ބޮލީވުޑްގައި ބޮޑު މަގުބޫލުކަމެއް ހޯދި ޖޯޑު އެކްޓަރު ރިތޭޝްއާއި ބަތަލާ ޖެނީލީއާ އެކީގައި ފެންނަ މަރާތީ ފިލްމު "ވެދް" ގެ ފުރަތަމަ ޕޯސްޓާ ދައްކާލައިފިއެވެ.

މިހާރު ކައިވެނިކޮށްގެ 2 ކުދިންވެސް ލިބިފައިވާ މި ދެމަފިރިންގެ އެކީގައި ފެނިގެންދާ މިފިލްމަކީ އެކްޓަރު ރިތޭޝް ދޭޝްމުކްގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ.

ޖެނީލިއާއާއެކު ރިތޭޝްގެ ފިލްމެއް ރިލީޒްކުރުމަށް ތައްޔާރުވެފައި ވާއިރު ކައިވެންޏަށްފަހު ޖެނީލީއާ ފިލްމީ މަސައްކަތްތަކާއި ދުރުގައި އުޅޭތާ ފަސްވަރަކަށް އަހަރުވަނީވެފައެވެ.

ފިލްމުގައި ބަތަލާ ފެންނާނެގޮތުގެ ޕޯސްޓަރެއް ޝާއިއުކުރުމަށްފަހު ފިލްމުގެ ޚަބަރު ހިއްސާކޮށްފައިވަނީ ދެތަރިންގެ އަމިއްލަ ސޯޝަލްމީޑިއާ މެދުވެރިކޮށެވެ.

އަލަތު މަރާތީ ފިލްމާ ގުޅޭގޮތުން ޖެނީލިއާ ބުނެފައިވަނީ ކެރިއަރުގެ ކުރީކޮޅު ތަފާތު އެކި ބަހުރުވައިން ފިލްމު ކުޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އޭގެތެރޭގައި، ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުގެ ފިލްމުތައް ހިމެނޭއިރު މަރާތީ ބަހުރުވައިގެ ފިލްމު ކުޅެން ލިބުނީ ފިރިމީހާ ރިތޭޝްއާއެކު ކަމަށް ޖެނީލިއާވަނީ ބުނެފައެވެ.

މިހާތަނަށް ކޮންމެ ބަހުރުވައަކުން ފިލްމު ކުޅުނު ނަމަވެސް ބެލުންތެރިންގެ ލޯބި ލިބެމުން އަންނަކަމަށް ބުނަމުން ބަތަލާ ބުނެފައިވަނީ މިފަހަރުގެ ފިލްމުވެސް އާއްމުން ބަލައިގަންނާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި މިއީ ވަރަށް ހެއްވާ މަޖާ ހާދިސާތަކެއް ފެނިގެންދާނެ ފިލްމެއްކަމަށް ބަތަލާވަނީ ބުނެފައެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ މިފިލްމަކީ، ވަރަށް ކުރީންސުރެވެސް ޑައިރެކްޓްކުރުމަށް ބޭނުންވި ފިލްމެއް ކަމަށާއި، އެހެންނަމަވެސް އިތުރު އެހެން ފިލްމީ މަސައްކަތްތަކުގައި އަވަދިނެތި އުޅެންޖެހުމުން އެކަމަށް ވަގުތު ނުދެވުނީކަމަށް ރިތޭޝްވަނީ ބުނެފައެވެ.

ރިތޭޝްގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު 3 ފިލްމީ ޕްރޮޖެކްޓަކަށް އެކްޓަރުވަނީ ސޮއިކޮށްފައެވެ. އޭގެތެރެއިން ފިލްމު "މިސްޓަ މަމީ" ނަމަކަށްކިޔާ ފިލްމަކީވެސް ރިތޭޝްއާއި ޖެނީލިއާ އެކީގައި ފެނިގެންދާ ފިލްމެކެވެ.

މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. މިފިލްމަކީ ޓީ-ސީރީސްއިން ގެނެސްދޭ ފިލްމެކެވެ.

ދެ ތަރިން އެކީގައި ކުޅެފައިވާ މަގުބޫލު ފިލްމުތަކުގެތެރޭގައި، "ތެރެނާލް ލަވް ހޯގަޔާ"، "ތުޖޭ މޭރީ ކަސަމް" އަދި ފިލްމު "މަސްތީ" ހިމެނެއެވެ.