އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމު "ފައިޓާ" ރިލީޒް ނުކުރުމަށް ނިންމުމާއި ގުޅިގެން ފިލްމު "ސަލާރް" ގެ ޓީމަށް ބޮޑު އުފާވެރިކަމެއްވަނީ ލިބިފައެވެ. ސަބަބަކީ މީގެކުރިން މި ދެފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އެއް ތާރީޚެއްގައި ކަމަށްވާތީއެވެ.

ފިލްމު "ފައިޓާ" ރިލީޒްކުރުން 2024 އަށް ފަސްކުރުމުން މީގެކުރިން ހަމަޖެއްސި ތާރީޚުކަމަށްވާ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ގައި ރިލީޒްކުރާނީ ފިލްމު "ސަލާރް" އެކަންޏެވެ.

ދެ ފިލްމު އެއްފަހަރާ ރިލީޒްކުރިނަމަ ދެފިލްމުން ވަކި ފިލްމެއް ހޮވަން ބެލުންތެރިންނަށް ވަރަށް ދަތިވީސްކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ، ދެ ފިލްމަކީވެސް ވަރަށް ވަރުގަދަ އެކްޝަން 2 ފިލްމަށްވެފައި މި 2 ފިލްމުވެސް އުފައްދަނީ ވަރަށް ބޮޑު ބަޖެޓަކުން ކަމަށްވާތީއެވެ.

ފިލްމު "ސަލާރް" އަކީ ކާމިޔާބު "ކޭ.ޖީ.އެފް" ގެ ސީރީސްތައް ގެނެސްދިން ހޮމްބާލޭ ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ. މިފިލްމުގެ ޑައިރެކްޓަރަކީވެސް "ކޭ.ޖީ.އެފް" ސީރީސްތައް ޑައިރެކްޓްކުރި ޕްރަޝާންތް ނީލްއެވެ.

ސައުތް އެކްޓަރު ޕްރަބާސް މުހިއްމު ރޯލްއިން ފެނިގެންދާ މިފިލްމުގައި ބަތަލާއެއްގެ ރޯލްއިން ފެނިގެންދާނީ ޝްރޫތީ ހަސަންއެވެ. މީގެއިތުރުން ތަމަޅަ ފިލްމުތަކުން ފެންނަ މަގުބޫލު އެކްޓަރު ޖަގަޕަތީ ބާބޫ އަދި ޕްރިތްވީ ރާޖް ސުކުމަރަން މުހިއްމު ރޯލްއިން ފެނިގެންދާނެއެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފިލްމު އުފެއްދުމުގެ ޚަބަރު އިއުލާނުކުރުމާއެކު ޕްރަބާސްގެ ފޭނުން މިހާރު އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމަކަށް "ސަލާރް" ވަނީ ވެފައެވެ.

މިފިލްމު ރިލީޒްކުރުން މީގެކުރިން ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ފިލްމުގެ މަސައްކަތްވަނީ ހުއްޓިފައެވެ.

ފިލްމާ ގުޅޭގޮތުން އެކްޓަރު ޕްރަބާސް ބުނެފައިވަނީ މިހާތަނަށް އޭނާ ފެނިފައިނުވާ ފަދަ "ވައަލެންޓް" ގޮތަކަށް ފިލްމުގެ އެކްޝަން ސީންތަކުން އޭނާ ފެންނާނެއެވެ. އަދި މިއީ އެކްޓަރު މިފަދަ ރޯލެއް ތަޖުރިބާކުރާ ފުރަތަމަ ފަހަރު ކަމުގައިވެސް ވަނީ ބުނެފައެވެ.

ޕްރަބާސް އެންމެފަހުން ފެނިފައިވަނީ ރީތި ލޯބީގެ ފިލްމު "ރާދޭ ޝްޔާމް" އިންނެވެ.

ތަމަޅަ އަދި ހިންދީ ބަހުން ރިލީޒްކުރި މިފިލްމު ފަހުންވަނީ އެމޭޒަން ޕްރައިމްގައި ޕްރިމިއާކޮށްފައެވެ.

ޕްރަބާސްގެ ކުރިޔަށްހުރި ފިލްމުތަކުގެތެރޭގައި އެކްޓަރު ސައިފް އަލީ ޚާން އަދި ބަތަލާ ކްރިތީ ސެނޮންއާއެކު ކުޅޭ ފިލްމު "އަދިޕުރުޝް" އަދި "ޕްރޮޖެކްޓް ކޭ" ނަމަކަށްކިޔާ ފިލްމެއް ހިމެނެއެވެ.

https://www.youtube.com/watch?v=qJ8tXs0dmZk