ކުޅުން ހުއްޓާލާ ފުޓުބޯޅައިން ރިޓަޔަރ ކުރާނީ ރެއާލް މެޑްރިޑުގެ ޖާޒީގައި ކަމަށް އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޓޮނީ ކްރޫޒް ބުނެފިއެވެ.

ޔޫރޯ 2020 އަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކްރޫޒްގެ ކެރިއަރާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަ މިދަނޑިވަޅުގައި އޭނާ ވަނީ ރެއާލްގެ ސަޕޯޓަރުންނަށް އޭނާ ކުލަބުގައި މަޑުކުރާނެ ކަމުގެ އުފާވެރި ހަބަރު ދީފައެވެ.

ރެއާލް މެޑްރިޑާއެކު ކްރޫޒް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފުޓުބޯޅަ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުންނާއި، ބޭރުގެ ބައެއް މީޑިއާތަކުން ވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކްރޫޒް އެކުލަބު ދޫކޮށްލަން އުޅޭކަމުގެ ޚަބަރުތަކެއް ފަތުރާފައެވެ.

އުމުރުން 32 އަހަރުގެ ކްރޫޒްގެ މުސްތަގްބަލާއި ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، ވޯލްޑް ކަޕާއި ގުޅިގެން ލިބޭ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި އޭނާއަށް ކުރިމަގާއިމެދު ވިސްނަން އެކަށީގެންވާ ވަގުތު ލިބޭނެ ކަމަށެވެ. އަދި ހުރިހާ ގޮތަކުންވެސް ރެއާލްގައި ހުރީ އުފަލުން ކަމަށާއި، ފިޓްނަސް އާއި ޖިސްމާނީ ގޮތުންވެސް އެއްވެސް ކަހަލަ ގޯސްކަމެއް ނެތްކަން ކްރޫޒް ފާހަގަކުރިއެވެ.

އަދި ރެއާލް ދޫކޮށް އެހެން ކުލަބަކަށްދާން ނުވިސްނާ ކަމަށާއި، ކުޅުން ހުއްޓާލަން ބޭނުންވަނީ ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެގެން ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް އެއީ މިފަހަރުގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުން ކަމެއް ނުވަތަ މީގެ އަހަރުތަކެއް ފަހުންކަން އަދި ބުނަން ނޭނގޭކަމަށްވެސް ކްރޫޒް ބުނެފައިވެއެވެ.

ކުލަބުގެ ވެރިންނާއި، ކޯޗިންގ ސްޓާފުން އަދި އެކުގައި ކުޅޭ ކުޅުންތެރިންނާއިއެކު އޮތް ގުޅުމާއި ގުޅޭގޮތުން ވާހަކަދައްކަމުން ކްރޫޒް ބުނީ، ރެއާލްގެ ހުރިހާ މެމްބަރުންނާއި އެކުވެސް ގާތް ގުޅުމެއް އޮންނަ ކަމަށާއި، އެކަމަށް ބަދަލު ނާންނާނެ ކަމަށެވެ.

ރެއާލްގެ ކޯޗު، ކާލޯ އެންޗެލޮޓީގެ ސްކޮޑުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކްރޫޒް ވަނީ ރެއާލް އާއިއެކު 5 ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީ ހޯދާފައެވެ. މި ޖީލުގެ އެންމެ މޮޅު މިޑްފީލްޑަރުގެ ގޮތުގައި ނިސްބަތްކުރެވޭ ކްރޫޒް ވެގެންދާނީ ރެއާލްގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭ ކުޅުންތެރިއަކަށެވެ.

ބަޔާން މިއުނިކުން ސީނިއަރ ކެރިއަރު ފެށި ކްރޫޒް ރެއާލް މެޑްރިޑަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އޭނާ ވަނީ ރެއާލްގެ ޖާޒީގައި 381 މެޗު ކުޅެދީ 25 ލަނޑުވެސް ކާމިޔާބު ކޮށްދީފައެވެ.

5 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޓޮނީ ކްރޫޒް ވަނީ ރެއާލް އާއިއެކު ލަލީގާ ތިން ފަހަރު، ސްޕެނިޝް ސުޕާ ކަޕް ތިން ފަހަރު އަދި ޔޫއެފާ ސުޕާ ކަޕް ތިން ފަހަރު ހޯދުމުގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް 4 ފަހަރަށް ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން ޓޮނީ ކްރޫޒް ވަނީ ޖަރުމަނުގެ ގައުމީ ޓީމާއެކު 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.