މިއަދަކީ ދިވެހިރާއްޖޭގެ 34 ވަނަ ނަޞްރުގެ ދުވަހެވެ.
ދިވެހީން ނަޞްރުގެ ދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއިން ދިފާޢުވެ، ހޯދި ނަޞްރުގެ ޒިކުރާ އާކުރުމަށެވެ.
އެ ޙަމަލާއަކީ ދިވެހީންގެ މަދުބަޔަކު ރާއްޖޭގެ ވެރިކަމަށް ދަހިވެތިވެ، ވެރިކަމުގެ ބޭނުމުގައި ތަމަޅަ ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާއި ގުޅިގެން ހިންގި ހީލަތްތެރި އުދުވާނެކެވެ.
މިޙަމަލާ ރާވާ ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެފައި ވަނީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. ޢަބްދުﷲ ލުޠުފީއާއެކު ދިވެހިންގެ 6 މީހަކު އެކިގޮތްގޮތުން މިކަމުގައި އެހީތެރިވެފައިވެއެވެ. މި ޙާދިޘާގައި ދުޝްމަނުން ދިން ބަޑީގެ ޙަމަލާގައި އެއްވެސް ކުށެއް ނެތް 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. އެއީ ޢާންމުންގެ 11 މީހުންނާއި ދިވެހި ހިތްވަރުގަދަ ސިފައިންގެ 8 ބޭކަލެކެވެ. އަދި މިޙަމަލާގައި 39 ދިވެހިން ވަނީ ޒަޚަމްކޮށްލާފައެވެ.
ދުޝްމަނުން އެދުވަހުގެ ސިފައިންގެ ހެޑްކުއާޓަރަށް ތިން ދިމާއަކުން ހަމަލާތައް ދެމުން ގެންދިޔައެވެ. އެއީ ސިފައިންގެ ކުރިމަތިން މައިގޭޓަށާއި، ސިފައިންގެ އިރުއުތުރު ކަންމަތިންނާއި، ސިފައިންގެ ހުޅަނގުދެކުނު ކަންމަތިންނެވެ.
ނޮވެންބަރު 3ގެ ޙަމާލާ ނާކާމިޔާބު ކޮށްލުމުގައި އެންމެކުރީ ސަފުގައި ހުންނެވީ ހދ. ކުޅުދުއްފުށީގެ ހިތްވަރުގަދަ ބަޠަލެކެވެ. އެއީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕަރަލް ޙުސައިން އާދަމެވެ. މުޅި ދިވެހި ދީބު އެ ދަރިއަކަށްޓަކައި ފަހުރުވެރިވާ، ޝުކުރުވެރިވާ ޤައުމީ އަބްޠާލެކެވެ. އެންމެ 20 އަހަރުގެ އެ ޒުވާނާ އެދުވަހު އެއްވެސް އަމިއްލަ އެދުމެއްނެތި އޭނާގެ ފުރާނަ ހިބަކޮށްދެއްވީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ މި ލޮބުވެތި ވަޠަނަށްޓަކައެވެ. ގާތްގަނޑަކަށް 17 ވަރަކަށް ގަޑިއިރުވަންދެން ތަމަޅަ ހަނގުރާމަވެރިން އެދުވަހު މާލެގައި ޙަމަލާތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލާއާއި ގުޅިގެން ދިވެހި ސަރުކާރުން ޢަސްކަރީ އެހީއަށް އެދުނީ އިންޑިއާ ސަރުކާރުގައެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން އިންޑިއާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއިރު ހަނގުރާމަ ވަނީ މައިތިރިވެފައެވެ. އެހެންކަމުން އެބައިމީހުންނަށް ހަނގުރާމަ ކުރާކަށެއް ނުޖެހުނެވެ. އިންޑިއާ ސިފައިން ކުރަން ޖެހުނު ކަމަކީ، ދިވެހި ސިފައިންގެ ވަރުގަދަ ހަމަލާތަކަށް ގަންނާކުރެއްވި ބިރުން ފިލަންދިޔަ "ފިނޑިން" ފިލިޔަ ނުދިނުމެވެ.
