ފިލްމު "ގަންޕަތް" ގެ ބިޒީ ޝެޑިއުލްއެއްގައި މިހާރުވެސް މަސައްކަތް ކުރަމުންދާ އެކްޓަރު ޓައިގާ ޝްރޮފްއަށް އިތުރު ފިލްމަކުން ފުރުޞަތު ލިބިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު "ހީރޯ ޕަންތީ 2" އިން އެންމެ ފަހުން ފެނިގެންދިޔަ އެކްޓަރު ސޮއިކޮށްފައިވަނީ މަގުބޫލު ފިލްމު "މިޝަން މަންގަލް" ގެ ޑައިރެކްޓަރު ޖަގަން ޝަކްތީގެ ފިލްމަކަށެވެ.
ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމަކީ، އިމޯޝަނަލް އެކްޝަން ޑްރާމާއެއްކަމަށް ރިޕޯޓުތައް ބުނެއެވެ. މިފިލްމުގެ ބޮޑު ބައި ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ޖަގަން ޝަކްތީގެ މިފިލްމަކީ ޖެކީ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓެއިންމަންޓްއިން ގެނެސްދޭ ފިލްމެކެވެ. ޓައިގާ މިވަގުތު މަސައްކަތް ކުރަމުން އަންނަ ފިލްމު "ގަންޕަތް" އަކީވެސް ޖެކީ ބަގްނާނީގެ ކުންފުނިން ގެނެސްދޭ ފިލްމެކެވެ. އެހެންކަމުން މިއީ ޓައިގާއާއި ޖެކީ ބަގްނަނީ އެކީގައި މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ފަރާތްތަކުން ބުނެފައިވަނީ މިފިލްމު ރަސްމީކޮށް އިއުލާނު ނުކުރެވިގެން އުޅެނީ އެކްޓަރު ޓައިގާއަށް ޝެޑިއުލް މިވަގުތުހުރި ގޮތުން ފިލްމަށް ވަގުތު ނުދެވި އުޅޭތީއެވެ.
ޓައިގާގެ މިވަގުތު މަސައްކަތް ކުރަމުންދާ އިތުރު ފިލްމުތަކުގެ ތެރޭގައި "ބަޅޭ މިޔާން، ޗޯޓީ މިޔާން" އަދި "ރާމްބޯ" ރިމޭކްވެސް ހިމެނެއެވެ.
މިވަގުތު ހިންދީ ސިނަމާގައިހުރި ޒުވާން އެކްޝަން އެކްޓަރު ޓައިގާ އަންނަނީ ބައިނަލްއަޤްވާމީ ފިލްމު ކުންފުނިތަކާއެކުވެސް މަސައްކަތްކުރުމަށް ވިސްނަމުންކަމަށް ރިޕޯޓުތައް ބުނެއެވެ.