ރާއްޖެއަށް ދިރިއުޅުން ބަދަލުކުރާ ނަމަ، ޝައުގުވެރިކަން ހުރީ ހުލުމާލޭގައި ދިރިއުޅުމަށްކަން ޒިމްބާބްވޭއަށް ނިސްބަތްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުފްތީ އިސްމާއިލް މެންކު ހާމަކުރައްވައިފިއެވެ.
ޑރ. މުފްތީ މެންކު މިކަން ހާމަކުރެއްވީ "އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް" މި މައުޟޫއަށް މި ފަހުން ހުޅުމާލޭގައި ދެއްވި ދަރުސްގައެވެ.
ޑރ. މުފްތީ މެންކު ވިދާޅުވީ ކުރިން ރާއްޖެއަށް ވަޑައިގެންނެވި އިރުގައި ހުޅުމާލޭ ކައިރިން ދަތުރުކުރެއްވި ކަމަށެވެ. އެކަމަކު އެފަހަރު ހުޅުމާލޭ ބަލާލުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ. ނަމަވެސް މި ފަހަރު ހުޅުމާލޭ ބަލާމުގެ ފުރުސަތު ލިބުނުކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
ހުޅުމާލެ ވަރަށް ރީތި ކަމަށާއި ރާއްޖެއަށް ދިރިއުޅުން ބަދަލުކުރާނަމަ ދިރިއުޅޭނީ ހުޅުމާލޭގައި ކަމަށްވެސް މެންކު ވިދާޅުވިއެވެ.
ޑރ. މުފްތީ މެންކު އެހެން ވިދާޅުވާ ވީޑިއޯ ރެކޯޑިން ސޯޝަލްމީޑިއާގައި ހިއްސާކުރައްވަމުން ހުޅުމާލޭގެ ބެލެނިވެރި ކުންފުނި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީ. އިން ބުނީ މުފްތީ މެންކް ދެން ފަހަރަކުން ރާއްޖެއަށް ވަޑައިގެންފިނަމަ އެ ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގެ ޓުައަރ އެއް ދޭނެ ކަމަށެވެ.
ފަސް ދުވަހުގެ މުއްދަތަކަށް މިދިޔަ މަހުގެ ފަހުކޮޅު ޑރ. މުފްތީ މެންކު ރާއްޖެ ވަޑައިގަތީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށެވެ. އެ ދަތުރުފުޅު ނިންމަވާލެއްވީ ރާއްޖޭގެ ތިން ސަރަހައްދެއްގައި 4 ދަރުސް ދެއްވުމަށް ފަހުއެވެ.
ޑރ. މުފްތީ މެންކު ވަނީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން 2020 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގެންފައެވެ. އެ ދަތުރުގައި ކުޅުދުއްފުށީ ސިޓީގައި އޭނާ ދަރުސް ދެއްވިއެވެ. އޭގެކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވާފައި ވެއެވެ.
ޑރ. މުފްތީ މެންކަކީ ޒިމްބާބުވޭގެ އިސްލާމިކް ކައުންސިލްގެ ފަތުވާ ޑިޕާޓްމެންޓުގެ އިސްވެރިއާއެވެ. އަދި ޒިމްބާބުވޭގެ ހަރާރޭގެ މަސްޖިދުލް ފަލާހުގެ އިމާމުކަންވެސް ކުރައްވައެވެ.
ޑރ. މުފްތީ މެންކް އަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާއި ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ.
މުފްތީ މެންކު ފާހަގަކުރެވެނީ މުޖުތަމަޢުތަކުގައި ހުރި ގިނަ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވާ އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށް ދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.