ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއިން، މަރުގެ އެތިފަހަރަކުން އޭނާ ސަލާމަތްކޮށްދިން "ބަޠަލަށް" ގިނަ ބައެއްގެ ތައުރީފު ލިބިއްޖެއެވެ.
30 ގެ އަހަރުތައް ގުނަމުންދާ މި ޒުވާނާގެ ނަމަކީ އިބްތިސާމް ހަސަން އެވެ. އިމްރާން ޚާން މަރާލުމުގެ ނިޔަތުގައި ދިން ހަމަލާ ނާކާމިޔާބު ކޮށްލުމުން، ގިނަ ބަޔަކު އަންނަނީ އިބްތިސާމް އަށް ތައުރީފުކޮށް ސަނާ ކިޔަމުންނެވެ.
އިމްރާންގެ ގައިކޮޅަށް މީހަކު ބަޑިޖަހާފައިވަނީ، ޕާކިސްތާނުގެ ވަޒީރްއާބާދުގައި އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން ބޭއްވި ހިނގާލުމެއްގައި އުޅުއްވަނިކޮށެވެ.
ތަހްރީކޭ އިންސާފް ޕާޓީގެ އޮފިޝަލަކު މީޑިއާއަށް ކަށަވަރު ކޮށްދެއްވި ގޮތުގައި، އެމީހާ ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އިމްރާން ޚާންގެ ފަޔަށެވެ. މި ހަމަލާގެ ސަބަބުން އިމްރާން ޚާންގެ ފުރާނަފުޅަށް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަންވެސް އޮފިޝަލް ދެއްވާފައި ވެއެވެ.
މި ހަމަލާގައި، އިމްރާން ޚާންގެ އިތުރުން، އިތުރު 6 މީހަކު ޒަޚަމްވި ކަމަށްވެސް ތަހްރީކޭ އިންސާފްޕާޓީން ބުނެފައި ވެއެވެ.
އިމްރާން އަށް ހަމަލާދިން މީހާއަށް ހުރަސް އެޅުމުގެ ގޮތުން، އިބްތިސާމް ވަނީ އެ މީހާ ބަޑި ލޯޑު ކޮށްލުމަށްފަހު މައްޗަށް ހިއްލާލި ވަގުތުގައި، އެމީހާގެ ގައިގައި އޮޅުލައިގަނެ ބިންމައްޗަށް ވައްޓާލާފައެވެ. އިމްރާންގެ ފަޔަށް ވަޒަން އެރީ އިބްތިސާމް އެމީހާގެ ގައިގައި އޮޅުލައިގަތް ވަގުތު ޖެހި ވަޒަންތަކަކުންނެވެ. އަދި ދެން ވަޒަން އަމާޒުވި މީހުންގެ ގަޔަށްވެސް ވަޒަން އެރީ އިބްތިސާމް އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި ވަކި މިސްރާބެއް ނެތި އެމީހާ ޖެހި ވަޒަންތަކުގެ ސަބަބުންނެވެ.
ހަމަލާދިން މީހާ އެވަގުތު ޕާކިސްތާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެމީހާ ވަނީ ބަޑިޖެހި ސަބަބު ހާމަކޮށްފައެވެ. ޕޮލިސް ސްޓޭޝަންގައި ވީޑިއޯއެއް މެދުވެރިކޮށް އެމީހާ ބުނީ، އިމްރާން ހާން މަރާލަން ނިންމީ ބަންގި ގޮވި ވަގުތުގައި މިއުޒިކް ޖަހައިގެން ސިޔާސީ ހަރަކާތް މަގުމަތީގައި ހިންގާތީ އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.
އަދި އަމާޒަކަށްވީ އިމްރާން ޚާން މަރާލުން ކަމަށާއި، އެހެން މީހަކަށް އަނިޔާއެއް ދިނުން އެއީ ބޭނުންވި ގޮތެއް ނޫން ކަމަށްވެސް އެމީހާ ބުނެފައިވެއެވެ. އެމީހާ ބުނި ގޮތުގައި މިކަމުގައި އޭނާއަށް އެހެން އެއްވެސް މީހަކު ވާގިވެރިއެއް ނުވެއެވެ. އަދި އެ ނިންމުން ނިންމީ އަމިއްލައަށް ކަމަށާއި، ހިނގާލުމަށް އައީ އަމިއްލަ ސައިކަލުގައި ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.
މި މީހާއަށް ހުރަސްއެޅި އިބްތިސާމް ބުނިގޮތުގައި، ހަމަލާދިން މީހާ އެވަގުތު ހުރީ އިމްރާން ޚާން އަރާވަޑައިގެން ހުންނެވި އުޅަނދާއި 12 ވަރަކަށް ފޫޓު ދުރުގައެވެ. ކަންދިމާކުރި ގޮތުން އެމީހާ ބަޑިއަށް ވަޒަން ލައްވާ ބަޑި ލޯޑުވި މަންޒަރު އޭނާއަށް ފެނުނީ ކަމަށާއި، ވަގުތުން އެމީހާއަށް ހުރަސް އެޅުމަށް ނިންމާ އެކަން ކުރީކަމަށް އިބްތިސާމް ބުނެފައިވެއެވެ.
އަދި ދިރި ހުރިހާ ހިނދަކު އިމްރާން ޚާންގެ ދިފާއުގައި ހުންނާނެ ކަމަށާއި، ދިރި ހުރިހާ ހިނދަކު އިމްރާން ޚާން އަށް އެހެން މީހަކު ހަމަލާއެއް ދިނުމުގެ ފުރުސަތު ނުދޭނެކަމަށްވެސް އިބްތިސާމް ބުންޏެވެ.