ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ގައިކޮޅަށް ބަޑިޖަހައިފިއެވެ.
އިމްރާންގެ ގައިކޮޅަށް މީހަކު ބަޑިޖަހާފައިވަނީ، ޕާކިސްތާނުގެ ވަޒީރްއާބާދުގައި އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން ބޭއްވި ހިނގާލުމެއްގައި އުޅުއްވަނިކޮށެވެ.
ތަހްރީކޭ އިންސާފް ޕާޓީގެ އޮފިޝަލަކު މީޑިއާއަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، އެމީހާ ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އިމްރާން ޚާންގެ ފަޔަށެވެ. މި ހަމަލާގެ ސަބަބުން އިމްރާން ޚާންގެ ފުރާނަފުޅަށް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަންވެސް އޮފިޝަލް ދެއްވާފައި ވެއެވެ.
މި ހަމަލާގައި، އިމްރާން ޚާންގެ އިތުރުން، އިތުރު 6 މީހަކު ޒަޚަމްވި ކަމަށްވެސް ތަހްރީކޭ އިންސާފްޕާޓީން ބުނެފައި ވެއެވެ.
މި ހަމަލާއާއި ގުޅިގެން އިމްރާން ޚާން މިހާރުވަނީ ލާހޯރުގެ ހޮސްޕިޓަލަކަށް ގެންދެވި ފަރުވާދެމުންނެވެ.
ތަހްރީކޭ އިންސާފް ޕާޓީގެ ހިނގާލުމުގެ ތެރެއަށް ބަޑިޖެހި މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް، އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެމީހާ އިމްރާން ޚާންއަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. އަދި އިމްރާން ޚާންގެ ޕާޓީގެ ސަޕޯޓަރަކު އެމީހާ ބަޑިޖަހަން ފެށުމާއެކު އަތުގައި ހިފައި އޮބައިގަނެ ބިންމައްޗަށް ވައްޓާލާ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.
ތަހްރީކޭ އިންސާފު ޕާޓީގެ މެމްބަރުން ބުނަނީ، އޭނާއަށް އިމްރާން ޚާންގެ ގައިކޮޅަށް އިތުރު ހަމަލާއެއް ނުދެވުނީ ސަޕޯޓަރު، އޭނާ ހިފެހެއްޓުމުގެ ސަބަބުން ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ނެރުއްވި ބަޔާނެއްގައި، މިހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައި ވެއެވެ. އަދި މިކަމުގެ ތަހްގީގު ވަގުތުން ފެށުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައި ވެއެވެ.
ވަޒީރުއާބާދުގައި މިއަދު ބޭއްވި ހިނގާލުމަކީ، ވެރިރަށް އިސްލާމްއާބާދާ ހަމައަށް ދިއުމަށް އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން މިދިޔަ އޮކްޓޫބަރުމަހުގެ 28 ވަނަ ދުވަހު ފެށި ހިނގާލުމުގެ ބައެކެވެ. ހިނގާލުމުގެ ބައިވެރިން ވެރިރަށާ ހަމައަށް ފޯރާނެ ކަމަށް ބެލެވިފައިވަނީ މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
މި ހިނގާލުމަކީ، ޕާކިސްތާނުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ގޮވާލައި ބައްވާ ހިނގާލުމެކެވެ.
މިއަހަރުގެ އޭޕްރީލްމަހު މަގާމުން ދުރުކުރި ފަހުން އިމްރާން ޚާން ގެންދަވަނީ ޕާކިސްތާނުގައި އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ޕްރެޝަރ ކުރައްވަމުންނެވެ. އެގޮތުން، ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައްވެސް ގެންދަނީ ބާއްވަމުންނެވެ. މި އެއްވުންތަކުގައި އެތައްލައްކަ މީހުން ބައިވެރިވަމުން ގެންދެއެވެ.