ނެދާލޭންޑްސްގެ މަޝްހޫރު ކުރެހުންތެރިއެއް ކަމަށްވާ ޕިއެޓް މޮންޑްރިއަންގެ ކުރެހުމެއް ހަރުކޮށްފައި ހުރީ އިދިކޮޅަށްކަން، 75 އަހަރުފަހުން ހާމަވެއްޖެއެވެ.

"ނިއުޔޯކް ސިޓީ އައި"ގެ ނަމުން ނަންދީފައިވާ މި ކުރެހުމަކީ ޕިއެޓްގެ ހަޔާތުގައި ކުރެހި އެންމެ އަގުހުރި ކުރެހުންތަކުގެ ތެރޭގައި ހިމެނޭ ކުރެހުމަކަށްވާއިރު، ކުރެހުމުގެ މާހިރުން މިހާރު ގަބޫލުކުރަނީ މި ކުރެހުން މިއޮއްހާދުވަހު ހަރުކޮށްފައިހުރީ އިދިކޮޅަށް ކަމަށެވެ.

މިކަން ހާމަވެފައިވާ ނަމަވެސް، މިކުރެހުން ރަނގަޅު ކޮޅަށް ނުޖަހާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ އެހެން ހެދުމުގެ ސަބަބުން ކުރެހުމަށް ގެއްލުން ލިބިދާނެ ކަމުގެ ބިރުއޮތުމުންނެވެ.

1980 ވަނަ އަހަރުން ފެށިގެން މިކުރެހުމަކީ ޖަރުމަނުވިލާތުގެ ދާރުލްއާސާރެއް ކަމަށްވާ ކުންސްސަމްލުންގް ގައި ހަރުކޮއްފައިވާ ކުރެހުމެކެވެ.

މިކުރެހުން އިދިފުށަށް ހަރުކޮށްފަހުރިކަން އެންމެ ފުރަތަމަ އެނގުނީ ކުރެހުންތަކުގެ ތާރީހާ ބެހޭގޮތުން ރީސާޗް ކުރާ ފަރާތެއް ކަމަށްވާ ސުޒޭން މޭޔަރ-ބުސަރ އަށެވެ.

އާޓިސްޓުންގެ ކުރެހުންތައް ޝޯކޭސްކުރާ އިވެންޓެއްގައި ކިއުރޭޓަރު ސުޒޭން މޭޔަރ-ބުސަރ ވަނީ ރަތް، ރީނދޫ، ނޫ އަދި ކަޅު ކުލައިގެ ޓޭޕުތައް ބޭނުންކޮއްގެން ފަރުމާކޮށްފައިވާ، މި ކުރެހުމުގެ ތާރީހާ ބެހޭ ގޮތުން ވާހަކަ ދައްކައި، އޭގެ ސިއްރު ހާމަކޮށް އެންމެން ހައިރާންކޮށްލައިފައެވެ.

މޭޔަރ-ބުސަރ ބުނިގޮތުގައި، 1944 ވަނަ އަހަރު، ޕިއެޓް ނިޔާވިތާ ދުވަސްކޮޅެއް ފަހުން ނަގާފައިވާ ފޮޓޯއެއް އޭނާއަށް ފެނިފައިވެއެވެ. އަދި އެފޮޓޯގައި މިކުރެހުން ހަރުކޮށްފަހުރީ އެހެން ކޮޅަކަށް ކަމަށްވެސް އޭނާ ބުނެއެވެ.

އަދި އެހެން ކުއުރޭޓަރުން ގާތު މިވާހަކަ ބުނުމުން، އެކުރެހުން ހުރީ އިދިކޮޅަށް ހަރުކޮށްފަކަން ޔަގީންވި ކަމަށްވެސް މޭޔަރ-ބުސަރ ބުނެއެވެ.

1872 ވަނަ އަހަރު ނެދަލޭންޑްސްއަށް އުފަން ޕިއެޓް މޮންޑްރިއަން އަކީ 20 ވަނަ ގަރުނުގެ އެންމެ މޮޅު ކުރެހުންތެރިންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ.