މޫސުމީ ކާރިޘާތަކުން ފަގީރު ގައުމުތަކަށް ލިބޭ ގެއްލުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށީގެ ނާޒުކު ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމުގެ މަޝްވަރާތައް ކުރުމަށް ކޮޕް27 ކްލައިމެޓް ސަމިޓުގެ އެޖެންޑާގައި ފުރަތަމަ ފަހަރަށް ހިމަނައިފިއެވެ.

މިކަމުގެ މަޝްވަރާތައް ކުރުމަށް މިސްރުގެ ޝަރުމުއްޝައިޚްގައި މިއަދު ފެށި އދގެ މޫސުމާބެހޭ މަހާސިންތާ، ކޮޕް27 ސަމިޓުގެ އެޖެންޑާގައި ހިމަނަން ހުށަހެޅި ހުށަހެޅުން މެމްބަރު ގައުމުތަކުންވަނީ ފާސްކޮށްފައެވެ.

ކޮޕް27 ކްލައިމެޓް ސަމިޓުގެ މިދައުރުގެ ރައީސް، މިސްރުގެ ސާމިހް ޝުކްރީ، ސަމިޓް ފެށުމުގެގޮތުން ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ކޮޕް އަދި ޕެރިސް އެގްރީމެންޓްގެ ޖަލްސާގެ އެޖެންޑާގައި މިމައްސަލަ ހިމެނުމުގެ ސަބަބުން، މޫސުމީ ކާރިޘާތަކުގެ ސަބަބުން ގައުމުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލުދިނުމުގެ މައްސަލައަށް މަޝްވަރާތައް ފެށުމަށް ފުރަތަމަ ފަހަރަށް ފުރުސަތު ހުޅުވިގެންދިޔައީ ކަމަށެވެ.

ކޮޕް27 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުން މިހާރުވަނީ ޝަރްމުއްޝައިޚަށް ވަޑައިގެންފައެވެ.

ސަމިޓުގެ މަޝްވަރާތައް މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހަށް ދެމިގެންދާނެއެވެ.

މިފަހަރުގެ ސަމިޓުގައިވެސް، ގިނަ ކަންބޮޑުވުންތައް ފާޅުކުރާނެ މައިގަނޑު މައްސަލަތަކަކީ، މޫސުމީ ކާރިޘާތަކުން ގައުމުތަކަށް ލިބޭ ގެއްލުންތައް ކަމަށް ވެއެވެ. ޖައްވަށް ވިހަގޭސް ބޭރުކުރުމުގެ ވަރަށް ކުޑަކުޑަ ޒިންމާއެއް އުފުލަންޖެހޭ ތިމާވެށީގެ ނާޒުކު އަދި މަދުން އާމްދަނީ ލިބޭ ގައުމުތަކަށް މުއްސަނދި ގައުމުތަކުން ފަންޑުކުރުމާ ގުޅޭ މައްސަލަތަކެވެ.

މިދިޔައަހަރު ގްލާސްގޯގައި ބޭއްވި ކޮޕް26 ސަމިޓުގައި، މުއްސަނދި ގައުމުތަކުންވަނީ، މޫސުމީ ކާރިޘާތަކުން ލިބޭ ގެއްލުންތަކަށް ބަދަލުދިނުމަށް ހުށަހެޅި ޕްރޮޕޯސަލް ބްލޮކްކޮށްފައެވެ. އެހެން ނަމަވެސް، ތިންއަހަރުގެ ދުވަހުގެ މަޝްވަރާގެ ފުރުސަތު ދިނުމަށް ތާއީދުކުރިއެވެ.

މިފަހަރުގެ ސަމިޓުގެ އެޖެންޑާގައި ބަދަލުދިނުމުގެ މައްސަލާގައި މަޝްވަރާތައް ކުރުމަށް ހިމެނިނަމަވެސް، ގާނޫނީގޮތުން ބަދަލުދޭންޖެހޭ ގޮތަށް މަޝްވަރާތައް ކުރުން ނުހިމެނޭ ކަމަށް ކޮޕް27 ގެ ރައީސް ސާމިހް ޝުކްރީ ވިދާޅުވިއެވެ.

އެހެން ނަމަވެސް، ބަދަލުދިނުމުގެ މައްސަލއަށް 2024 ގެ ކުރިން އެންމެފަހުގެ ގޮތެއް ނިންމަން މަގުފަހިކުރަން މަޝްވަރާތަކުގައި ވިސްނުންތައް ބަހައްޓާނެ ކަމަށް ޝުކްރީ ވިދާޅުވިއެވެ.