ޓެންޒޭނިއާގެ ކޯރަކަށް ވެއްޓުނު މަތިންދާ ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

43 މީހުންނާއެކު ދަތުރުކުރި ޕްރެސިޝަން އެއަރގެ މަތިންދާ ބޯޓު، ލޭކް ވިކްޓޯރިއާ ކޯރަށް ވެއްޓިފައިވަނީ މިއަދުއެވެ. ބޯޓު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެއެވެ.

މަތިންދާ ބޯޓު ވެއްޓިފައިވަނީ ދާރުއްސަލާމުން ފުރައިގެން ޓެންޒޭނިއާގެ އުތުރުހުޅަނގު ކަގޭރާ ރީޖަންގެ ބުކޯބާ ސިޓީއަށް ދަތުރު ކުރަނިކޮށެވެ.

ކަގޭރާ ރީޖަންގެ ފުލުހުންގެ ކޮމާންޑަރ ވިލިއަމް އެމްވަމްޕަގޭލް ވިދާޅުވީ، މަތިންދާ ބޯޓު ލޭކް ވިކްޓޯރިއާއަށް ވެއްޓުނީ އެއަރޕޯޓަށް ޖެއްސުމަށް ގާތްގަނޑަކަށް 100 މީޓަރަށް ގާތްވެފައި ވަނިކޮށް ކަމަށެވެ.

ކަގޭރާ ރީޖަނަލް ކޮމިޝަނަރ އަލްބަޓް ޗަލަމިލާ ވިދާޅުވީ، ބޯޓު ވެއްޓުނުއިރު އޭގައި ތިބީ 39 ފަސިންޖަރުންނާއި، ދެ ޕައިލެޓުންނާއި، ދެ ކެބިން ކްރޫއިން ކަމަށެވެ.

މަތިންދާ ބޯޓު ވެއްޓުމާއެކު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޗަލަމިލާ ވިދާޅުވީ، މިހާތަނަށް 26 މީހަކު ދިރިތިއްބާ ސަލާމަތް ކުރެވިފައިވާ ކަމަށާއި، އެމީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދާ ކަމަށެވެ.

ޓެންޒޭނިއާގެ މީޑިއާއިން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި، މަތިންދާ ބޯޓު އޮތީ އެއްކޮށްހެން ކަހަލަގޮތަކަށް ފެނުއަޑީގައި، ދެފެންދޭތެރެއަށްވާ ގޮތަށެވެ. މީހުން ސަލާމަތްކުރަން ބޯޓުގައި ވާޖަހައި ކެރޭނު ބޭނުންކޮށްގެން ފެނުން މައްޗަށް އުފުލަންވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި، މީހުން ސަލާމަތްކުރާ ޓީމުތަކާއި، މަސްވެރިންނާއި އާންމުންވެސް ހަރަކާތްތެރިވަމުންދާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ވެއްޓިފައިވަނީ އޭޓިއާރް-42 މަރުކާގެ ބޯޓެކެވެ.

މި ބޯޓު ދުއްވާ ޕްރެސިޝަން އެއަރ އަކީ ޓެންޒޭނިއާގެ އެންމެބޮޑު އަމިއްލަ އެއަރލައިނެވެ.