ބްރެޒިލްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު، މިހާރުގެ ރައީސް ޖައިރް ބޮލްސޮނާރޯއާ ވާދަކުރައްވައި ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާ ވަނީ ކާމިޔާބު ކުރައްވާއިފި. ބްރެޒިލްގެ އިލެކްޝަން ކޮމިޝަނުން އިއުލަންކުރި ނަތީގައި ބުނެފައިވަނީ، ލޫލާއަށް ލިބިވަޑައިގެންނެވީ 50.8 އިންސައްތަ ކަމަށް. މިހާރުގެ ރައީސް ބޮލްސޮނާރޯއަށް ލިބިވަޑައިގެންނެވީ 49.2 އިންސައްތަ ކަމަށް. ދެބޭފުޅުންގެ ދެމެދުގައި ދެމިލިއަން ވޯޓުގެ ތަފާތު ހުރި.
ނަމަވެސް، އިންތިޚާބުގެ ބަލި، ރައީސް ބޮލްސޮނާރޯ އަދިވެސް ގަބޫލު ނުކުރައްވާ. ނަމަވެސް، އޭނާ ހައްދަވަން އުޅުއްވާ ގޮތެއް އަދިވެސް ސާފެއް ނުވޭ. އޭނާ އަދިވެސް ހުންނެވީ ހަނު.
އެކަމަކު، ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑަ ސިލްވާއާއި، އޭނާގެ ސަޕޯޓަރުން ގެންދަނީ މަގުތަކަށް ނުކުމެ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަމުން.
ކޮރަޕްޝަންގެ ކުށް ސާބިތުވެ ލޫލާ މީގެކުރިން 12 އަހަރަށް ޖަލަށް ލާފައިވޭ. ނަމަވެސް، އެގައުމުގެ އިސްތިއުނާފީ ކޯޓުން ފަހުންވަނީ އޭނާ މިނިވަން ކޮށްފަ.
ލުއިޒް އިނާޝިއޯ ލޫލާ ޑަސިލްވާ ބްރެޒިލްގެ ތާރީޚް މިހާތަނަށްދުށް އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރު. އޭނާ މީގެކުރިން ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވަނީ 2003-2011 އަށް.