ހަމަލާ ރޭވީ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަޑީގައި ހުންނަވައިގެން ކަމަށާއި، މިއީ، އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ތުހުމަތު ކުރައްވައިފިއެވެ.

އިމްރާންގެ ގައިކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު މީހަކު ބަޑިޖަހާފައިވަނީ، ޕާކިސްތާނުގެ ވަޒީރްއާބާދުގައި އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން ބޭއްވި ހިނގާލުމެއްގައި އުޅުއްވަނިކޮށެވެ. އެމީހާ ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ އިމްރާން ޚާންގެ ފަޔަށެވެ.

މި ހަމަލާއާ ގުޅިގެން އިމްރާން ގެންދަވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.

ބަޑިޖެހުމުގެ ސަބަބުން އިމްރާން ޚާންގެ އިތުރުން، އިތުރު 10 މީހަކު ޒަޚަމްވެފައިވާއިރު، ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް އެތެރެއިން އެކަކުވަނީ މަރުވެފައެވެ.

ވީލްޗެއަރގައި އިންނަވައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ، މިއީ އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށާއި، މިކަން ރޭވުމުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބައިވެރިވެވަޑައި ގަންނަވާ ކަމަށެވެ. އަދި ދާޚިލީ ވަޒީރު ރާނާ ސަނައުﷲ އާއި ސިފައިންގެ އިސް ކޮމާންޑަރަކުވެސް މިކަން ރޭވުމުގައި ބައިވެރިވާ ކަމަށް އިމްރާން ޚާން ތުހުމަތު ކުރެއްވިއެވެ.

"އެ ތިންމީހުން ނިންމީ އަޅުގަނޑު މަރާލަން. ބަޑިޖެހުމުގައި ދެމީހަކު ބައިވެރިވި"
އިމްރާން ޚާން

ހަމަލާ ރޭވުމުގައި ބޮޑުވަޒީރު ޝަހްބާޒާއި، ދާޚިލީ ވަޒީރާއި އަދި ސިފައިންގެ އިސް ކޮމާންޑަރަކު ބައިވެރިވާ ކަމަށް އިމްރާން ޚާން ތުހުމަތު ކުރެއްވި ނަމަވެސް، އެކަމާގުޅޭ އެއްވެސް ހެއްކެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ސަރުކާރުން ބުނަމުންގެންދަނީ، އިމްރާން ޚާންއަށް ހަމަލާ ދިނުމުގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވާ ކަމަށެވެ. އަދި އިމްރާން ޚާންގެ ގައިކޮޅަށް ބަޑިޖެހީ ދީނީ ހަރުކަށި ފިކުރުގެ ޝޫއޫރުގެ ތެރެއިން ކަމަށްވެސް ބުނެފައި ވެއެވެ.

އިމްރާން ޚާން ދަތުރުކުރެއްވި، މޮޑިފައި ކޮށްފައިވާ ކޮންޓެއިނަރ ޓްރަކް އާންމުންނާ ގާތްވި ވަގުތު، ކުރިމަތިން ބަޑިޖަހަންފެށި މީހާގެ އަތުގައި ހިފަހައްޓައި ހުއްޓުވީ އިމްރާން ޚާންގެ ސަޕޯޓަރެކެވެ. ފުލުހުންވަނީ ވަގުތުން އޭނާ ހައްޔަރުކޮށްފައެވެ.

އިމްރާން ޚާންގެ ފަހަތްޕުޅުގައި އެވަގުތު ހުންނެވީ ކުރީގެ އިންފޮމޭޝަން މިނިސްޓަރ ފުއާދު ޗައުދަރީ ވިދާޅުވީ، އިމްރާން ޚާންއާއެކު ކުރީ ސަފުގައި ތިއްބެވި އެންމެންގެ ގަޔަށް ވަޒަންއެރި ކަމަށެވެ.

އިމްރާން ޚާންގެ ގައިކޮޅަށް ބަޑިޖެހި މީހާ ފުލުހުންނަށް ދީފައިވާ އިއުތިރާފް ބަޔާނުގެ ވީޑިއޯ ފަހުންވަނީ ސޯޝަލް މީޑިއާއަށް ލީކްވެފައެވެ. ވީޑިއޯގައި އެމީހާ ބުނަނީ އިމްރާން ޚާންގެ ގައިކޮޅަށް ބަޑިޖެހީ އާންމުންނަށް ކަންކަން އޮޅުވާލަމުން ގެންދަވާތީއާއި، އަދި ނަމާދަށް ބަންގި ގޮވާ ވަގުތަށްވެސް ހުއްޓާލައި މަގުމަތީގައި އަޑުގަދަކުރަމުން ހިންގާލުން ކުރިއަށް ގެންދާތީ އެކަމަ އައި ރުޅީގައި ކަމަށެވެ.