އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމާއި ގުޅޭގޮތުން މަޝްވަރާތައް ފަށަން އިނގިރޭސި ސަރުކާރުން އެއްބަސްވެއްޖެއެވެ.

ބީބީސީއިން ބުނާގޮތުގައި، ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން އިނގިރޭސިވިލާތަށް މަޖުބޫރުވީ ޗާގޮސްގެ ރަށްތަކަށް ބާރު ހިންގަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި މަސައްކަތްތައް ނާކާމިޔާބުވުމުގެ ސަބަބުންނެވެ.

ޗާގޮސްގެ މައްސަލާގައި އިނގިރޭސި ވިލާތުން ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ދެފަހަރަށް ނާކާމިޔާބު ވެފައެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ، ޖޭމްސް ކްލެވާލީ ލިޔުމުން ދެއްވި ވަޒީރުންގެ ބަޔާނެއްގައި ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު މޮރިޝަސްއާއެކު އެއްބަސްވުމަކަށް އައުން ކަމަށެވެ.

ބީބީސީން ބުނާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން 1960 އާއި 1970 ގެ އަހަރުތަކުގައި އިނގިރޭސި ސަރުކާރުން ގަދަކަމުން ގެދޮރު ގެއްލުނު ޗާގޯސް އާކިޕެލަގޯގެ ކުރީގެ ރަށްވެހިން އެނބުރި ގައުމަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މޮރިޝަސް 1968 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވި ނަމަވެސް ޗާގޯސްގައި ތިބި 2000 ވަރަކަށް މީހުން މޮރިޝަސް އާއި ސީޝެލްސް އަދި އިނގިރޭސިވިލާތައް ބަދަލުކޮށް ޗާގޯސް ފަޅުކޮށްލިއެވެ. އެއަށްފަހު ޑިއޭގޯގާސިއާގައި އޮތް އަސްކަރީ ބޭސް އެމެރިކާއަށް ކުއްޔަށް ދިނެވެ.

ޗާގޯސްގެ ރަށްތަކުން ބޭލި މީހުން ގެންދަނީ އެމީހުންގެ ވަޒަނަށް އެނބުރި ދިއުމަށް އަދިވެސް ގާނޫނީ މަސައްކަތްތައް ކުރަމުންނެވެ.

2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއާއި އިނގިރޭސިވިލާތުގެ ހައިކޯޓުންވެސް ނިންމާފަައި ވަނީ އިނގިރޭސިވިލާތުން ޗާގޯސްއަށް ވެރިވެގަނެގެން ތިބީ ގާނޫނާއި ހިލާފަށް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެނިންމުންތަކަށް ތަބާވާން ނުޖެހޭނެ ކަމަށް ބުނެފައެވެ.

ޗާގޯސް، މޮރިޝަސް އާއި ހަވާލު ކުރުމުގެ މަޝްވަރާތައް ފެށި ނަމަވެސް ޑިއޭގޯގާސިއާގައި އޮތް އަސްކަރީ ބޭސް އެގޮތައް ބޭއްވުމަށާއި، އެބޭސްގައި އިނގިރޭސިވިލާތުގެ ސިފައިން ނުވަތަ އިނގިރޭސީން ބޭނުން ގައުމެއްގެ ސިފައިންނަށް ތިބެވޭ ގޮތައް އިނގިރޭސިވިލާތުން ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.