ޝިންޖިއާގެ އުއިޣުރު މުސްލިމުންނަށް ޗައިނާއިން އިހާނެތިކޮށް ހިތާ މައްސަލަ ދުނިޔޭގެ 50 ގައުމުން ކުށްވެރި ކޮށްފިއެވެ.
އދގެ އާންމު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގައި ފެށުނު ބަހުސްގައި ވާހަކަ ދެއްކި ގައުމުތަކުންވަނީ، ޝިންޖިއާންގެ އުއިޣުރު މުސްލިމުންނާއި އަދި ބައިމަދު އެހެން ދަރިކޮޅުތަކުގެ މުސްލިމުނާމެދު ޗައިނާއިން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލައި، މުސްލިމުންގެ އިންސާނީ ހައްގުތަކަށް ކަށަވަރު ކުރުމަށް ގޮވާލާފައެވެ. އެކަމަކީ، ޗައިނާގެ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ޒިންމާއެއް ކަމަށްވެސް ބުނެފައި ވެއެވެ.
އދގެ އާންމު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް، ޝިންޖިއާން މުސްލިމުންނާ ގުޅޭ ބަޔާން ހުށަހެޅީ ކެނެޑާއިންނެވެ.
މި ބަޔާނުގައި، ޝިންޖިއާން މުސްލިމުންނާ ގުޅޭގޮތުން އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ތައްޔާރު ކޮށްފައިވާ ރިޕޯޓަށް ވާހަކަ ދައްކަން ޗައިނާއިން ދެކޮޅު ހަދާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުގެ ރިޕޯޓްގައި، ޝިންޖިއާންގައި އަޣުލަބިއްޔަތު އޮންނަ އުއިޣުރު މުސްލިމުންނާއި އަދި ބައިމަދު އެހެން ދަރިކޮޅުތަކުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހިންގާކަން ސާބިތުވެފައިވާކަމަށް ބަޔާން ކޮށްފައި ވެއެވެ.
އދގެ އާންމު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ގައުމުތަކުން ހުށަހެޅި ގުޅިފައިވާ ބަޔާނުގައި، މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ރާވައިގެން ހިންގާކަމަށް ހެކި ލިބިފައިވާ ސީރިއަސް މައްސަލަތައް ހިމަނާފައި ވެއެވެ.
އޭގެތެރޭގައި، މުސްލިމުން ބައިބަޔަށް ހިފައި ހައްޔަރު ކުރުމާއި، މުސްލިމުންނަށް ފާރަލުމާއި، މިސްކިތްތައް ހަލާކުކޮށް ސުންނާފަތިކުރުމާއި، ވީނުވީއެއް ނޭނގި މީހުން ގެއްލުމާއި، ގަދަކަމުން އަޅުމަސައްކަތް ކުރުވުމާއި، އާއިލާތައް ވަކިކުރުމައި، ބަނޑުގައި އޮންނަ ދަރި ގަދަކަމުން ވައްޓާލުންފަދަ ލާއިންސާނީ ޖަރީމާތައް ހިމެނެއެވެ.
މިމައްސަލަތަކަ ގުޅޭގޮތުން 50 ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ޓެރަރިޒަމާ ގުޅުވައި ހިންގާ މިފަދަ ލާއިންސަނީ ޖަރީމާތަކަކީ އެއްވެސް ހަމަޔަކުން ބަލައިގަނެވޭނެ ޖަރީމާތަކެއް ނޫން ކަމަށެވެ.
ހަމަ އެއާއެކު، އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުގެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަން އިސްލާހްކޮށް، ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށާއި، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ތިބި ތަންތަން ހާމަކޮށް، އެމީހުންނާއި އާއިލާތަކާ ގުޅުވައި ދިނުމަށްވެސް، ބަޔާނުގައި ގޮވާލާފައި ވެއެވެ.
އދގެ އާންމު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ގައުމުތަކުން ހުށަހެޅި ބަޔާނަށް ރައްދު ދެއްވަމުން އދގައި ހުންނަވާ ޗައިނާގެ ދާއިމީ މަންދޫބު ޑާއި ބިންގް ވިދާޅުވީ، ބަޔާނުގައި ހިމެނޭ ތުހުމަތުތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ، ޗައިނާއިން ހޯދަމުންދާ ކުރިއެރުން ހުއްޓުވަން ކުރާ ކަމެއް ކަމަށްވެސް ތުހުމަތު ކުރައްވާފައި ވެއެވެ.