ދެކުނު އެމެރިކާގެ ކައުންޓީއެއް ކަމަށްވާ ޕެރޫގެ ނޭޝަނަލް ޕޮލިސް އޮފިސަރުން ސުޕަހީރޯސްގެ ހެދުން އަޅައިގެން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހުން އަތުލައިގަތުމަށް އޮޕްރޭޝަނެއް ހިންގައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިންގި މިއޮޕްރޭޝަނުގައި، ފުލުހުން ވަނީ ސްޕައިޑާމޭން، ކެޕްޓަން އެމެރިކާ، ތޯރ އަދި ބެޓްމޭން ކޮސްޓިއުމް އަޅާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުންގާ ފުލުހުން މިހެން ހެދުން އެޅީ ސްކޫލެއްގައި ކުދިން މުނިފޫހިފިލުވައިދޭ ފަންނާނުންގެ ގޮތުގައި ފެނިގެން ދިއުމަށެވެ.
"އޮޕަރޭޝަން މާވެލް" ގެ ނަމުން ނަން ދީފައިވާ މި މިޝަން އަމާޒުކޮށްފައިވަނީ ޕެރޫގެ ވެރިރަށް ލީމާގައި މަސްތުވާތަކެތީގެ ތުހުމަތުކުރެވޭ ގޭންގަކަށް ނިސްބަތްވާ މީހުންނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އޮޕްރޭޝަނުގައި ކުށްކުރާ ޖަމާއަތަކަށް ނިސްބަތްވާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައި ވާއިރު، މަސްތުވާތަކެތީގެ ބާވަތްތައް ކަމަށްވާ މެރުއާނާއާއި، ކޮކެއިންގެ އިތުރުން ހައިޑްރޯކްލޯރައިޑް ވެސް ވަނީ އަތުލައިގެންފައެވެ.
މި އޮޕްރޭޝަނުގައި ފުލުހުންވަނީ 10 ބެކްއަޕް އޮފިސަރުންނާއި އެކު ކުށަށް ތުހުމަތުކުރެވޭ މީހުންގެ ގެއަކަށްގޮސް އެގޭ ދޮތުފަޅާލައިގެން އެގެއަށް ވެދެފައެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފަރާތްތަކުން އެންމެ ފުރުތަމަ ހީކުރީ އެއީ ޖޯކެއް ކަމަށެވެ. ނަމަވެސް މާސްކް ނާޅާ ފުލުހުންގެ އޮފިސަރުން އެތަނަށް ވަނުމުން އެމީހުން އެކަން ސީރިއަސްކޮށް ނެގިކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުންގެ ކާނަލް ޑޭވިޑް ވިލާނުއެވާއާ ހަވާލާދީ ނިއުޔޯކް ޕޯސްޓުން ބުނީ، އެ އިމާރާތުގައި ދިރިއުޅޭ އާއިލާއިން ގެންދަނީ މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރީ ފުޅާދާއިރާއެއްގައި ކުރަމުން ކަމަށެވެ. އެ އާއިލާއިން މަސްތުވާތަކެތި ވިއްކަން އުޅުނީ ކައިރީގައި ހުރި ޕާކެއްގަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.