"ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމު 2021-2023"ގެ ދިހަވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިލް އެފެއާޒްގެ އެހީތެރިކަމާއެކު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި، ބޭއްވި މި ސެޝަންގެ މައުޟޫޢަކީ "ލީޑަރޝިޕް ލެސަންސް ފްރޮމް ދަ ލައިފް އޮފް ޕްރޮފެޓް މުޙައްމަދު (ﷺ)" އެވެ.
މި ސެޝަން ނަންގަވައިދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ޒިމްބާބުވޭގެ ފަތުވާ ޑިޕާޓްމަންޓްގެ އިސްވެރިޔާ، މުފްތީ އިސްމާޢީލް މެންކް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން މި ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމަކީ، ރައީސް ޞާލިޙް، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު އިފްތިތާޙްކުރައްވައިފައިވާ ޕްރޮގްރާމެކެވެ.
މިއީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި، ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސް އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.