2024 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޝާރާތް ކުރައްވައިފިއެވެ.

އަޔޯވާގައި ބޭއްވި އެއްވުމެއްގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި ޓްރަމްޕް ވިދާޅުވީ "އެމެރިކާއަކީ ކާމިޔާބު، ރައްކާތެރި އަދި މަތިވެރި ގައުމަކަށް" ހެއްދެވުމަށްޓަކައި ރިޔާސީ އިންތިޚާބަށް އޭނާ ކުރިމަތިލެއްވުން "ވަރަށް ވަރަށް" ގާތް ކަމަށެވެ.

ޓްރަމްޕްވަނީ، އެކަމަށް ތައްޔާރުވުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

އެމެރިކާގެ ބައެއް މީޑިއާ ވިއުގަތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް ރާވަމުން ގެންދަވަނީ، އަންނަ ހަފްތާގައި އެމެރިކާގައި ބާއްވާ މިޑްޓާރމް އިންތިޚާބަށްފަހު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރަސްމީގޮތުން އިއުލާން ކުރެއްވުމަށެވެ. ނޮވެމްބަރު 14 ކުރިން އެފަދަ އިއުލާނެއް ޓްރަމްޕް ކުރައްވަފާނެ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ.

ޓްރަމްޕް ދައުވާ ކުރައްވާގޮތުގައި، 2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުން އޭނާ ބަލިވެވަޑައި ގެންނެވީ، ވޯޓު އޮޅުވާލައި މަކަރު ހެދުމުގެ ސަބަބުން ކަމަށެވެ. އަޔޯވާގައި ބޭއްވި އެއްވުމުގައިވެސް ޓްރަމްޕްވަނީ އެ ތުހުމަތުތައް ތަކުރާރު ކުރައްވާފައެވެ.

އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ފަރާތުން އެމެރިކާގެ ކޯޓުތަކަށް ހުށަހެޅި އެއްވެސް މައްސަލައެއް ސާބިތުވެފައެއް ނުވެއެވެ.

2024 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޓްރަމްޕަށް ފުރަތަމަ ޖެހިވަޑައި ގަންނަވާނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމެރީ ކާމިޔާބު ކުރައްވާށެވެ.

އެކަމަކު، ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓަށް، އެޕާޓީގެ ތެރެއިން ޓްރަމްޕްގެ ގާތް ބޭފުޅުންތކެއްވެސް ވާދަކުރައްވާނެ ކަމަށް ބެލެވިފައި ވެއެވެ. އޭގެތެރޭގައި، ފްލޮރިޑާގެ ގަވަރްނަރ ރޮން ޑިސެންޓިސް އަދި ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނެވި އެމްބަސެޑަރ ނިކީ ހޭލީ ހިމެނިވަޑައި ގަންނަވައެވެ.

މީގެއިތުރުން، ޓްރަމްޕްގެ ވެރިކަމުގައި ނައިބް ރައީސަކަށް ހުންނެވި މައިކް ޕެންސްވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެ ކަމަށް ބެލެވިފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނޭ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވިއިރު، މިހާރުގެ ރައީސް ޖޯ ބައިޑެންވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާނޭ ކަމަށް ވިދާޅުވެފައެވެ.

ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވައިފިނަމަ، ދެވަނަ ދައުރު ފަށްޓަވާއިރު ޖޯ ބައިޑެންގެ އުމުރުފުޅުން 81 އަހަރު ވާނެއެވެ. ބައިޑެން މިހާރުވެސް ވެފައިވަނީ އެމެރިކާގެ ރައީސްކަން ކުރައްވާ އުމުރުފުޅުން އެންމެ ދޮށީ ރައީސަށެވެ.