ފޮޓޯގްރާފަރެއްގެ ކެމެރާއިން ހިނިތުންވެފައި "ސެލްފީއެއް" ނެގި ރާމާމަކުނަކަށް އެ ފޮޓޯގެ ކޮޕީރައިޓް ހިފަހައްޓަން ޝަރުތު ހަމަނުވާ ކަމަށް ކޯޓުން ނިންމައިފިއެވެ.
ރާމާމަކުނުގެ މި "ސެލްފީ" ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސުރުޚީތަކަށް އަރައިވައިވާއިރު، އެ ފޮޓޯ މަޝްހޫރުވީ އެ ޕޮޓޮއާއި ގުޅިގެން ކޯޓަށް ކޮށްފައިވާ ދައުވާއެއްގެ ސަބަބުނެނެވެ.
އިންޑޮނޭޝިއާގެ ސުލަވެސީގެ ރަށެއް ކަމަށްވާ ޓަންގްކޯކޯ ރިޒާވްގައި މިނިވަންކަމާއެކު ދިރިއުޅެމުން އަންނަ އުމުރުން 6 އަހަރުގެ މި ރާމާމަކުނަށް ވަނީ "ނަރޫޓޯ"ގެ ނަމުން ނަންދީފަކަމަށް ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.
ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގަބޫލު ކުރާގޮތުގައި، ނަރޫޓޯއަށް ކޮޕީރައިޓްގެ މިލްކުވެރިކަމާއި މަންފާ ހޯދުމުގެ ހައްގު، އެހެން ފަރާތްތަކާ އެއްފަދައިން ލިބިގެންވެއެވެ.
ނަރޫޓޯގެ މި މަޝްހޫރު ސެލްފީ ނަގާފައިވަނީ، އިނގިރޭސިވިލާތުގެ ފޮޓޯގްރާފަރެއް ކަމަށްވާ ޑޭވިޑް ސްލޭޓާ އޭނާގެ ކެމެރާ ވަލުތެރޭގައި ބާއްވާފައި އޮއްވާ 2011 ވަނަ އަހަރެވެ.
ނަރޫޓޯވަނީ އެކެމެރާއިން ބައިވަރު ފޮޓޯތަކެއް ނަގާފައެވެ.
މިކަމާ ގުޅިގެން ޕީޕަލް ފޯ ދަ އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕީޓާ)އިން ސެން ފްރެންސިސްކޯގައި ހުންނަ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް ދައުވާތަކެއް ވަނީ ހުށަހަޅާފައެވެ.
ޕީޓާއިން ބަހުސް ކުރަނީ އެފޮޓޯތަކަކީ ޑޭވިޑްގެ އެއްވެސް އެހީތެރިކަމަކާ ނުލާ ނަގައިފައިވާ ޕޮޓޯތަކަކަށް ވުމުގެ ސަބަބުން އެ ޕޮޓޯތަކުގެ ކޮޕީރައިޓް ރާމާމަކުނަށް ދޭންޖެހޭނެ ކަމަށެވެ. އަދި އެ ފޮޓޯތަކުން ލިބޭ ހުރިހާ ފައިސާއެއް ނަރޫޓޯގެ ފައިދާއަށް ޕީޓާ އަށް ދިނުމަށް ވެސް އެމުއަށްސަސާއިން ވަނީ ކޯޓަށް އެދިފައެވެ.
ކޯޓުން ބުނިގޮތުގައި، ހިމާޔަތް ދިނުމުގެ ގާނޫނުގެ ދަށުން ޖަނަވާރުންނަށް ވެސް ހިމާޔަތް ދިނުމުގެ ފުރުސަތު އެމެރިކާގެ ކޮންގްރެސްއާއި، ރައީސްގެ އެއްބަސްވުމާއެކު އޮތް ކަމުގަވީ ނަމަވެސް، އެއީ ކޮޕީ ރައިޓްގެ ގާނޫނުގެ ދަށުން ހިނގާނެ ކަމެއް ނޫނެވެ.
އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ވިލިއަމް އޮރިކް ވިދާޅުވީ، އެ ފޮޓޯތަކުގެ ކޮޕީރައިޓް ވެރިފަރާތަކީ ނަރޫޓޯ ކަމަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ.
ފޮޓޯގްރާފާ ޑޭވިޑް ވަނީ އެ މައްސަލަ ބޭރުކޮށްލުމަށް ކޯޓަށް އެދިފައެވެ. އަދި އޭނާގެ ކުންފުނިން އެޕޮޓޯތަކުގެ ކޮޕީރައިޓް ހޯދާފައިވާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކޮޕީރައިޓަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް ޑޭވިޑް ބުނެއެވެ.