އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ބަޖެޓުގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމުގެ ސަބަބުން އިތުރުވި 636.2 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި އެއީ ދިވެހިން އެދޭގޮތަށް، ދިވެހިންގެ އަތްމަތިން، ދިވެހި ގައުމު ބިނާކޮށް އާރާސްތު ކުރުމަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.
ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމްކުރުމަށްޓަކައި 142 ރަށެއްގައި 195 މަޝްރޫއެއް އަންނަ އަހަރު ހިންގުމަށް ރާވާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މީގެ ތެރޭގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އައު މަޝްރޫއުތައް ހިމެނޭ ކަމަށެވެ.
މިގެ އިތުރުން މިނިސްޓަރ ވަނީ ތޫނުފިލި އުފެއްދުންތެރި ޖީލެއް ބިނާކުރުމަކީ ސަރުކާރުން ކުރާ އެންމެ ބޮޑު އެއް ހޭދަ ކަމަށާއި ސަރުކާރުގެ ދިގު ރާސްތާގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް ހޯދޭނެ މަގު ކޮންމެ ދަރިވަރަކަށްވެސް ހޯދުން ކަމަށްވެސް ވިދާޅުވެފައެވެ.
މިއަހަރުގެ މެއި މަހުން ފެށިގެން ހިނގަމުންދާ ޕޭހާމަނައިޒޭޝަންގެ ދަށުން ތައުލީމީ ދާއިރާއަށް އިންގާލާބީ ހެޔޮ ބަދަލެއް ދަނީ ކުރަމުން ކަމަށާއި މިއީ މުދައްރިސުންގެ ފެންވަރު ރަނގަޅު ކުރުމަށް އެޅުނު ބިންގަލެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޓީޗަރުންގެ ފެންވަރު ރަގަޅު ކުރުމަކީ ތައުލީމީ ޖީލެއް ބިނާކުރުމުގެ އެއް އަސާސް ކަމަށާއި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލަކީ ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި ތައުލީމާއި މަތީ ތައުލީމަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ޖާގަ ކަނޑައަޅާފައިވާނީ އަންނަ އަހަރުގެ ބަޖެޓުގައި ކަަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.