އެދުވަހު އެންމެ މަތިވެރި ޖިހާދެއް ކުރެއްވީ އަހަރެމެންގެ ހިތްވަރުގަދަ ދިވެހި ސިފައިންނާއި، ޤައުމަށް ހެޔޮއެދޭ ދިވެހި ލޮބުވެތި ރައްޔިތުންނެވެ.
ބާޣީން ބަލިވުމާއި ގުޅިގެން ރާއްޖޭން ފިލުމަށްޓަކައި މާލެ ބަނދަރުގައި އޮތް ބޯޓެއް ކަމަށްވާ "ޕްރޮގްރެސްލައިޓް" އަށް އަރައިގެން ފިލަން ދިޔައިރު ދިޔައީ ރަހީނުންގެ ގޮތުގައި އެތަކެއް ދިވެހީން ގޮވައިގެންނެވެ. މީގެ ތެރޭގައި ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ. އިންޑިއާގެ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަންއިރު ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްލާފައެވެ.
ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. މާތްﷲ ގެ މަދަދާއިއެކު ދިވެހިން ކުރި ހިތްވަރާއިއެކު ހަނގުރާމައިގައި ކާމިޔާބު ލިބި، ޚާއިނުންގެ އަނިޔާވެރި މަކަރުވެރި ރޭވުންތަކުން ދިވެހި އުންމަތް ސާލާމަތްވެ އޯގާވަންތަ މާތްﷲ ގެ ރަޙުމަތުން ނަޞްރު ލިބުނީއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ޢުދުވާނީ ޙަމަލާއަކީ، ރާއްޖެއަށް އެކިފަހަރުމަތިން ކުރިމަތިވެފައިވާ ދުޝްމިނުންގެ ޙަމަލާތަކުގެ ތެރެއިން ސަރުކާރާއި ރައްޔިތުންގެ ފަރާތުން މިޒަމާނުގެ ހަތިޔާރާއި ހުނަރުތައް ބޭނުންކުރެވުނު އެންމެ ވަރުގަދަ ޙަމަލާއެވެ. ހިތާމައަކީ މިއަދުވެސް ދިވެހީންގެ ތެރޭގައި ޤައުމުގެ މިނިވަންކަމާއި، ދީނަށް ޢަދާވަތްތެރިވާ މަދުބަޔަކު ނަމަވެސް އުޅެމުންދާކަމެވެ. މިހާރުވެސް އިސްލާމްދީން ނޫން ދީންތަކަށް މިޤައުމުން ފުރުޞަތު ހޯދައިދިނުމަށް މަސައްކަތްކުރާ ދިވެހީން މަދުން ނަމަވެސް އެބަމަސައްކަތްކުރެއެވެ. އެކަމަކު މާތް ﷲ އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބެއް ނުވާނެއެވެ.
މީގެއިތުރުން، އެދުވަހު ގައުމުގެ ދިފާއުގައި ފުރާނަ ގުރުބާންކުރި ބަޠަލުންގެ "ލެގަސީ" ކަޅު ކުރުމަށް ނުވަތަ އެ ބޭފުޅުންނަށް ކުޑައިމީސްކުރާ ބަޔަކުވެސް މިއަދު، މަދުން ނަމަވެސް އުޅޭކަމީ، އެކަމާއި އަޅުގަނޑުމެން އެންމެން ލަދުވެތިވާން ޖެހޭ ކަމެކެވެ. މިއަދު މިނިވަން ޖައްވެއްގައި، އުފާވެރިކަމާއި ހިތްހަމަޖެހުމުގައި މި އުޅެނީ، އެދުވަހު އެބޭކަލުންވީ ގުރުބާނީގެ ސަބަބުންކަން އެއީ ކިތަންމެ ބަޔަކު މަސައްކަތް ކުރިނަމަވެސް، އޮޅުވާނުލެވޭނެ ހަގީގަތެވެ. ފޮހެ ނުލެވޭނެ ތާރީޚެވެ.
ރާއްޖޭގެ ވެރިކަން ހޯދުމަށް ދުޝްމަނުން ދިން މިޢުދުވާނީ ޙަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަސްރުގެދުވަހުގެ ގޮތުގައި ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.
މާތް ﷲ މި ލޮބިވެތި ވަޠަން މިނިވަންކަމުގެ ހިޔަލުގައި އަބަދުމެ ލަހައްޓަވާށިއެވެ. - އާމީން