ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ސިދާތް އާނަންދުގެ ފިލްމު "ފައިޓާ" ރިލީޒްކުރުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ފަސްކޮށްފިއެވެ.
މިފިލްމު މީގެކުރިން ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ.
ބަތަލާ ދިޕިކާ ޕަޑުކޯންއާއި އެކްޓަރު ރިތިކް ރޯޝަން މުހިއްމު ރޯލްއިން ފެނިގެންދާ މިފިލްމަކީ ރިތިކްއާއެކު ސިދާތް މަސައްކަތްކުރާ ދެވަނަ ފިލްމެވެ. މީގެކުރިން ދެމީހުން އެކީގައި މަސައްކަތް ކޮށްފައިވަނީ، 2019 ވަނަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ވޯ" ގައެވެ.
ފިލްމު "ފައިޓާ" އަކީ އިންޑިއާގެ އެއާފޯސްއާއި ގުޅޭގޮތުން އުފައްދާ ފިލްމެކެވެ. ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްދާއިރު އިންޑިއާގެ ކުރީގެ އާމީ އޮފިސަރެއްކަމަށްވާ ރެމޮން ޗިބްވަނީ ފިލްމުގެ ކްރޫއާއި ގުޅިފައެވެ.
ރެމޮން ޗިބްއަކީ މިފިލްމުގެ ސްކްރީންޕްލޭ ލިޔާ ފަރާތްވެސްމެއެވެ. އާމީ އޮފިސަރެއްގެގޮތުގައި އިންޑިއާގެ އެއާފޯސްގައި މަސައްކަތްކުރި ދުވަސްވަރުގެ ތަޖުރިބާވެސް ރެމޮން ފިލްމުގެ ކްރޫއާއި ހިއްސާ ކުރުމަށްވަނީ ނިންމާފައެވެ.
ފިލްމު "ފައިޓާ" ރިލީޒްކުރުން ފަސްކުރެވިފައިވާކަމަށް ސޯޝަލް މީޑިއާގައި އާއްމުކޮށް އެކްޓަރު ރިތިކްވަނީ މިފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
ރިތިކްއާއި ދިޕިކާ އެއާފޯސް ޕައިލެޓުންގެގޮތުގައި ފިލްމުގައި ފެނިގެންދާއިރު އެކްޓަރު އަނިލް ކަޕޫރުވެސް ފިލްމުގައި މުހިއްމު ދައުރެއް އަދާކުރާނެއެވެ.
މިފިލްމަކީ ޑައިރެކްޓަރު ސިދާތް ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ސިދާތް އާނަންދް މަގުބޫލުވެފައިވަނީ ވަރުގަދަ އެކްޝަން ފިލްމުތައް ސްކްރީނަށް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގައެވެ.
ސިދާތް މިހާރުވެސް އަންނަނީ އެކްޓަރު ޝާހްރުކް ޚާން، ޖޯން އަބްރަހަމް އަދި ބަތަލާ ދިޕިކާ ޕަދުކޯން މުހިއްމު ރޯލްކުޅޭ ފިލްމު "ޕަތާން" ގެ މަސައްކަތް ކުރަމުންނެވެ. މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރުގެ ސެޕްޓެމްބަރު 30 ގައި ރިލީޒްވި ފިލްމު "ވިކްރަމް ވޭދާ" އިންނެވެ.