ބަތަލާ ކަންގަނާ ރަނާވަތް އިތުރު ބައޯޕިކްއަކަށް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިހާރުވެސް އިތުރު 2 ފިލްމެއްގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ބަތަލާއަށް ފުރުސަތު ލިބިފައިވަނީ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރުގެ ފިލްމަކުންނެވެ. މިފިލްމަކީ، ބެންގާލީ ބަތަލާ ބިނޯދިނީ ދާސީގެ ޙަޔާތުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ.

ބަތަލާ ބިނޯދިނީއަކީ، ޢުމުރުން 12 އަހަރުން ފެށިގެން ސިނަމާގައި މަސައްކަތްކުރި ބަތަލާއެކެވެ. ބަތަލާ ބިނޯދިނީ ހިމެނިފައިވަނީ ސައުތް އޭޝިއާގެ ބަތަލާއިންގެތެރެއިން އެންމެ ފުރަތަމަ އަމިއްލަ އޮޓޯބަޔޮގްރަފީ ލިޔުނު ބަތަލާއިންގެ ތެރޭގައެވެ.

ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ މިފިލްމުގެ ޑައިރެކްޓަރު ޕްރަދީޕް ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކުގެތެރޭގައި "މަރްދާނީ" ހިމެނެއެވެ.

މީގެއިތުރުން ކާމިޔާބު ފިލްމުތައްކަމަށްވާ "ތަންހާޖީ"، "ޕަދްމަވާތް"، "ދޭވްދާސް" އަދި "ބްލެކް" ފަދަ ފިލްމުތަކަކީ ޕްރަދީޕް މަސައްކަތް ކޮށްފައިވާ ފިލްމުތަކެވެ.

ބަތަލާ ކަންގަނާއަށް ލިބުނު މިފުރުސަތާ ބެހޭގޮތުން ބުނެފައިވަނީ، ޑައިރެކްޓަރު ޕްރަދީޕް ސަރްކާރްއާއެކު އަބަދުވެސް މަސައްކަތްކުރަން ބޭނުންވި ކަމުގައެވެ. އަދި މިވަގުތު ހިންދީ ސިނަމާގައިހުރި އެންމެ ކާމިޔާބު އެއް އާޓިސްޓާއެކު މަސައްކަތްކޮށްލަން ލިބުނު ފުރުސަތާމެދު އޭނާ ފަޚުރުވެރިވާ ކަމަށްވެސް ބަތަލާވަނީ ބުނެފައެވެ.

ބަތަލާ ކަންގަނާ މިބައޯޕިކްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. ކަންގަނާ މިވަގުތު މަސައްކަތް ކުރަމުންދާ ފިލްމު "އިމަޖެންސީ" އަށްފަހު ޕްރަދީޕް ގެނެސްދޭ ބައޯޕިކްގެ މަސައްކަތް ފަށާނެކަމަށް ބަތަލާވަނީ ބުނެފައެވެ.

ފިލްމު "އިމަޖެންސީ" ގައި ކަންގަނާ ފެނިގެންދާނީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާނދީގެ ރޯލްއިންނެވެ.

މީގެއިތުރުން މިލިޓަރީ ފިލްމެއް ކަމަށްވާ ފިލްމު "ތޭޖަސް" އަކީވެސް ކަންގަނާގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭ ހިމެނޭ އުއްމީދީ ފިލްމެކެވެ. މިފިލްމުގައި ބަތަލާ ފެނިގެންދާނީ އެއާ ފޯސް ޕައިލެޓެއްގެ ރޯލްއިންނެވެ.