނެކަން ސަރުކާރުން ދެނެގަންނަން. ރާއްޖެއަށް މިވަނީ ދުނިޔެ ކުރިމަތިލަމުންދާ އިގްތިސާދީ އެކި ގޮންޖެހުންތަކުގެ މެދުގަ. 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރު ހިފޭ މަގުޗާޓެއް."
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އެކަށީގެންވާ ހައްލު ހޯދޭނެ ދެލިކޮޕީއެއް ކަމަށާއި ރައްޔިތުންގެ ފުދުންތެރިކަމާއި އިޖްތިމާއީ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމިއޮވެވޭނެ ޕްލޭނެއް ކަމަށެވެ.

ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމާއެކު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން ހުރިކަން ގަބޫލުކުރައްވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އެއީ އިގްތިސާދާއި ރާއްޖޭގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތަކެއް ކަމަށް ވިދާޅުވެފައެވެ.

އަދި ދައުލަތުގެ ދަރަނި ބޮޑުވެ އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމުގެ ވާހަކަތައް އަޑުއިވޭ ކަމަށާއި ތަކެތީގެ އަގު މަތިވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އަސާސީ ޚިދުމަތްތައް ނުލިބުމާއި ޚިދުމަތްތަކުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ނެތުމުގެ ޝަކުވާ އަބަދުވެސް އަޑު އިވޭ ކަމަށާއި އިވޭ އަޑުތަކާ އޮތް ހާލަތާ، ކުރަންޖެހޭ ކަންކަން ސަރުކާރަށް ވަރަށް ސާފު ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސާޅީސް ދެ ބިލިއަން ހަ ސަތޭކަ އައްޑިހަ މިލިއަން ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް ނުވަސަތޭކަ ސާދަ ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.