ކޮންޓެކްޓް ލެންސް ނަގަން ހަނދާންނެތުނު އަންހެނެއްގެ ލޮލުން 23 ކޮންޓެކްޓް ލެންސް ނަގައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި، މި މީހާއަކީ ޖެހިޖެހިގެން 23 ދުވަސް ވަންދެން، ކުރީ ދުވަހުގެ ލެންސްތައް ނުނަގައި، އައު ލެންސް ލައްވަމުންދިޔަ މީހެކެވެ.
މި އަންހެން މީހާއަށް ފަރުވާދިން ޑޮކްޓަރު ކަމަށްވާ ޑރ. ކެޓެރީނާ ކުރްޓީވާ ވަނީ އަންހެންމީހާގެ ލޮލުން ލެސްނެގުމުގެ މަރުހަލާ ފިލްމުކޮށް އޭގެ ވީޑިއޯ ސޯޝަލްމީޑިއާގައި ޕޯސްޓުކޮށްފައެވެ.
އެ ވީޑިއޯއިން އަންހެންމީހާގެ ލޮލުން ގިނަ ކޮންޓެކްޓް ލެންސްތަކެއް ނަގާ މަންޒަރު ފެނެއެވެ.
ޑރ. ކެޓެރީނާ ބުނިގޮތުގައި އެ ކޮންޓެކްޓް ލެންސްތައް ވަކިކުރީ ވަރަށް ފަަރުވާތެރިކަމާއެކު ކަމަށް ވާއިރު، އަންހެން މީހާގެ ލޮލުން މުޅި ޖުމްލަ 23 ލެންސް ނަގިފައިވެއެވެ.
އަދި ކޮންޓެކްޓް ލެންސްތައް ވަކިކުރަން ސާޖިކަލް އިންސްޓްރޫމެންޓު ބޭނުން ކުރަން ޖެހުނު ކަމަށްވެސް ޑރ ކެޓެރީނާ ވަނީ ބުނެފައެވެ.
"އިންސައިޑާ" އަށް ދިން އިންޓަވިއުއެއްގައި ޑރ. ކެޓެރީނާ ބުނީ އޭނާގެ ގާތްގަނޑަކަށް 20 ވަރަކަށް އަހަރުގެ ކެރިއަރުގައި މިފަދަ ކަމެއް ފެނިފައި ނުވާ ކަމަށެވެ. އަދި އޭނާގެ ޕޭޝަންޓަށް ވެސް އެކަން ގަބޫލު ކުރަން ދަތިވިކަމަށާއި، ގުނަމުން ދިޔަ ލެންސުތަކުގެ އަދަދު ހުރީ ރަނގަޅަށްތޯ ވެސް ސުވާލުކުރި ކަމަށް ޑޜ. ކެޓެރީނާ ވަނީ ބުނެފައެވެ.
ލޮލުން ލެންސްތައް ނެގުމަށްފަހު ޑޮކްޓަރު ވަނީ އެއަންހެންމީހާގެ ލޮލަށް އަޅަން ބޭހެއް ދިނުމަށްފަހު ގެއަށް ފޮނުވާލާފައެވެ. އަދި އެ އަންހެންމީހާގެ ހާލު ރަނގަޅު ކަމަށްވެސް ޑރ. ކެޓެރީނާ ބުނެފައިވެއެވެ.